ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓްގައި މިއަދު އޮތީ އަދީބުގެ މައްޗަށް އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާ ދިނުމާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތެވެ. މިއަދު މެންދުރު ފަހު 14:00 ތާވަލްކުރި ޝަރީއަތް ކެންސަލް ކުރީ ދައުލަތުން އެދިގެންނެވެ.
މިއީ މިފަހުން އަދީބުގެ ޝަރީއަތްތަކެެއް ތާވަލް ކުރުމަށްފަހު ކެންސަލް ކުރި ތިންވަނަ ފަހަރެވެ.
މީގެ ކުރިން އެތައް ދައުވާތަކެއް އުފުލާ، ދިގު މުއްދަތުގެ ޖަލު ހުކުމްތައް އަދީބުގެ މައްޗަށް ކުރި ނަމަވެސް އެ ހުރިހާ ހުކުމްތަކެއް ފަހުން ވަނީ ބާތިލްކޮށްފައެވެ. އެ ހުކުމްތައް ބާތިލްކޮށްފައިވަނިކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ އިތުރު ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައެވެ.
އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ. އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.
މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.
މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.
އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މިވަގުތަށް ނަގަން ބޭނުންވާ ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.