ހަބަރު

ދެ ރަށެއްގެ ހޯލާއި، އެއް ރަށުގައި ކްލާސްރޫމް އަޅަން ހަވާލުކޮށްފި

ދެ ރަށެއްގައި މަލްޓިޕާޕޮސް ހޯލަކާއި، އެއް ރަށުގައި ދެ ކްލާސްރޫމް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އއ. ތޮއްޑޫ އާއި ރ. ހުޅުދުއްފާރު ސްކޫލުގައި މަލްޓިޕާޕޮސް ހޯލެއް އެޅުމުގެ އިތުރުން ހދ، ނެއްލައިދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.

ތޮއްޑޫ އާއި ހުޅުދުއްފާރުގައި އަޅަން ހަމަޖެހިފައިވަނީ، އެކި އެކި ހަފްލާތަކާއި ރަސްމިއްޔާތުތަައް ބޭއްވޭނެ 500 ދަރިވަރުންގެ ޖާގައިގެ ދެ ބުރީގެ ހޯލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް ވިދާޅުވި އެވެ. މި ހޯލުގައި ހަތަރު ފާހަނާ އާއި ދެ ޗޭންޖިން ރޫމް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ފާހަނާ އެއްވެސް ހުންނާނެ ކަމަށް މައުލޫމާތު ދެއްވި އެވެ.

އަދި ވިދާޅުވީ، ދެ ރަށުގައިވެސް އަޅާ ހޯލްތަކުގައި ރޭމްޕް ހަރުކޮށް ސްޓޭޖުގެ ދަށް، ގުދަނެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ޕްރޮޖެކްޓު އެއް އަހަރު ދުވަހު ތެރޭ ނިންމަން ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާއިރު ކޮންމެ ހޯލަކަށް ހަތް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސޮއި ކުރި، ނެއްލައިދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ، އިންޓަލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ އެވެ. މި ޕްރޮޖެކްޓަށް ދެ މިލިއަން ހަރަދުވާއިރު ނިންމުމަށް ދީފައިވަނީ 125 ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވާލުކުރި ތިން ޕްރޮޖެކްޓަކީވެސް އެ މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކެކެވެ. އަދި މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 20 ޕްރޮޖެކްޓެއްގައި ސޮއި ކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.