އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގެންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރު ދެއްކެވުމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަމިއްލައަށް ކުރެވިފައިވާ ހުރި ކަންކަމުން ރެކެން ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންދާތީ ފުރާނަ ސަލާމަތްކުރުމަށް ކަމަށް ހަސަން ލުތުފީ ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއާ ގުޅިގެން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ އޭނާއަށް އިންޒާރު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް އަންގަވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.
އެ ކަމާ ގުޅިގެން މަޖިލީހުގެ މިރޭގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވެ އެވެ. އެ ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެ ކުއްލި މައްސަލައަށާއި ހަސަން ލުތުފީއަށް ފާޑުވިދާޅުވުންތައް އަމާޒުކުރެއްވި އެވެ. އަދި މިނިސްޓަރު އިމްރާން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި ލުތުފީ އަނބުރާ ރާއްޖެ ގެންނަން ޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ލުތުފީއަށް ބިރު ދެއްކީ މިނިސްޓަރު އިމްރާން ނޫން ކަމަށާއ ދިވެހި ރައްޔިތުން ކަމަށެވެ. ލުތުފީ ރާއްޖެ ދޫކުރައްވައި އުޅުއްވަނީ ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލާގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލަން ދިވެހި ރައްޔިތުން ބޭނުންނުވާތީ އެ ކަމާ ގެންނެވި ބިރެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރު އިމްރާން ކުރައްވަންވީ ކަމަކީ ލުތުފީ ހުރި ހިސާބަކުން ރާއްޖެ އަނބުރާ ގެންނަންވީ. ގެނެސް އިންސާފުގެ ކުރިމައްޗަށް ގެންނަންވީ. ޖަލު ގޮޅިއަށް ލާންވީ، ލުތުފީ ވަނީ ގިނަ ހިޔާނާތުގެ މައްސަލަތަކުގައި އިހުމާލުވެފައި،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އިދިކޮޅު ޕާޓީގެ މެންބަރަކު ހުށަހެޅި މައްސަލައެއް އެމްޑީޕީން ބަލައިގަތުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. ލުތުފީއަކީ މަޖިލީހުގައި ވާހަކަދައްކަން ޖެހޭ ވަރަށްވުރެ އަގު ނެތް މީހެއް ކަމަށާއި އެފަދަ މީހަކު ދެއްކި ވާހަކައަކާ ގުޅިގެން މަޖިލީހުން ވަގުތު ނަގާލަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ ލުތުފީއަކީ އޭރުގެ ސަރުކާރުން ކޮށްފައިވާ "ވައްކަންތައް ސާފުކުރި" ބޭފުޅެއް ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގައި ހިންގި ހިޔާނާތްތައް ލުތުފީ "ސާފުކުރި" ކަމަށާއި އެހެން ހިޔާނާތުގެ މައްސަލަތަކުގައި ލުތުފީ އިހުމާލުވެފައިވާ ކަމަށް ގިޓާ ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ފަރާތުން ލުތުފީ އެންމެ އަވަހަކަށް މި ރާއްޖެ ގެނެސް ލުތުފީ ކުރި ކަންކަމަށް އިންސާފު ހޯދައިދޭން ޖެހޭ. އޭނާ އޭނާވި އިހުމާލުގެ މައްސަލަތައް ބަލަން ޖެހޭ،" ޝިޔާން ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ ލުތުފީއަށް އެފަދަ ބިރެއް އެއްވެސް ފަރާތަކުން ދައްކާފައިވާނަމަ އެ ކަން އެއްވެސް މުއައްސަސާއަކަށް އަންގާފައި ނުވާ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މިއޮށްހާ ދުވަހު އެފަދަ ވާހަކައެއް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ. އެއޮށްހާ ދުވަހު އެކަން ނުކުރެއްވީ ކީއްވެގެންތޯ ހަސަން ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ އެއްވެސް ސަރުކާރަކުން ވައްކަން ކުރާ ކަމަށްވާނަމަ އެކަން ބަލަން ޖެހެއޭ. ކޮންމެ މީހަކު ވެސް ދައުލަތް ކާލާފައި ގައުމުން ބޭރުގައި. އޭނާއަށް ބިރު ދައްކަނީ، އޭނާއަށް އިންސާފު ދޭންވީ، ދައުލަތް ކާލައިގެން ދާ މީހާއަށް އިންސާފު ލިބޭނީ އިންސާފުގެ ކުރިމައްޗަށް ގެނެސްގެން. އޭނާ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ،" ހަސަންޓޭ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އޭސީސީއަކީ ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަންތައް ހުއްޓުވުމުގެ މެންޑޭޓް އޮތް މުއައްސަސާކަމަށްވީއިރު، މިދިޔަ ފަސް އަހަރު އެ މުއައްސަސާއާ ހަވާލުވެ ހުންނެވިއިރު އޭރު އޮތް ވެރިކަމުން ރެކޯޑު އަދަދަކަށް ކޮރަޕްޝަން ހިންގެވިއިރު އެ ޒިންމާ އަދާކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ލުތުފީ ބޭރަށް ވަޑައިގެންނެވީ ބިރު ދައްކާތީ ނޫން ކަމަށާއި ކުރެވިފައި ހުރި ކަންކަމުން ބިރު ގަންނާތީ ކަމަށެވެ.
"ރާއްޖެ ގެންނަ މުދާތަކުން ބިލިއަނުން ބިލިއަނުން ވައްކަން ކުރިއިރު އެ ކަމެެއް ނުބަލާ. އެހެންވީމަ މިހާރު ބިރު ގަންނާނެ ނޫންތޯ. އަޅުގަނޑު ހަމަ ގޮވާލަން ރާއްޖެއަށް ހިޔާނާތްތެރިވި އެއް ލުތުފީ ގެނައި ފަދައިން މި ލުތުފީ ވެސް އަނބުރާ އަވަހަށް ރާއްޖެ ގެނެސް އޭނާވި އިހުމާލުގެ މައްސަލަތައް ބަލަން." ވައްޑެ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވީ މިދިޔަ ސަރުކާރުގައި އެއްވެސް މުއައްސަސާއެއްގައި މިނިވަން ކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅަކު މަގާމުގައި ދެމިހުރެވިފައި ނުވާ ކަމަށެވެ. އެ ގޮތުން ލުތުފީ ވެސް މަގާމުގައި ދެމި ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ހިދުމަތް ކުރައްވަން އެ ބޭފުޅާ ހުންނެވުން ކަމަށާއި އެ ދެ ބޭފުޅުންގެ ގުޅުމުގެ މައުލުމާތު އަބަދުވެސް އިވެމެންދޫ ކަމަށް އިންތި ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވުމާއެކު ސިޔާސީ ބޭފުޅުންނަށް ހިވާނެ ދެން ތިމަންނަ ވެސް މަގާމު ދޫކޮށްފައި ދާންވީއޭ. ލުތުފީއަށް ވެސް ހީވީ އެހެން. ލުތުފީއަށް ވެސް ހީވީ އޭނާއަކީ ކުރީގެ ރައީސް ޔާމީނަށް ހިދުމަތް ކުރައްވަން ހުންނެވި ސިޔާސީ ބޭފުޅެއް. ގައުމުގައި މީހުންނަށް ބިރު ދެއްކުމުގެ މާހައުލެއް ނެތް. އެހެންވެ ރާއްޖޭން ބޭރުގައި ފިލައިގެން އޮންނަންވީ ސަބަބެއް ނެތް." އިންތި ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުރި "ވައްކަންތަކުގައި" ލުތުފީ ބައިވެރިވި ކަމަށް ތުހުމަތު ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ. އެ ގޮތުން މިދިޔަ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު ތިން އަހަރުވަންދެން "ފޮރުވައިގެން" ލުތުފީ އުޅުއްވި ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"ރިޕޯޓު އާންމުކުރިއިރު 155 އަށްވުރެ ގިނަ މީހުންގެ އެކައުންޓްތަކަށް އެސްއޯއެފް ކުންފުނިން އޮތީ ފައިސާ ޖަމާކޮށްފައި، އެކަމަކު އެއިން ކުށްވެރި ވަނީ ކޮން ބައެއް ކަމެއް ވެސް ލުތުފީ މަގާމުގައި ހުންނެވިއިރު އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށް ނުލެވުނު." ފިއްޓޭ ވިދާޅުވި އެވެ.