ވިޔަފާރި

އެތެރޭގެ ވައިގެ ދަތުރުފަތުރުން ލިބުނު އާމްދަނީ 20 ޕަސެންޓް މައްޗަށް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެތެރޭގެ ވައިގެ ދަތުރުފަތުރުން ދައުލަތަށް ލިބުނު އާމްދަނީ 20 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރޭގެ ވައިގެ ދަތުރުފަތުރުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 48 މިލިއަން ޑޮލަރެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި މި އަދަދު 58 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. މިއީ 20 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެން ގޮސްފައި މިވަނީ ޓޫރިޒަމް ސިނާއަތު ރަނގަޅު ވުމާއި ގުޅިގެންނެވެ. އަދި ޓޫރިޒަމް އެނދުތައް އިތުރުވެގެން ދިއުމުންނެވެ. މިހާރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭން 877 ތަނެއް ރަޖިސްޓްރީކޮށްފައިވާއިރު ޓޫރިޒަމް އެނދުގެ އަދަދު ވަނީ 48,825 އަށް އިތުރުވެފަ އެވެ. އަދި މިއަހަރު އިތުރު އާ އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ވަނީ ފަށާފަ އެވެ.