ދުނިޔެ

މުޒާހަރާތަކުގެ ސަބަބުން ހޮންގް ކޮންގް ނުރައްކަލަށް ވެއްޓިދާނެ

ހޮންކޮންގް ސަރުކާރުން ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް އެ ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން ގައުމު ހީނުކުރެވޭ ވަރުގެ ބޮނޑު ގެއްލުމަކަށް ވެއްޓިދާނެ ކަމަށް ހޮންގް ކޮންގްގެ ސަރުކާރުން ބުނެފި އެވެ.

މުޒާހަރާތައް ކުށްވެރިކޮށް ހޮންގްކޮންގް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާގެ ބައިވެރިން މުޒާހަރާގެ ތެރެއިން އާންމުން އަދި ސަރުކާރުގެ މުދަލަށް ގެއްލުންދީ، މާރާމާރީ ހިންގައި ދަތުރުފަތުރުކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ގައުމު ބޮޑު ނުރައްކަލަކަށް ވެއްޓިފައިވާ ކަމަށެވެ.

އިއްޔެ ހޮންގްކޮންގެ އެއާޕޯޓުތަކުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ 40 ފުލައިޓު ވަނީ ކެންސަލްކޮށްފަ އެވެ. އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓުފަ އެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 49 އަކަަށް ވުރެ މައްޗަށް އަރަ އެވެ.

"މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ހައްދުން ނެއްޓި އަމާންކަން ނަގާލަމުން، މިކަމަކީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް، އެއްވެސް ހާލެއްގައި މިކަން ބަލައެއް ނުގަނެވޭނެ" ބަޔާނުގައި ބުނެފައިވެ އެވެ.

އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވީ، މުޒާހަރާގައި ބައިވެރިވި މޫނު ނިވާކޮށްގެންތިބި ގޭންގަކުން ބިލާއި ދެކޮޅަށް މުޒާހަރާކުރި ސިޔާސީ ލީޑަރަކަށް ހަމަލާދިނުމާއި ހަމަލާތައް ހުއްޓުވުމަށް ފުލުހުން ނާކާމިޔާބު ވުމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާގޮތުން އެ ހަމަަލާ ދީފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ތުހުމަތުތައް ދޮގުކޮށް ބުނީ، ހަމަލާދީފައިވަނީ އެމެރިކާގެ އިން ވާގިދޭ ބަޔަކު ކަމަށެވެ.

ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މުޒާހަރާތައް ކުރަން ފެށީ، އެކްސްޓްރެޑިޝަން ބިލްގެ ސަބަބުން ޗައިނާ ސަރުކާރުން އެދިއްޖެ ކޮންމެ ހަލާތެއްގައި ހޮންގް ކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބޭތީ އެވެ.