ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއްސަސާއަކީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އެވެ. ނަމަވެސް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފަ އެވެ. މުހިންމު މި މަގާމަށް ބޭފުޅަކު ނަގަނީ އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އެ ބޭފުޅަކު ހޮވަނީ ރައްޔިތުން މަޖިލީހުންނެވެ. މިހާރު ރާއްޖޭގެ ގަވަރުނަރުގެ ގޮނޑި ހުސްކޮށް ހުރިއިރު، މި މަގާމު ހޯދަން ގިނަ އަދަދެއްގެ ބޭފުޅުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ބައެއް ބޭފުޅުންނަށް މިމަގާމު "އޮފާ" ކޮށްފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. މިމަގާމަށް ވަޑައިގަންވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުން އެމްއެމްއޭގެ ތެރޭގައި އެބަތިއްބެވި އެވެ. އެމްއެމްއޭގެ އާ ގަވަރުނަރަކީ ކޮން ބޭފުޅެއް ހެއްޔެވެ؟
މި ވަޑައިގަންނަވާ ބޭފުޅަކު ވާން ޖެހޭނީ "ސިޔާސީ ކުލަ" ނެތް މީހަށެވެ. ސަބަބަކީ ރާއްޖޭގެ މުޅި ވިޔަފާރީގެ ދާއިރާ ބިނާވެފައިވާ މުއައްސަސާއަކީ މިތަން ކަމަށްވުމުންނެވެ. އެމްއެމްއޭއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ވުޒާރާ ކަމަށްވާތީ އެ ބޭފުޅަކު ވާން ޖެހޭނީ ކަމުގެ ތައުލީމާއި ތަޖުރިބާ ވެސް ހުރި ބޭފުޅަކަށެވެ. ދެން އޮތީ މަރުކަޒީ ބޭންކަށް އެޅިފައިވާ ތުހުމަތުގެ ހިޔަންޏެވެ. ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގައި އެމްއެމްއޭއަށް އަމާޒުވެފައިވާ އިހުމާލުގެ އިނގިލިތަކެވެ. ގަވަރުނަރުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް މަރުކަޒީ ބޭންކާ މެދު މީހުން ދެކޭ ގޮތާއި އިތުބާރު އަނބުރާ ހޯދުމުގެ ބިޔަ ޒިންމާ އާވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
މި ހުރިހާ ޝަރުތުތަކެއް ހުރި ބޭފުޅަކު ނަގާނަމަ މި މަގާމަށް ވަޑައިގެންފާނެ ބައެއް ބޭފުޅުން ރާއްޖޭގައި އެ ބަތިއްބެވެ. ތިރީގައި އެ ވަނީ މި މަގާމަށް އައުން އެ ކަށީގެންވާ ބައެއް ބޭފުޅުންގެ ނަން ތަކެވެ. އެނގިފައިވާ ގޮތުގައި މީގެތެރެ އިން ބައެއް ބޭފުޅުންނަށް ސަރުކާރުން ވަނީ އެ މަގާމު ހުށަހަޅާފަ އެވެ.
އަހުމަދު ޝަރުވަޝް
ގަވަރުނަރުގެ މަގާމަށް އަންނާނެ ކަމަށް ލަފާކުރެވޭ އެއް ބޭފުޅަކީ މިހާރު ފިނޭންސް މިނިސްޓްރީގެ ހެޑް އޮފް ފިޒްކަލް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ، ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިގެ މަގާމުގައި ހުންނެވި އަހުމަދު ޝަރުވަޝް އާދަމް އެވެ. އޭނާއަކީ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވާތާ 10 އަހަރުވެފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އޭނާ ވަނީ އެމްއެމްއޭ އާއި މީރާގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފަ އެވެ.
އިދުހާމް ހުސެއިން
އެމްއެމްއޭގައި މަސައްކަތް ކުރައްވައި ގިނަ ދުވަހު ތަޖުރިބާ ހޯއްދަވައި އަދި މިހާރު ވެސް އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިދުހާމް ހުސެއިންއަކީ ވެސް ގަވަރުނަރުގެ މަގާމަށް ވަޑައިގަތުމަކީ އެކަށީގެންވާ ބޭފުޅެކެވެ. އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗު އަދި ސްޓެޓިކްސްގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު ވެސް ފުރުއްވާފައިވާ އިދުހާމް މިހާރު ވެސް ހުންނެވީ އެމްއެމްއޭގެ ބޯޑުގަ އެވެ. އޭނާ ގެންދަވަނީ 1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވަމުންނެވެ. އިދުހާމަކީ ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮ އެވެ.
މަރިޔަމް ހާލިދާ
އެމްއެމްއޭގައި މަސައްކަތް ކުރައްވާފައިވާ މަރިޔަމް ހާލިދާއަކީ މި ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މިހާރު މަރިޔަމް ހާލިދާ ހުންނެވީ މިނިވަމް ވޭޖު ބޯޑުގެ ޗެއާގެ މަގާމުގަ އެވެ. މަރިޔަމްއަކީ ވެސް ގަވަރުނަރުގެ މަގާމަށް އައުން އެކަށީގެންވާ ބޭފުޅެކެވެ. މަރިޔަމްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދުއާ ވެސް ތިމާގެ ބޭފުޅެކެވެ.
މިނޫންވެސް ގިނަ އަދަދެއްގެ ބޭފުޅުން މި މަގާމަށް އަންނަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ކޮންމެ ބޭފުޅަކު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައިނަމަވެސް އެ ބޭފުޅަކަށް ގިނަ ޗެލެންޖު ތަކެއް ކުރިމަތިވާނެ އެވެ. މިގޮތުން އާ ގަވަރުނަރަށް ދިމާވާނެ އެންމެ ބޮޑު އެއް ޗެލެންޖަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަރުކަޒީ ބޭންކްއަށް ދިއްކުރަމުން ގެންދާ ތުހުމަތުގެ އިނގިއްޔެވެ. އެހެންކަމުން މި މަގާމަށް ހަވާލުވެވަޑައި ގަންނަވާ ބޭފުޅަކު ފުރަތަމަ ވެސް އިށީންނަވަން ޖެހޭނީ "ހޫނު ގޮނޑި" އެއްގަ އެވެ. އަނެއް ކަމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވުމެވެ.