ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު މާޗް މަހު ބޫޓާން އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ، ޕްރީ މެޗު ޕްރެސްއަށް ހާޒިރު ނުވުމުން ކަމަށް ބުނެ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ އަޝްފާގް ސްކޮޑުން ވަކިކޮށްފަ އެވެ.
އޭގެ ފަހުން ވޭތުވެދިޔަ 16 މަސް ދުވަހުގެ ތެރޭ އަޝްފާގް އަށް ގައުމީ ޓީމުން އެއްވެސް ފުރުސަތެއް ދީފަ އެއް ނުވެ އެވެ. އިންޑިއާ ގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކަމަށް ކުރިން ނިންމައިގެން ހުރި އަޝްފާގް މިދިޔަ އަހަރު ޖޫން މަހު ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމަށް ކުޅެން ބޭނުންވެގެން އެ ވާހަކަ ކޯޗު ގާތުވެސް ބުނެފައިވާނެ ކަމަށެވެ. އެހެންނަމަވެސް ޝެގަޓްގެ ޓީމުން އޭނާ، އަޝްފާގަށް އަށް ފުރުސަތު ދީފައެއް ނުވެ އެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ފެށެން އޮތީ ބާކީ އެއް މަހެވެ. މިއަދު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޕޯސްޓްގައި އަޝްފާގް ބުނީ، ގައުމަށް ހިދުމަތް ކުރުމީ އޭނާ އަބަދުވެސް ފަހްރުވެރި ކަމާއެކު ގަބޫލު ކުރާ ކަމެއް ކަަމަށެވެ.
"އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް (މި ފެންވަރުގައި) ދެމި ހުރުން،" އަޝްފާގް މިއަދު އާންމު ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ. "އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައިވެސް އުފަލާއެކު ހިފާނަން."
އަޝްފާގު މިގޮތަށް ފޭސްބުކްގައި ޕޯސްޓްކުރީ މިހާރު އެވޯޑްސްގައި އޭނާއަށް އެންމެ މޮޅު ކުޅުންތެރިޔާ އާއި ރަން ބޫޓް ލިބުމާ ގުޅިގެންނެވެ. މިއީ އޭނާ އެ އެވޯޑް ހާސިލްކުރި ހަވަނަ ފަހަރެވެ.
އަޝްފާގް ވަނީ މިދިޔަ އަހަރުގެ މާލޭ ލީގް ނިއު ރޭޑިއަންޓަށް ހޯދައިދީ، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޓީސީއަށް ހޯދައިދީފަ އެވެ. އެޔާއެކު މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް އޭނާ ހޯދި އެވެ. އަދި މިދިޔަ އަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް އެވޯޑް ހޯދީވެސް އޭނާ އެވެ.