މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ބޭނުންވާކަމަށް ވިދާޅުވެ، އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އަމީރުއާ ސުވާލުކުރުމަށް ޖާބިރު ހުށަހެޅުއްވީ ސަރުކާރުން މިހާތަނަށް ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ އާއި އެ މަޝްރޫއުތަކުގެ ތެރެއިން ފައިސާ ދައްކައި ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ ސާފުކުރެއްވުމަށްކަމަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން، އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އަމީރަށް ނޯޓިސް ފޮނުވައި، އެ މުއްދަތު ހަމަވާ ތާރީހުގައި އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.
އަމީރުގެ އިތުރުން 19 ވަނަ މަޖިލީހުން މިހާރުވެސް ވަނީ ގިނަ ވަޒީރުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކޮށްފައިވާއިރު، އޭގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕްލޭނިންގް މިނިސްޓަރު އަހުމަދު އަސްލަމްގެ އިތުރުން ހައުސިންގް މިނިސްޓަރު އާތިފާ ޝަކޫރުވެސް މީގެ ކުރިން މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އޭގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް މާދަމާ ހާޒިރުކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިހާތަނަށް ނިމިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު އަމީރު ހާޒިރުކުރަން އެދިފައިވަނީ، ސަރުކާރުން އެއްވެސް ބޮޑު މަޝްރޫއެއް ނުހިންގާކަމަށްބުނެ ގިނަ ފާޑިކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަވަސް އަރުވާލައިގެން އެއްވެސް މަޝްރޫއެއް ނުހިންގާނެ ކަމަށާއި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެ ކަމަށް ކުރަން ޖެހޭ ޕްލޭންތައް ކުރަން ވަގުތު ލައިގެން ކަމަށް އެކަމުގެ ރައްދުގައި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.