އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު އުވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުވައިފި އެވެ.
ފޮރިން މިނިސްޓްރީއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސުޝްމާ ވަކިވެގެން ދިޔުމަކީ ރާއްޖޭގެ ރައްޓެއްސެއް އަދި ޕާޓްނަރެއް ގެއްލުން ކަމަށެވެ.
ސުޝްމާ އަވަހާރަވީ މިރޭ، ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އުމަރަކީ 67 އަހަރެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ފަސް އަހަރުގެ ސަރުކާރުގައި އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ އަޑުގަދަ މިނިސްޓަރެއްގެ ގޮތުގައި ހުންނެވީ ސުޝްމާ އެވެ. އޭނާ އެ މަގާމުގައި ފަސް އަހަރު ހުންނެވުމަށްފަހު އާ ސަރުކާރުގައި މިނިސްޓަރު ކަމަށް ވަޑައިނުގެންނެވި އެވެ.
އާ ސަރުކާރު ހޮވުމަށް މިފަހުން ބޭއްވި އިންތިހާބުގައި މެންބަރެއްގެ ގޮނޑިއަށް ސުޝްމާ ވާދަ ނުކުރެއްވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހުމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކެކެވެ.
ސުޝްމާއަކީ ރާއްޖެއާ ވެސް ހާއްސަ ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވެސް އެކަމަނާ ރާއްޖެ ވަޑައިގެންނެވި އެވެ.
މިރޭ ސުޝްމާ އަވަހާރަވީ ދިއްލީގެ ހޮސްޕިޓަލެއްގެ އެމަޖެންސީގައި ފަރުވާދެމުންދަނިކޮށެވެ. އެ ހަބަރާއެކު ސަރުކާރު ހިންގާ ބީޖޭޕީގެ ގިނަ ލީޑަރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.
ހާޓްއެޓޭކް ޖެހުމުގެ އިރުކޮޅެއް ކުރިން ސުޝްމާ ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެއީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއަށް ގެންނަ އިސްލާހާ ގުޅިގެން ސަރުކާރަށް މަރުހަބާ ކިޔުއްވަން ކުރެއްވި ޓްވީޓެކެވެ. ސުޝްމާ ވަނީ މިއަދަކީ އޭނާ ވަރަށް ދެކެން ބޭނުންވި ދުވަހެއް ކަމަށް ޓްވީޓްގައި ވިދާޅުވެފަ އެވެ.