ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ސިލްވާ ޕާޓްނަރަށް އަލްޝާލީ

Aug 7, 2019

މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019" ގެ ސިލްވާ ޕާޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އަލްޝާލީ މެރިންގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފް އެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ޝުހޫދު އެވެ.

ތިން އެޑިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޓްރެވެލް އެވޯޑްގައި 45 ކެޓަގަރީ އަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި އަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނުން 14 ކެޓަގަރީއަކަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. ގެސްޓްހައުސް ތަކަށް އެވޯޑު ދިނުމުގައި ބަލަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ވެބްސައިޓް ޓްރިޕް އެޑްވައިޒާގައި ގެސްޓްހައުސް ތަކަށް ދީފަ ހުންނަ ރޭޓިންގްސް އާއި އާންމުންގެ ވޯޓަށް ބަލާފަ އެވެ.

ރިސޯޓުތަކާއި އެއާލައިންތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ގަލާ އެޑިޝަންގައި 25 ކެޓަގަރީ ހިމެނެ އެވެ. ގަލާ އެޑިޝަނުގައި އެވޯޑު ދިނުމަށް ޓްރެވެލް އެވޯޑްސް އިން އާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނެ އެވެ. އެވޯޑުތަކަށް ނޮމިނޭޓްވުމުގައި 60 ޕަސެންޓް ބަލާނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ޕެނަލް އަކުންނެވެ. އަދި 40 ޕަސެންޓް ހޮވާނީ އާންމުންގެ ވޯޓުންވެ.

ދުބާއީގެ އަލްޝާލީ ގްރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ އަލްޝާލީ މެރިން މޯލްޑިވްސް އިން ތިލަފުށީގައި ހިންގަމުންދާ ޑޮކްޔާޑަކީ މިހާރު ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ގެންދާ އެއް ތަނެވެ. ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.