އެމްއެންޑީއެފް

އިސް ބޭފުޅުންގެ ދަތުރުފުޅުތަކުގެ ނަތީޖާ ވަރަށް ފޮނި: މަންސޫރު

ސިފައިންގެ އެކިއެކި ބޭނުންތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރައްވާ ދަތުރުފުޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަ ކަމަށް އެމްއެންޑީއެފް ސްޕޯކްސް ޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ މައި މަރުކަޒު ބަނޑޭރި ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަންސޫރު ވިދާޅުވީ، މިނިސްޓަރު މާރިޔާ އަދި ސިފައިންގެ ޗީފް ޝަމާލް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ސިފައިންނަށް ވަރަށް ގިނަ ތަމްރީނު ފުރުސަތަކާއި އެހެނިހެން އެހީތައް ލިބިފައިވާ ކަމަށެވެ. ދަތުރުތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ އަސްކަރިއްޔާއާ ގުޅުން ބަދަހިވެފައިވާ ކަމަށްވެސް މަންސޫރު ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރާތްތަކުން ބުނޭ ކީއްކުރަން ކުރާހާ ދަތުރުތަކެއްހޭ، އެކަމަކު އަސްލު މިދަތުރުތަކުގެ ނަތީޖާ ވަރަށް ފޮނި، ވަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތައް ވަނީ ލިބިފައި" މަންސޫރު ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވީ، ގައުމުތަކުގެ ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމުގައި ހުންނަވާ ބޭފުޅަކު ގައުމުތަކުގެ އަސްކަރިއްޔާގެ ވެރިންނާ ބައްދަލުކުރައްވަން ދަތުރުކުރައްވާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރާ ކަމަށެވެ. ހަމަ އެބީދާއިން ރާއްޖޭގެ ސިފައިންގެ ޗީފް ވެސް ދަތުރުފުޅުތައް ކުރައްވާ ކަމަށެވެ.

ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި އެމްއެންޑީއެފް ރީސްޓްރަކްޗާ ކުރުމުގެ މައްސަކަތް ފަށާފައިވާ ކަމަށާއި އެކަމުގެ ތެރެއިން އެމްއެންޑީއެފްގެ ތިން ގިންތިއެއްގެ ސިފައިންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މަންސޫރު ވިދާޅުވި އެވެ.

ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް ސިފައިންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަންސޫރު ވަނީ ވިދާޅުވެފަ އެވެ. މަންސޫރު ވިދާޅުވީ، އަލިފާން ނިއްވުމުގެ ހިދުމަތަކަކީ ސިފައިން ދެމުންގެންދާ ހިދުމަތަކަށް ވާއިރު، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާއި ގާތުން އަދި ވީހާވެސް އަވަހަކަށް ހިދުމަތް ފޯރުކޮށް ދިނުމުގެ އިންތިޒާމު އޮނިގަނޑަށް ގެންނަ ބަދަލުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ.

އަލިފާން ނިއްވުމުގެ ހިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި، މިހާރު އުފެދިފައި އޮތް އޭރިއާ ކޮމާންޑް ސްޓްރަކްޗާ ތެރެއަށް ރަށްތައް އިތުރުކުރާނެ ކަމަށެވެ. މަންސޫރު އިތުރަށް ވިދާޅުވީ، އަލިފާން ނިއްވުން ފަދަ ކަންކަމުގައި އަވަސް ހިދުމަތް ދިނުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އިތުރުކޮށް އޮޕަރޭޝަން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އާ އޮނިގަނޑުގެ ދަށުން ކުރަމުންދާ ކަމަށެވެ. އަދި އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަޝްވަރާތައް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށްވެސް މަންސޫރު ވަނީ ވިދާޅުވެފަ އެވެ.