ޗޮކްލޭޓް މީރު މީހުންނަށް "ވިސްކް.އެމްވީ" މި ނަން މިއީ އާ ނަމަކަށް ނުވެދާނެ އެވެ. ވިސްކް.އެމްވީ އަކީ 2017 ވަނަ އަހަރުން ފެށިގެން އިންސްޓަގްރާމްގައި ޗޮކްލޭޓް ކުކީސް، ބްރައުނީ އަދި ކޭކް ވިއްކުމުގައި އުފައްދާފައިވާ އޮންލައިން ބޭކަރީއެކެވެ. އޯޑަރަށް ހަދާ މި ތަކެތިވެގެން ދިޔައީ "ޗޮކޯއަހޯލިކްސް" އަށް ވަރަށް ކަމުދާ ރަހަައަކަށެވެ.
ވިސްކް.އެމްވީގެ ފަހަތުގައި ހުރީ ވަރަށް ޒުވާން ފައިނާން ހަސަން، (މައިން) އެވެ. އަމިއްލަ ހޮބީއެއް ގޮތުގައި ފިހަން ފެށި ކޭކާއި، ބްރައުނީ އަދި ކުކީސް އިންސްޓަގްރާމްގައި ވިއްކުމަށްފަހު ލިބުނު ބޮޑު ތަރުހީބާއެކު ކުޑަ ކެފޭއެއް ހުޅުވީ މިމަހު އެވެ.
އަމިއްލަ މަސައްކަތަކުން ޒުވާން އުމުރުގައި މިކަހަލަ ކަމެއް ފަށައިގަނެވޭނީ ވަރަށް ޝައުގު ހުރެގެންނެވެ. މައިން ބުނި ގޮތުގައި އަބަދުވެސް ކޭކު އެޅުމަކީ އޭނާ މާ ކުރާ ހިތްވާ ކަމަކީ އެވެ.
"ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް މިއީ، ފުލްޓައިމްކޮށް ވަޒީފާގައި އުޅުނު އިރުވެސް ކުރީ މި މަސައްކަތް، ކިޔެވީ ޑިގްރީ އިން ޓުއަރިޒަމް މެނޭޖްމަންޓް، ކޮންމެވެސް ވަރައްގެ ބެކްގްރައުންޑެއް ހުރި، ބޭކް ކުރަން ދަސްކުރީ ވިލްޓަންގެ ބޭސިކް އަދި އެޑްވާންސް ކޯހެއް ހެދީ،" މައިން ބުންޏެވެ.
މައިން ބުނި ގޮތުގައި ވިސްކް.އެމްވީ ފަށައިގަތް އިރު އެކި އެކި ފެސްޓިވަލްތަކުގައި ބައިވެރިވެ ވިސްކްގެ އެއްޗެހި ވިއްކާފައިވާނެ އެވެ.
"ތަފާތު ފެސްޓިވަލް ތަކުގައި ބައިވެރިވިން، މިއީ ޒުވާނުންނަށް ފަށައިގަންނަން ލިބޭ ފުރުސަތެއް، މިގޮތުން ޔޫތް ފެސްޓް، ހޮޓް އެއާ ބެލޫން ފެސްޓިވަލް އަދި ފަންނުގެ ދަރިން ފަދަ ފެސްޓިވަލް ތަކުގައި ބައިވެރިވިން،" ވިސްކްއަށް މަޝްހޫރުކަން ހޯދި ގޮތް ކިޔައިދިނެވެ.
ވިސްކް.އެމްވީގެ ރެސިޕީތަކަކީ އަމިއްލައަށް ތައްޔާރުކޮށް އުފައްދާ ރެސިޕީތަކެއް ކަމުގައިވާއިރު އެންމެ ބޮޑަށް ހިޓަކަށްވެގެން އުޅެނީ ވިސްކް.އެމްވީގެ ސިގްނޭޗާ ބްރައުނީ ޓަވާ އެވެ.
"ކޭކަށްވުރެވެސް ވަރަށް ބޮޑަށް މިހާރު ހިނގާ ބްރައުނީ ޓަވާ، ބާތްޑޭސްއަށް ވެސް އެހެން އޮކޭޝަންތަކަށް ވެސް." މައިން ބުންޏެވެ.
އަމިއްލަ ވިޔަފާރިއެއް ފަށައިގަތުމަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެކެވެ. އެ ކަންކަމާ މައިން ވެސް ކުރިމަތިލި އެވެ.
"ގިނަ ކަންކަަމަކީ އަލަށް ތަޖުރިބާ ކުރަމުން ދަސްކުރަމުން ދާންޖެހުނީ، އަދި މި ފަށައިގަތީ، ކުޑަވަގުތު ކޮޅެއްގައި މި ކެފޭ ހުޅުވަނީ، އެކަމަކު ގިނަ ކަންކަމަކީ ވަރަށް ދުރާލާ ތައްޔާރުވާން ޖެހޭ ކަންކަން،" މައިން ކިޔައިދިނެވެ.
މީހުން ހިތް ކިޔާ ގޮތަށް ރަނގަޅަށް މާކެޓް ކުރުމާއި މީހުން ވަންނަ ހިތްވާ ކަހަލަ ގޮތަކަށް ކެފޭ ޑިޒައިންކޮށްފައިވަނީ ވެސް މައިންގެ ހުޝިޔާރުކަމުންނެވެ.
"މިނިމަލިސްޓް ފްލޯރާލް ޝީކް ލުކެއް ގެންނަން މާބަލް ކައުންޓާ ޓޮޕްސް އާއި ފްލޯރަލް ބެކްޑްރޮޕެއް ހަދާ ޑިޒައިން ކުރީ، ވިސްކްގެ ޓާގެޓް މާކެޓަކީ ވަރަށް ޔަންގް ގްރޫޕެއް، އެހެންވެ ފޮޓޯ އޮޕަޗުނިއިޓީއެއް ވެސް ލިބޭގޮތަށް މި ހިރީ،"
މައިން ބުންޏެވެ.
ވާދަވެރި، ކެފޭ ވިޔަފާރީގައި ހޮވާލެވި ކުރިއަރައިގެން ދާނީ ކޮންމެ ވެސް ތަފާތެއް ދައްކައިގެންނެވެ. ރަހަ އަދާޔާ ހިލާފަށް މީރުކޮށްގެން ނޫނީ މުޅިން އާ ރަހަތައް ތައާރަފުކޮށްގެންނެވެ.
"ބަލަނީ ވީހާވެސް ޔުނީކް ކުރެވޭތޯ، އަދި ދެން އެކައްޗެއް ހެދިޔަސް ކޮލިޓީ ހިފަހައްޓަން ވިސްކްގެ، ސްކްގް ބްރޭންޑް މެއިންޓެއިން ކުރުމަށް މަސައްކަތް ކުރަން،" މައިން ބުންޏެވެ.
މައިން މި ކުޑަ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުންތައް އޭނާ ގެންގުޅެ އެވެ. އޭނާ ގަސްދުކުރަނީ ވިޔަފާރި ފުޅާކުރުމުގެ ގޮތުން މެނޫގައި އިތުރު އައިޓަމް ހިމެނުމަށާއި އިތުރު އައުޓްލެެޓެއް ހުޅުމާލޭގައި ހެދުމަށެވެ. އަދި މިހެންގޮސް މުޅި ރާއްޖެއަށް ވިސްކް.އެމްވީގެ ނަން ގެންގޮސް ރާއްޖެ ފަހުރުވެރިވާ ބްރޭންޑަކަށް ހެދުމެވެ.