ހަބަރު

ހައިކޯޓުގެ އިތުރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ބަލަން ނިންމިކަން ހާމަކުރި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެ ކޮމިޝަނުން މިހާރު ވެސް ގެންދަނީ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނުގެ މައްސަލައެއް ބަލައިދޭން އެދިފައިވެ އެވެ. ނަމަވެސް އެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމި ކަމެއް އެނގިފައެއް ނެތެވެ.

ޖޭއެސްސީއިން މިއަދު މައްސަލަ ބަލަން ނިންމި ފަނޑިޔާރު ޝަހީދަކީ ކުޑަ ދުވަސްކޮޅަކު ކުރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ދިނީ ކުއްލިއަކަށެވެ.

ކުރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އޭރު އެ ކޯޓަށް ހުށަހެޅިފައިވާ ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް އޭނާ ބެއްލެވި އެވެ. އޭގެ އިތުރަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ.