ހަބަރު

މެޖިސްޓްރޭޓުންނަށް ފޯނު އެލެވެންސް ހޯދަން މަޖިލީހަށް

މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ފޯނު އެލެވެންސްއެއް ހަމަޖެއްސައިދިނުމަށް އެދެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

މެޖިސްޓްރޭޓުންނަށް މިހާރު ފޯނު އެލެވެންސްއެއް ނުލިބެ އެވެ. އެ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް އޮތީ އައިސްފަ އެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އެލެވެންސް ހަމަޖައްސައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅާށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އެހެން ގިނަ ނިންމުންތަކެއް ވެސް ނިންމި އެވެ. އެގޮތުން ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން ސަސްޕެންޑް ކުރަން ނިންމި އެވެ. އެއީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސައިގެ މައްސަލައަކާ ގުޅިގެން ކަމަށްވެ އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެއް ވެސް ހުށަހެޅިފައިވެ އެވެ. އެއީ އޭނާގެ ހާޒިރީގެ މައްސަލައެކެވެ. މިއަދު ޖޭއެސްސީއިން ވަނީ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެަޑްމިނިސްޓްރޭޝަންއަށް ފޮނުވަން ނިންމާފަ އެވެ.

އޭގެއިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް މިއަދު ވަނީ ލަފާ ދީފަ އެވެ. އެގޮތަށް ލަފާ ދީފައިވަނީ އޭނާގެ މައްސަލަ ތަހުގީގުކުރި ޖޭއެސްސީގެ ކޮމެޓީއިންނެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމަށް ރާގިބުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އެ ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމި އެވެ. އެ ރިޕޯޓްގައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ އެވެ. އެހެންވެ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ. މި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.