ހަބަރު

ބޭސް އެތެރެކުރާ ކުންފުނިތައް ރިވިއު ކުރަން ގޮވާލައިފި

Aug 7, 2019
2

ބޭސް އެތެރެކުރަން ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކަކީ ވެސް ކޮރަޕްޝަންގެ ތެރެއިން އެ މަސައްކަތް ހަވާލުކޮށްފައިވާ ބައެއް ކަމަށް ތުހުމަތުކޮށް އެކަން ރިވިއު ކުރުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

ވިސާމް މިހެން ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެއީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ހެލްތް މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އެންސްޕާ އާއި އާސަންދައިން ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދައިން އެއްބަސްވުންތައް ހަދައިގެން ބޮޑު އަގުގައި ބޭސް ގަނެފައިވާ ކަމަށެވެ. އަދި އެގޮތަށް ބޭސް ގަންނަމުން ދަނީ ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުން ކަމަށެވެ. ރައްޔިތުންނަށް ގެއްލުންވީ ނަމަވެސް ބޭނުންވީ އެމީހުންގެ އަމިއްލަ ޖީބަށް ފައިދާ ހޯދުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ދޮޅު ރުފިޔާއަށް ގަންނަން ލިބޭ ބޭސް ގުޅައެއް 66 ރުފިޔާއަށް ގަތީމަ ދެން ވާނެ ގެއްލުމުގެ އަދަދު ވިސްނަވާލައްވާ، މި ބޭހުގެ އިތުރުން ވެސް މިހާ ބޮޑު ގެއްލުމެއްވާއިރު ވެސް އާސަންދައިން މިވަނީ މިކަން ވެސް ފާސްކޮށްފަ،" ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެގޮތަށް ނުއަގުގައި ބޭސް ގަތުމަށް އެގްރިމެންޓް ހަދާފައިވާ ކުންފުނިތައް ބަލައި އެ އެގްރިމެންޓްތައް ބާތިލް ކުރަން ޖެހޭ ކަމަށެވެ. ރަނގަޅު ކުންފުނިތަކާއެކު އަލުން އެގްރިމެންޓްތައް ހަދައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތް ހަދަން ޖެހިފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.

އާސަންދައިގެ ތެރެއިންނާއި އެތަނާ ގުޅިގެން ކޮރަޕްޝަން ހިންގާފައިވާ ކުންފުނިތަކުގެ މައްސަލަތައް ވެސް ބެލުމަށް ގޮވާލައްވާފަ އެވެ.

"ވޭތުވެދިޔަ ތަނުގައި އާސަންދަ ހިންގާފައިވަނީ ސަރުކާރު ކުންފުނިތަކުން، ފެނަކައިން އާސަންދަ ފޯމްތައް ނެރެފަ އެބަހުރި، ސަދަގާތު ފައުންޑޭޝަނުން ނެރެފަ އެބަހުރި، މިކަންކަން ބަލަން އެބަ ޖެހޭ،" ވިސާމް ވިދާޅުވި އެވެ.