ހަފުތާ ބަންދަށް އިންޑިއާ ސްރީލަންކާއަށް ދިވެހިން ދާހެން ޖިހާދުގެ ނަމުގައި މިހާރު ފުރަފުރައިގެން ސީރީއާއަށް އެތައް ދިވެހިންނެއް ނައްޓާލައި، ގޮސް އެބަތިއްބެވެ! ސަރުކާރުން އަދަދު ޖަހައިދީފައިވާ މިންވަރަށްވުރެ އެ އައަދު މާ މައްޗެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ޑޮޓް ޖަމާއަތަށް ނިސްބަތްވާ އަދި ފަހުން ޖިހާދު ކުރަން ސީރިއާއަށް ދަތުރު ކުރުމަށްފަހު ހިޔާލު ބަދަލުވެ އެނބުރި ރާއްޖެ އައި މީހަކު ވަނީ އޭނާގެ ބައެއް ވާހަކަ ހިއްސާކޮށްފަ އެވެ. ނަން ސިއްރުކުރި އެމީހާ ކިޔައިދޭ އަދަދުތަކާއި ޖިހާދުވާންދާ މީހުންނާ ގުޅުންހުރި ދިވެހިންނާއި ހަނގުރާމައިގެ ތެރޭގައި މަރުވި ކަމަށް ޔަގީންވެފައިވާ ބައެއް ދިވެހިންނާ ގުޅުންހުރި މީހުން ޖަހައިދޭ ހިސާބާއި ކިޔައިދޭ ވާހަކަތައް ގާތްގަނޑަކަށް ދިމާވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމެވެރި ޖަމާއަތްތަކާ ގުޅެން ގޮސް ތިބީ ދިވެހިންގެ ހަތް މީހެކެވެ. އަދި އެ އަދަދު އެއީ މުޅި ދުނިޔެއަށް ނިސްބަތްކޮށް ބުނެފައިވާ އަދަދެކެވެ. ނަމަވެސް "ރެޑިކަލް" ވިސްނުމުގައި ޖިހާދަށް ދިޔަ އަދި އެ މީހުނާ ގުޅުންހުރި ގިނަ މީހުން ބުނާ ގޮތުން ސީރިއާއަށް ގޮސް ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހިންގެ އަދަދު 30 އަށް ވުރެ ގިނަ އެވެ.
ހަނގުރާމައިގައި ބައިވެރިވެ ޖިހާދުވުމުގެ ނަމުގައި ގޮސްތިބި ދިވެހިންގެ އެވަރެޖް އުމުރު ފުރާއަކީ 18 އަހަރާއި 27 އަހަރާ ދެމެދެވެ. އެއީ ފިރިހެނުންނެވެ. އެއަށްވުރެ ދޮށީ އުމުރުގެ ދިވެހިން ވެސް ހަނގުރާމައިގެ ތެރެއަށް ވަދެފައިވާއިރު ބައެއް މީހުން ތިބީ އަނބިންނާއި މަންމަ އާއި ކުދިން ވެސް ގޮވައިގެން ގޮހެވެެ. އަދި ދޮށީ އުމުރުގެ މީހުން ވެސް އެބަތިއްބެެވެ. މީގެ ތެރެއިން ބައް އަންހެނުން ގޮސްފައި ވަނީ ތުއްކުދިންނާއެކު އެވެ. ކުދިންގެ ތެރޭގައި އަހަރު ނުވާ ކުދިންވެސް ހިމެނެ އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ސީރިއާ ކުޑަކުރަމުންދާ ދިވެހިންގެ ތެރޭގައި މާލޭ މީހުންނާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން އއ. ހިމަންދޫގައި އުފެދުނު ދީނީ ގޮތުން ވަކި ކަހަލަ ވިސްނުންތަކެއް ގެންގުޅުނު ޖަމާއަތަށް ނިސްބަތްވާ މީހުންގެ އިތުރުން ސަލްޓަން ޕާކްގައި ބޮންގޮވުމުގައި ހިމެނޭ މީހުނާއި އެ ހަމަލާ ރޭވި މީހުން ހިމެނެ އެވެ. ނަމަވެސް މީގެ ތެރޭގައި މަތީ ފެންވަރުގެ ދީނީ އިލްމުވެރިއެއް ނެތެވެ. ނަމަވެސް ދުނިޔެވީ ގޮތުން އުނގެނިގެން ތިބި މީހުން ހިމެނެ އެވެ.
"މާ މޮޅަށް ނޫނަސް ކިޔަވައިގެން ތިބި ރަނގަޅު އިލްމީ މީހުން އެބަތިބި ގޮޮސް. އެ އެންމެނަކީ ވެސް ރެޑިކަލް ފިކުރުގައި ސިކުނޑި ދޮވެލާފައި ތިބި މީހުން، އެމީހުންނަށް އެކަން ވިސްނައިދީފައި ވަނީ ވެސް ދީން ކިޔެވުމުގެ ނަމުގައި ޕާކިތާނަށް ގޮސް އައި ބައެއް މީހުންނާއި އެމީހުންގެ ރެޑިކަލް ތަރުބިއްޔަތުގެ ތެރެއިން ހިމަންދޫގައި އުފެދުނު ޖަމާއަތް،" އޭނާ ކިޔައިދިނެވެ.
ޖިހާދަށް ދިޔަ ދިވެހިންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ ހަތް މީހުން ކަމަށް ބެލެވެ އެވެ. އެ އަދަދު ދިހަޔަކަށް ވުރެ މައްޗަށް އަދިއެއް ނާރަ އެވެ.
މިހާރު ޖިހާދަށް ގޮޮސް ތިބި ދިވެހިންގެ ތެރެއިން ދެ މީހަކު މަސައްކަތް ކުރަނީ ސީދާ އައިއެސްގެ ހަނގުރާމެވެރިންނާއެކު ފުރޮންޓްލައިނަށް ނުކުމެ އިރާގުގެ ތެރޭގަ އެވެ. އެހެން މީހުން ތިބީ ސީރިއާގައި ހަރަކަތްތެރިވާ އައިލްގައިދާގެ ކޭމްޕްތަކުގަ އެވެ.
ދާދި ފަހުން އާއިލާއަށް ނޭނގި ކުޑަ އަންހެން ކުއްޖަކު ގެންދިޔަ މައްސަލާގައި ހޯދަން އިއުލާނުކޮށްފައިވާ ގދ. ރަތަފަންދޫ ސީނުގޭ އިކްރާމް ވަހީދު ވެސް މިވަގުތު ހުރީ ސީރިއާގަ އެވެ. އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރަން ފެށި އިރުވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ އޭނާ ސީރިއާއަށް ނައްޓާލައިފި އެވެ. އެ އަންހެން ކުޖާއެއް ނުގެންދެ އެވެ. އިކްރާމް ގުޅިފައި ވަނީ ނުސްރާ ފްރޮންޓާ އެވެ.
މި އިކްރާމަކީ ދަރުމަވަންތަ މިސްކިތުގައި ހުތުބާ ކިޔައި ދީނީ އިލްމުވެރި އަދި ދަރުމަވެރިއަކަށް ވެސް ވެގެން އުޅުނު މީހެކެވެ. ވަރަށް ޒުވާން އިރުން ފެށިގެން އޭނާ ނިސްބަތް ވަނީ ޑޮޓް ޖަމާއަތަށެވެ. އޭނާގެ އެ ނޫން ކުށުގެ ރިކޯޑްތައް ވެސް އެބަހުއްޓެވެ.
"ތަފާތު ވައްތަރު މީހުން ސީރިއާއަށް ގޮސްފި އޭގެ ތެރޭގައި ގޭންގަތަކަށް ނިސްބަވާ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުން ވެސް ވަކި ހިސާބަކުން ފިކުރު ބަދަލުވެ ދޮވެވިގެން ގޮސް އެދިމާއަށް މިސްރާބު ޖެހީ،"
ހަނގުރާމައިގައި ބައިވެރިވެ ދިވެހިން ޖިހާދަށްދާނެ ފައިސާ ހޯދާ މައިގަނޑު ގޮތަކީ އަމިއްލައަށް މަސައްކަތްކޮށްގެން ތުރުކީއާ ހަމައަށް ފޯރާނެ ވަރަށް ފައިސާ އެއްކުރުމެވެ. އަނެއް ގޮތަކީ ކިޔަވަން ބޭރަށް ދަނީ ކަމަށް ބުނެ މައިން ބަފައިންގެ އަތުން ނާއި ތިމާގެ މީހުންގެ އަތުން ފައިސާ ހޯދުމާއި ރަހުމަތްތެރިންގެ ސްޕޮންސާ ހޯދުމެވެ. މީގެ ތެރެއިން ގިނަ މީހުން ދަނީ އަމިއްލައަށް ފައިސާ ހޯދައި ޖަމާކޮށްގެން ކަމަށް ބެލެވެ އެވެ. އަދި ބައެއް މީހުންނަކީ މީހުންގެ މުދަލަކީ ޣަނީމާ މުދާ ކަމަށް ނިންމައި އެފަދަ ގޮތްގޮތަށް މީހުންގެ މުދާ ފޭރި އެ ވިއްކައިގެންނާއި އެކި ގޮތްގޮތަށް ވައްކަންކޮށް މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދައިގެންދާ މީހުންނެވެ.
ޖިހާދަށް ދިއުމުގެ ވިސްނުން މީހުންގެ ހިތްތަކަށް ވައްދައިދޭން މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކަށް ބަލާއިރު އެންމެ ބާރުގަދަކޮށް އެ މަސައްކަތުގައި އުޅެނީ ހިމަންދޫގައި އުފެދުނު އެކްސްޓްރީމިސްޓުންނޭ މިކިޔާ މީހުނެވެ. އެ މައްސަލަތަކާ ގުޅިގެން ތަފާތު ދައުވާތައް ކުރެވުނު މީހުން އޭގެ ތެރޭގައި ގިނަ އެވެ.
އަނެއް ބަޔަކީ އެކި ފަހަރު މަތީން ހިމަންދޫއަށް ދަތުރުކޮށް ހަދާފައިވާ މީހުންނެވެ. އޭގެ ތެރޭގައި ސަލްޓަންޕާކްގައި ބޮން ގޮއްވި ހާދިސާއާ ގުޅޭ މީހުނާއި އެމީހުނާ ގުޅިފައިވާ މީހުން ހިމެނެ އެވެ. ބޮން ގޮއްވި މީހުންގެ ތެރޭގައި ރަނގަޅަށް ކިޔަވައިގެން ތިބި އަދި ބާރުގަދަ އެކްސްޕްލޯސިވް އުފައްދައި ގޮއްވާލުމުގައި ކުޅަދާނަކަން ލިބިފައީވާ މީހުން އެެބަތިއްބެވެ. އެ އެންމެންގެ ތަހުގީގު ބަޔާންތަކުން އެކަން އެނގެ އެވެ.
ސަލްޓަން ޕާކުގެ މައްސަލައިގައި ހިމެނޭ ބޮޑުންގެ ތެރެއިން ފިލައިގެން ޕާކިސްތާނަށް ދިޔަ ގިނަ މީހުން އަނބުރާ ރާއްޖެ އައިސް ޝަރީއަތުގެ މަރުހަލާއިން ވެސް ދެމިގަނެ މިނިވަން ކަމާއެކު މުޖުތަމައުގެ ތެރޭގައި އެބައުޅެ އެވެ. ރާއްޖެ އައި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ އެންމެ މީހެކެވެ.
ޖިހާދަށް ދާން ދަތުރު ކުރާ ދިވެހިންގެ ތެރެއިން ގިނަ މީހުން ސީރިއާއަށް ވަންނަނީ ފުރަތަމަ ތުރުކީ ބޯޑަރު ތެރެއިންނެވެ. ބައެއް މީހުން ސޫދާން ތެރެއިންލާފައެވެ. ޖިހާދަށް ދާ މީހުންގެ ތެރޭގައި ހިމެނޭ ދިވެހި އަންހެނުންނާއި ކުޑަކުދިން ހަނގުރާމައިގެ މައިދާނަކަށް ނުދެެވެ. އޭގެ ތެރެއިން ގިނަ މީހުންގެ އަނބިންނާއި ކުދިންނާ ހަވާލުވަނީ ހަނގުރާމަވެރި ނުސްރާ ފްރަންޓާ ގުޅިފައިވާ ހިއުމެނިޓޭރިއަން އަދި ވޮލަންޓިއާ ކޭމްޕްތަކުންނެވެ. ހަނގުރާމައިގެ ސަފަށް ގެންދިއުމުގެ ކުރިން ފިރިހެނުން ގެންދަނީ ހަނގުރާމައިގެ އުކުޅު ދަަސްކުރާ ޓްރޭނިން ކޭމްޕްތަކަށެވެ. ޓްރޭނިން ކޭމްޕްތަކޭ ކިޔަސް އެއަކީ މިލިޓަރީ މާ ބޮޑު އުކުޅުތަކެއް އޮންނަ ކޭމްތަކެއް ނޫނެވެ. މައިގަނޑު ކަމަކީ ޖާނުން ފިދާވާން ހިތްވަރު ދިނުމެވެ.
"އެ ތަމްރީނަކީ މީހާ ބަދަލުކޮށްލުމުގެ ތަމްރީނު، އެއީ ސިކުނޑި ދޮވެލުމުގެ ތަމްރީނެއް، އެކަންކަމުގައި އެމީހުން ދިވެހިންނަށް އިސްކަންދޭ،"
ދުނިޔޭގެ އެކި ގައުމުތަކުން އައިއެސްއާ ގުޅިގެނާއި އަލްގައިދާ ގުޅިގެން ޖިހާދަށްދާ މީހުންގެ ތެރެއިން ދިވެހިންނަކީ ހަނގުރާމައިގެ ފުރޮންޓްލައިނުގައި ވަރަށް "ސްޕީރިއާ" ބަޔަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ މާ ކުޅަދާނަވެފައި މޮޅީ ހެއްޔެވެ؟
"އޭގެ ސަބަބަކީ ދިވެހިން އިންޓެލިޖެންޓްވުން، ގަޑިއަށް ބަރާބަރަށް ކަންކަން ނިންމާލުން ދިވެހިން އެމީހުންގެ ތެރޭގައި އިސް ނެގުން، ޖުމްލަ ގޮތެއްގައި ދިވެހިން އެމީހުންގެ ބޭނުންތަކަށް ފުދޭވަރަށް ދޮވެލެވެނީ،" އޭނާ ކިޔައިދިނެވެ.
އަލްގައިދާ އާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ މީޑިއާ ގޮފި ތަކަކީ އެފަދަ ޖަމާއަތްތަކުގެ ލީޑަޝިޕުން ރަސްމީކޮށް ކަނޑައަޅައި އެކަން މީޑއާއަށް އިއުލާންކޮށްފައި ތިބޭ ބައެކެވެ.
ނުސްރާ ފްރޮންޓުގެ މީޑިއާ ގޮތްޕެއ ްކަމަށް "ދައުވާ" ކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ބިލާދު އަލް ޝާމް މީޑިއާ" އަކީ ސީރިއާ ދިޔަ ކަމަށްބުނާ ދެތިން މީހަކު އަމިއްލަ އަށް އެމީހުންގެ ހަބަރުތަކާއި ޕްރޮޕަގެންޑާ ފަތުރާ ޕޭޖެކެވެ. އެއީ ރަސްމީ އެއްވެސް ސިފައެއް އޮތް މީޑީއާ ވިންގެއް ނޫނެވެ.
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރަމުން އައި ޖަމާއަތަށް އެ މިސްކިތް ބަންދުވުމާ ގުޅިގެން ސީދާ އެ ޖަމާއަތަށް ނިސްބަތްވާ ޑޮޓް މީހުން މީހުން މިހާރު ކޮބައިހޭ ހިތަށް އަރާ ދޯ އެވެ؟
އޭނާ ބުނި ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ މިހާރު ޖިހާދަށް ދިއުމުގެ ބޭނުމުގައި ސީރިއާއަށް ދަތުރު ފަށަން ތައްޔާރުވެފައި ތިބި މީހުނެވެ. އަނެއްބައި މީހުން ދަތުރަށް ބޭނުންވާނެ ފައިސާ ޖަމާ ކުރުމުގައި އެކި ދިމަދިމާއަށް ވަނީ ފެތުރިފަ އެވެ. އެހެން ކަމުން ދިވެހިން ޖިހާދޭ، ސީރީއާއޭ ކިޔަކިޔާ ތިއްބާ ރާއްޖޭގެ ކުޑަ ރަށެއްގެ އާބާދީއާ އެއްވަރުގެ ދިވެހި އާބާދީއެއް ސީރީއާގެ ހަނގުރާމަވެރިންގެ ފައުޖުތަކަށް ވަންނާނެ ކަމަށް ބެލެވެ އެވެ. މި ރޭޓުން ދަންޏާ އެތާނގައި ދިވެހި ކޮންސިއުލޭޓެއް ހުންނަ ހިސާބަށް ނުވަތަ އެމީހުންގެ ރަސްމީ މީޑީއާ ވިންގެން އުފެދޭ ހިސާބަށް ހިނގައިދާނެ އެވެ.