އޭރު އުމުރުން 11 އަހަރެވެ. ގޭގައި ހުރި ބޮޑު ފޮތް ކަބަޑުން ޒާތެއްގެ ކުރެހުމެއް ފެންނަ ދިވެހި ވާހަކަ އެއް ފެނި އެ ފޮތް ނަގައިފީމެވެ. ބޭރުގައި ކުރަހާފައި ހުރި އަނގައިން ލޭ ފައިބަ ފައިބަ ހުރިި މީހެއްގެ ތަސްވީރުން މިއީ ޑްރެކިއުލާއެއް އުޅޭ ވާހަކަ އެއް ކަމަށް ހީކޮށް، އަޅެ ވާ ގޮތް ބަލާލަން ކިޔަން ފެށީމެވެ. މެދާ ހިސާބަށްވެސް ނުދެވެ ގަން ބިރުން "ސަހަރޯ" އޭ ހިތަށް އަރާ ވާހަކަ ފޮތް ލައްޕާ ކަބަޑުގެ އެންމެ އެތެރަށް ކޮއްޕާލާފައި ފޮރުވީމެވެ. އޭރު ފޮރުވި ގޮތަށް އަދި އަދަށް ދާން ދެންވެސް އެ ފޮތް ނުފެނެ އެވެ. ހޯދަންވެސް ނުކެރުނެވެ. އެކަމަކު ފޮތުގެ ތިރީގައި ލިޔެފައިވާ ނަން އޭގެ އަހަރުތަކެއް ފަހުންވެސް އަހަރެންގެ ހަނދާނުގައި ހުއްޓެވެ. "މުހައްމަދު ގާސިމް - އއ. މަތިވެރި"!
މި ނަމަކީ އެދުވަހު އަހަންނަށް އާ ނަމަކަށް ވިޔަސް މިއީ މިހާރު ބްރޭންޑް އެކެވެ. ވާހަކަ ލިޔުންތެރިންގެ މެދުގައި މަޝްހޫރު ނަމެކެވެ. ދިވެހި ވާހަކަތަކަށް ލޯބި ކުރާ ހިޔާލީ ދުނިޔޭގައި އުޅޭ މީހުންނާ ހާއްސަކޮށް ވަރަށް ރައްޓެހި ނަމެކެވެ. 1990ގައި ވާހަކަ ލިޔުމުގެ ތެރެއަށް ގާސިމް އަށް ނޭނގުމުގެ ތެރެއިން ވަދެވުނު ގޮތަށް އެގޮތުގައި ހުންނަތާ މިހާރު 28 އަހަރު ވަަނީ އެވެ. އެންމެ ޒުވާން އިރު ލޯބީގެ ކޮޅިގަނޑެއްގައި ޖެހި އެކަމުގެ ހިތި ކަރުނަތައް އޮއްސާލީ ފޮތަކަށެވެ. އެހިސާބުން ގާސިމްގެ ޒުވާން ލޯތްބާއި އެ ލޯބީގެ ވޭނާއި ތަޖުރިބާ ބަދަލު ވީ އުމުރު ދުވަހުގެ ލޯތްބަކަށެވެ. "ލޯތްބެއްގެ ނިމުން"ގެ ނަމުގައި އަތުން ލިޔެ ފުރަތަމަ ލޯބީގެ ކުރު ވާހަކަ ދައްކާލީ ގާސިމްގެެ އުމުރުން 17 އަހަރުގަ އެވެ.
މި ވާހަކައަށްފަހު މިހާތަނަށް 27 ދިގު ވާހަކަ އާއި 57 ކުރުވާހަކަ ލިޔެފި އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް 20 ވާހަކަ އެވެ. ބާރަ ސްކްރިޕްޓު ލިޔެ އޭގެން ފަސް ސްކްރިޕްޓަށް ފިލްމުވެސް ހަދައިފި އެވެ. ތަމްސީލު ޑްރާމާތަކާއި ސްކޫލް ކުދިންގެ އޭލެވެލް އަދި އޯލެވެލް އަށް އެހީވުމަށް ހާއްސަކޮށް އުފައްދާފައި ހުރި ދިވެހި ފޮތްތަކަކީވެސް މި ލިސްޓުގައި ކޮންމެހެން ހިމަނަން ޖެހޭ މުހިންމު ބައެކެވެ.
ގާސިމްގެ ވާހަކަތަކުގެ ލިސްޓުން އެންމެ މަތިން ޖާގަ ހޯދަނީ، "ޒުވާނާ" "ފޯނު ކޯލް" "ދެވަން" އެވެ. ދިގު ވާހަކައިގެ ތެރެއިން ބިރުވެރި "ސަހަރޯ" އާއި، ލޯބީގެ "ގިލަން" އަދި އަނިޔާވެރި "ކަޅުވިލާ" އެވެ. މީގެ ތެރެއިން ބަައެއް ވާހަކަ ތަކަކީ 2000 ގައި ނެރުނު ނޫހުގައިވެސް ޖެހި ވާހަކަ އެވެ. އޭގެ ފަހުން ދިވެހި ސިނަމާގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ލޮލުގައިވެސް އަޅައިގަނެ ސްޓޯރީ ލައިންގައި ހިފި އެވެ.
ގާސިމް ލިޔެފައިވާ ވާހަކަތަކަށް ކާސްޓުން ހޮވާ ޑައިލޮގުތައްދީ ކަރުދާހުން ބޭރަށް ވާހަކަ ދިރުވި އެވެ. އެގޮތުން ފަސް ސްކްރިޕްޓަކަށް ފިލްމު އުފައްދާފައި އެބަ ހުއްޓެވެ. "އެ ދަތުރު"، "ހަ ފަރާތް"، "ވަކިނުވިނަމަ" "ގިލަން އަދި އެންމެ މަގުބޫލުވި "އުދަބާނި" ހިމެނެ އެވެ. އަމްޖަދު ވަހީދުގެ ޑައިރެކްޝަނުގެ ދަށުން ނެގި އުދަބާނީގެ ބިރުވެރި މާ ސިންގާ ރާޅު ސިނަމާއަށް ބިންދާލީ ވަރަށް ވަރުގަދަ އަށެވެ. އެ ރާޅުގައިި ޖެއްސި ޔޫއްޕެ އާއި އާމިރާވެސް ވީ އޭރުގެ އެންމެ މަގުބޫލު އެއް ޖޯޑަށެވެ. ކޮންމެ ގޮތެއްވިޔަސް ފިލްމުގެ ރީތިކަން އައީ ވާހަކައިގެވެސް މޮޅު ކަމުން ގާސިމަށް ތައުރީފް ހައްގެވެ.
"ބައެއް ބެލުންތެރިން އެބަ ހުރި ބުނެފަ އުދަބާނި ފިލްމު ބަލާފަ ވާހަކައަށްވުރެ ފިލްމު ފެންވަރު ދަށޭ. އެކަމަކު އަޅުގަނޑު އެހެންނެއް ނުދަންނަވާނަން. އަޅުގަނޑަށް ފިލްމު ވަރަށް ކަމުދިޔަ. ފިލްމު އުފައްދާފަ އޮތީ ހަމަ ވަރަށް ރަނގަޅަށް. އަދި ކިޔުންތެރިން ވަރަށް ބަލައިގަން ފިލްމެއްގެ ގޮތުގައި އެ ފިލްމު ވެގެންދިޔައީވެސް!"
ލޯބީގެ މާތައް ފޮޅުވާފަައި ހުރި ވާހަކަ ތަކާއި، ހިތާމައިގެ ސާލެއްގައި ގެނބެމުން ފެތެމުން ގޮސް ޝިކާރަވެރިއެއްގެ ވަކިތަކުގައި ހައްޔަރުވެ ދިރިއުޅުން ބަނަވެގެންދިޔަ ގޮތާއި އޭގެ ވޭނާއި ހޫނު ގާސިމްގެ އުފެއްދުންތެރި ވާހަކަތަކުން ފެނެ އެވެ. އަދި، ކުޑަކުދިންގެ ވާހަކަތަކުން، ހިޔާލީ ދުނިޔޭގައި އުޅޭ "މަރުވާލުރު" ސީރީޒް އަކީވެސް ތަފާތު ގޮތެއް ހުންނަ އިބުރަތްތެރި ވާހަކަތަކެކެވެ. އެއްފަހަރު ސިފަ ބަދަލުކޮށްލިއްޔާ ދެވަނަ ސޮފްހާގައި ގެންދާނީ ޖާދޫގެ ބިރުވެރި ރަށަކަށެވެ. ހަމަ ލޮލަށް ސިފަވެ މުޅި މީހާވެސް ފޮތުގެ ތެރެއަށް ގަންބުވައިދެމުންދާއިރު ލިޔުންތެރިޔާގެ މަަގުސަދު ހާސިލްވީ ކަމަށް ބަލަމާ ހިނގާށެވެ!
މިކަން ހާސިލް ކުރުމަށް ވަކި ވަގުތެއް ވަކި ތަނެއް ނޯންނަ ކަމަށް ގާސިމް ބުނެ އެވެ. ފެންނަ އެއްޗަކުން، މަންޒަރަކުން ނުވަތަ ހިޔާލެއް އުފައްދަން އެ އަޒުމުގައި އިނދެވެސް ވާހަކަ އުފައްދާފައި އެބަ ހުއްޓެވެ. އެެހެންނަމަވެސް މިކަމުގައި ކޮންމެހެންވެސް މަޖުބޫރު މާއްދާ އެއް އޮވެ އެވެ. ހަމަހިމޭން މާހައުލެއް ނަމަ ވާހަކައެއް ފަށައިގަންނަން، ޝަހުސިއްޔަތެއް އުފަައްދައި، މައްސަލަ އެއް ނެރެ ލޯބި ދެންޏާ ލޯބި ދީ ނުވަތަ އެ ލޯބީގައި ކަޅު ކުލަ ޖައްސާ އަނދިރި ގަނޑަކަށް ބަދަލު ކޮށްލުމަކީވެސް ޖެހިލުމެއް ނެތި ފަސޭހައިން ކޮށްލެވޭ ކަމެއް ކަމަށް ގާސިމް ބުންޏެވެ.
ގާސިމްގެވެސް އެންމެ ހިތް ޖެހިފައިވާ އެއް ވާހަކައިގެ ޕެރެގްރާފެއް މި ލިޔުމުގައި ހިއްސާ ނުކޮށްފި ނަމަ، ލިޔުންވެސް ފުރިހަމަ ނުވާނެތީ ހިއްސާ ކޮށްލާނަމެވެ.
"އަހަރެން މިއަދު ކުރަންވީ އުފާ ބާވަ އެވެ؟ ނުވަތަ ކަރުނަ އަޅާ ރޯންވީ ބާވަ އެވެ؟ މިއަދު އަަހަރެންގެ އިހުސާސް ތަކުގައި މި ދެ ރަހަވެސް ވަނީ ހިފާފަ އެވެ. ހިނިތުންވެސް ވެލެވެ އެވެ. ކަރުނަ ވެސް އާދެ އެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ މަގުސަދު ހާސިލް ވެއްޖެ އެވެ. ދެން ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ. ފުރާނަ ހިތްޕެވިޔަސް މި އަގެއް ނެތް ދުނިޔެއާ އަލްވަދާއު ކިޔާނީ އުފާވެރި ހިތަކާއެކު އެވެ.
ދެލޮލަށް ކަރުނައިގެ ލަޝްކަރެއް ޖަމާކޮށްގެން، މިކަހަލަ ހިޔާލެއްގައި އޮއްވާ އިރުގެ ދޯދޮތަކުގެ ދީލަތިކަމާއެކު މަތީގައިވާ ބިޔަ ގަސްތަކުން ފުރޭނިގެން އައި ކޮކާ އަވިތަކުން އަހަރެންގެ ހަށިގަނޑަށް ހޫނުކަން ލިބެން ފަށައިފި އެވެ. އޭރު ގަޑިން ނުވައެއް ޖަހަނީ އެވެ. އަހަރެންގެ ހަމަ ދާދި ގާތުގައި ލެއިން ތަތްތެޅި ހިކިފައިވާ މިސްޓަރ ރުޑުގެ މުޅަ މަސްގަނޑު އޮތެވެ.... " މިއީ 2012 ވަނަ އަހަރު ގާސިމް ލިޔެފައިވާ "ކަޅުވިލާ" ވާހަކައިގެ ކުޑަ ތަންކޮޅެކެވެ.
ލިޔުންތެރިކަމުގައި ގާސިމް ހޭދަކުރި ކުރު މުއްދަތުގައި ވަނީ ފާހަގަކޮށްލެވޭ ރަން ކާމިޔާބީތަކެއް ހޯދާފަ އެވެ. ޖަމާއަތުގެ ހަބަރަށާއި ފަތްތޫރައަށްވެސް ވާހަކައާއި ތަފާތު އާޓިކަލްތައް ލިޔެފައިވެ އެވެ. އެކި އޮންލައިން ނޫސްތަކުގައިވެސް ކޮޮލަމިސްޓެއްގެ ގޮތުގައި ލިޔެފައިވެ އެވެ. ދަރިވަރުންނަށް އެހީވުމަށް ލިޔުންތައް އުފަައްދާފަައިވެ އެވެ. އެކަންކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން 2009 ވަނައަހަރު ލިޔުންތެރިކަމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ސަރުކާރުން ދިނެވެ.
ގާސިމްގެ ވާހަކަ ވަރަށްވެސް ކާމިޔާބެވެ. މި ކާމިޔާބީ، މިސާލެއްގެ ގޮތުގައި ބަލައި، ލިޔުންތެރިކަމަށް ޝައުގުވެރިވާ ކުދިންނަށް، އަދި ހާއްސަކޮށް ވާހަކަ ލިޔާ ހިތްވާ ކުދިންނަށް ބުނެލާނީ ކޯއްޗެއްތޯ އެހުމުން ގާސިމް ދިނީ ކުރު ޖަވާބެކެވެ.
"ވާހަކަ ލިޔަންޏާ ލިޔާ ހިތުން ލިޔާށެވެ. އެކަމަކު، ލިޔާ ހިތުން ލިޔާ ކުއްޖެއް ނަމަ ކުރަަންޖެހޭ ކަންތައްތަކެއް ހުންނާނެ. ރަނގަޅު ފެންވަރުގެ ވާހަކަތައް ކިޔުން އެއީ ވަރަށް މުހިއްމު ކަމެއް. ކިޔާފަ އެ ވާހަކަ ގެނެސްފަ ހުންނަ ގޮތާއި، މައްސަލަ އުފައްދާ ހައްލު ކޮށްފަ ސަސްޕެންސް އުފައްދަން ކޮށްފަ ހުންނަ މަސައްކަތް އިބާރާތް އަދި ބަސްކޮށާރު ފަދަ ކަންކަމަށް ވިސްނަން ޖެހޭނެ."