ދިވެހި ސިނަމާ

"ލީނާ"ގެ އެންމެ ފަހު ޝޯ މިރޭ

މިދިޔަ ޖުލައި މަހުގެ 23 ވަަނަ ދުވަހު ރިލީޒް ކުރި އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ"ގެ އެންމެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި އަަޅުވާނެ އެވެ.

އަންހެން ކުއްޖެއްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމު ބޯއިކޮޓްކޮށް ނޭޅުވުމަށް އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި އަޑުގަދަ ކޮށްފައި ވަނިކޮށް މި ފިލްމު އެޅުވީ ދެ އަހަރުގެ މަސައްކަތަށް ފަހު އެވެ. އެހެންނަމަވެސް މި ފިލްމުގެ 15 ޝޯ އޮލިމްޕަހުގައި އަަޅުވާފައިވާއިރު 11 ޝޯ ދިޔައީ ހައުސްފުލް ކޮށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ލީޑް އެކްޓަރު މުއާ ބުންޏެވެ.

"އަސްލު ހަމަ ހީކުރި ވަރަށްވުރެ ބޮޑަށް ސަކްސެކްފުލް. 11 ޝޯ ހައުސްފުލް ކަމަށް ބަލަމާ. ވަރަށް ރަނގަޅު ކޮމެންޓްސް ލިބެނީވެސް ފިލްމާ ދޭތެރޭ" މުއާ ބުންޏެވެ.

"ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ މަރުގެ ހާދިސާއަކުން އިންސްޕަޔާ ވެގެން އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާ އެވެ. އިތުރު މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބް، ޒީނަތު އައްބާސް، އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.

"ލީނާ"ގެ ފަހު ޝޯ އޮލިމްޕަހުގައި މިރޭ އަަޅުވާއިރު، އަތޮޅުތެރޭގައި ފިލްްމުގެ ޝޯތައް ދަނީ އަޅުވަމުންނެވެ.