މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްްލުވާލިތާ މިއަދަށް ފަސް އަހަރުވީ އެވެ. އޭނާއަށް ވީގޮތް ހޯދުމަށް ކުރަން ފެށި ސުވާލުތައް އަދިވެސް ހަމަ އޮތީ އެހެނެވެ. ޖަވާބެއް ނެތެވެ. ރިލްވާން ކޮބައި ހެއްޔެވެ؟
ނިމިދިޔަ ސަރުކާރުގައި މިކަމަށް އެއްވެސް ކުރިއެރުމެއް ނުލިބުނުއިރު މި ސަރުކާރުގެ ރިޔާސީ ކޮމިޝުން ދަނީ ރިލްވާންއަށް ވީގޮތް ހޯދަމުންނެވެ. އެކަމަކު އަދި އާއިލާއަށް ޖަވާބެއް ދެވޭ ވަރެއް ނުވެ އެވެ.
ޝަރުއީ މަރުހަލާގެ ތެރެއިން ވެސް ރިލްވާންއަށް އިންސާފު ލިބިފައި ނެތްއިރު އާއިލާގެ އެންމެ ބޮޑު އުދާހަކީ ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ފަހަތުގައި ތިބި މީހުން ރަށުން ބޭރަށް ފުރައިގެން ގޮސްފައިވުމަކީ އިންސާފު ގާއިމްކުރަން ދައުލަތް ފެއިލްވަމުން އަންނާތީ އެވެ.
ރިލްވާން ގެއްލުނުތާ މިއަދު ފަސް އަހަރު ވުމާ ގުޅިގެން އެ އާއިލާއަށް ފާހަގަވި ކަންތައްތައް ފާހަގަކޮށް ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލުމާއި، އެ މައްސަލައިގައި ޝާމިލުވާ ފަނޑިޔާރުން ރަށުން ބޭރަށް ދިއުމާއި އަދި ރިލްވާން ގެއްލުވާލުމުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުރައިގެން ދިއުމަކީ އިންސާފު ގާއިމްކުރަން ދައުލަތް ފެއިލްވަމުންދާ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ޝަރީއަތުން ދައުވާ ސާބިތުނުވާ ކަމަށް ނިންމި އިރު ފުލުހުންގެ ތަހުގީގަށް ޕްރޮސިކުއުޓާ ޖެނެރަލް އޮފީހުގެ ފަރުވާ ކުޑަކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ފަސްޖެހިފައި އޮތުމަކީ އިންސާފަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
ރިލްވާން ގެއްލުވާލުމުގެ މައްސަލައިގައި ތަހުގީގުގައި ހުރި މައްސަލަތަ ބެލި ފަނޑިޔާރުން އަލުން ޝަރީއަތް ފަށަން އަމުރު ނުކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އާއިލާގެ ބަޔާނުގައި އިތުރަށް ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އިންސާފު ހޯދަން ފައްޓަވާފައިވާ ކަމަށާއި ނަމަވެސް އިންސާފު ލިބުން ލަސްވުމަކީ އިންސާފަށް އެޅޭ ހުރަހެއް ކަމަށެވެ.