ހަބަރު

ޔާމީނާއި އަދީބުގެ މަނީލޯންޑްރިންގެ ހެކި ލިބިއްޖެ، މައްސަލަ ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަނީލޯންޑަރިންގެ ކުށް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެ ދިރާސާ ކުރުމުން އެ ކުށް އެ ބޭފުޅުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފި އެވެ.

ބަންޑާރަ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2014 ވަނަ އަހަރު، ރައީސް ޔާމީނާއި އަދީބާއި އޭރުގެ ސަރުކާރު ބައެއް އިސްވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން މަނީ ލޯންޑްރިން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ނުވަތަ ކުރުމަށް ރާވާފައިވާކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތަކެއް އެމްޑީޕީއިން ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީއިން ހުށަހެޅި ލިޔެކިޔުންތަކަކީ، އަދީބު މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު، ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާ އެއާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބު އޮފީހުން ބުނި ގޮތުގައި، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މޯބައިލް ފޯނުތަކުގައިވާ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަ ދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެކެވެ.

އެ ލިޔެކިޔުންތައް ބަންޑާރަ ނައިބު އޮފީހުން ދިރާސާކުރިއިރު، އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީ ލޯންޑްރިންގެ ކުށުގެ އިތުރުން، ރިޝްވަތުދިނުމާއި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

އެހެންވެ، އެ ލިޔެކިޔުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނަށް ވަނީ ހިއްސާކޮށްފަ އެވެ.

ބަންޑާރަ ނައިބު އޮފީހުން ބުނީ އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ހެކި ރައްކާތެރިކޮށް، މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރުމަށްޓަކައި ފުލުހަށް ވެސް ލިޔުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަކީ މި ސަރުކާރުން ބޮޑު އަހުމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތަކަށްވާތީ، ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެ ފައިސާ ރާއްޖެއަށް އަނބުރާ ގެނައުމަށްޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހޯދައި، އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.