ހަބަރު

ޔާމީނާއި އަދީބުގެ ހަތަރު ކަޅި ހަމަވެ، ޖަޒުބާތުތައް ބަނޑުން!

މިއަދަކީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ތަފާތުވާނެ ދުވަހެއްކަން މާކުރިން ވެސް އެނގެއެވެ. އެއް އިރެއްގެ އެންމެ އަރިސް އެކަމަކު މިހާރު އެންމެ ވަރުގަދަ ދެ ހަތުރުން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަތަރު ކަޅި ހަމަވާ ދުވަހެވެ. މީގެ ހަތަރު އަހަރު ކުރިން އަދީބުގެ ހައްޔަރު ކުރުމަށްފަހު ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުމެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބު މަޖިލީހަށް ވަދެވަޑައިގެންނެވީ ކޯޓުފަޓުލޫނުގައި ވަރަށް ރަަސްމީކޮށެވެ. އަދީބު ވަދެވަޑައިގެންނެވިިއިރު ރައީސް ޔާމީން އިންނެވީ ދައުވާ ލިބޭ މީހާއަށް ހާއްސަ ގޮނޑީގައި އިށީނދެވަޑައިގެންނެވެ. މަޖިލީހަށް ވަންނަ ދޮރު ހުޅުވުމާއެކު ފަހަތަށް ބައްލަވާލައްވައި ރައީސް ޔާމީން އަދީބަށް ބަލާލެއްވިއެވެ. ނަމަވެސް އަދީބު ކުރިއަށް ހިންގަވާފައި ވަޑައިގެންނެވީ އިސް ޖައްސަވައިގެންނެވެ.

އަދީބު ވަޑައިގެން އިށީދެވަޑައިގެންނެވީ ހެކި ބަސް ދޭ މީހާއަށް ހާއްސަ ގޮނޑީގައެވެ. އެއީ ދައުވާ ލިބޭ މީހާގެ އެއް އަރިމަތިން ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑިއެކެވެ. އިށީނދެވަޑައިގެން އަދީބު އެންމެ ފުރަތަމަ ވެސް ބައްލަވާލެއްވީ ރައީސް ޔާމީނާ ދިމާލަށެވެ. އޭރު ރައީސް ޔާމީން އިންނެވީ ނަންބަރު އައިނެއް އަޅުއްވައިގެން ކަރުދާސް ގަނޑެއްގައި އެއްޗެއް ނޯޓް ކުރެއްވުމަށް އިސްޖައްސަވައިގެންނެެވެެ.

ދައުލަތުން އަދީބަށް ސުވާލު ކުރައްވަމުން ގެންދެވިއިރު ވެސް ރައީސް ޔާމީން އިންނެވީ އިސްޖައްސަވައިގެންނެވެ. އިސް އުފުލާލައްވައި އަދީބަށް ދިމާލަށް ވަރަށް ނުރުހުމުގައި ރައީސް ޔާމީން ބައްލަވަން ފެއްޓެވީ "އަނިޔާވެރި ވެރިކަމެއްގެ ވިކްޓިމްއަކަށް އަޅުގަނޑުވީ" ކަމަށް އަދީބު ވިދާޅުވުމާއެކުއެވެ. ވަރަށް ގިނައިރު ވަންދެން ހުއްޓުމެއް ނެތި ރައީސް ޔާމީން، އަދީބަށް ބައްލަވަން އިންނެވިއެވެ. ނަމަވެސް އޭރު އަދީބު ހުންނެވީ ދައުލަތުގެ ވަކީލާ ކުރިމަތިލައިގެންނެވެ.

ރައީސް ޔާމީން ގެންދެވީ އެމަނިކުފާނުގެ ސުވާލުތައް ތައްޔާރު ކުރައްވަމުންނެވެ. މީގެކުރީ އެއްވެސް އަޑުއެހުމެއްގައި އަމިއްލަފުޅަށް ރައީސް ޔާމީން އެހާ ބޮޑަށް ތައްޔާރުވެވަޑައިނުގަންނަވައެވެ. ވަކީލްގެ ސުވާލުތައް ނިމުމާއެކު ރައީސް ޔާމީން ކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އަދި އިސްޖައްސަވައިގެން ހުންނަވައިގެން ފުރަތަމަ ސުވާލު ފެއްޓެވިއެވެ. ސުވާލު ނިންމަވާލެއްވީ އަދީބާ، ހަތަރު ކަޅި ހަމަކުރުމަށްފަހުއެވެ. ފުރަތަމަ ފަހަރަށް ހަތަރު ކަޅި ހަމަކުރުމަށްފަހު ދެ ބޭފުޅުންގެ ބަހުސް ފެށިގެން ދިޔައެވެ. ސުވާލުތަކާއި ޖަވާބުތައް ވެސް ހޫނުވެ، ޒުވާބަކަށް ވެގެންދިޔައެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމާއި އެހެން ވަކީލުން އަދި އަޑުއެހުމަށް ވަދެ ތިބި އެންމެންގެ ވެސް ލޯތައް ހުއްޓިފައި ހުރީ އެ ދެ ބޭފުޅުންގެ ހަރާތްތަކަށެވެ. ދެ ބޭފުޅުންގެ އެ ބައްދަލުވުން ޝައުގުވެރިވެގެން ދިޔައިރު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިލްޒާމްތައް އަޅުވައި، ދޮގު ހައްދަވާ ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ. ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވީ އެ ބޭފުޅަކު ދިފާއު ކުރެއްވުމަށެވެ. ރައީސް ޔާމީން ނުރުހުންވެ ސުވާލުތައް ހޫނު ކުރެއްވިއިރު އަދީބު ވަރަށް ހަމަޖެހިގެން ޖަވާބުތައް ދެއްވިއެވެ. ހަމައެހެން އަދީބުގެ ޖަވާބުތައް ހޫނުވެގެން ދިޔައިރު ރައީސް ޔާމީންގެ ސުވާލުތައް އިތުރަށް ހޫނު ކުރެއްވިއެވެ. ހީވީ އެތައް ދުވަހަކު ހިފަހައްޓައިގެން ތިބި ޖަޒުބާތުތަކާއި ހިތުގެ ކެކުޅުންތައް ބަނޑުންކޮށްލަން ދެ ބޭފުޅުން ވެސް މަސައްކަތް ކުރެއްވިހެނެވެ.

ޔާމީންގެ ސުވާލުތަކާއި އަދީބުގެ ޖަވާބުތައް

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީއާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީއެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެއެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ތުހުމަތުކުރެއެވެ.

ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ އެމަނިކުފާނާމެދު އަދީބުގެ އެއްވެސް ހިތްބަރު ކަމެއް އެބަ އޮތްތޯއެވެ. އެއަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށްވީ މީހެއް ކަމަށާއި ނަމަވެސް ރައީސް ޔާމީން ހިމެނޭ ގޮތުން އެންމެންނަށް އޭނާގެ ހިތުގެ އަޑިން މާފު ކޮށްފައިވާ ކަމަށެވެ. އަދި ނުހައްގުން އޭނާއަށް ކުރި ހުކުމްތަކުން މިހާރު ސަލާމަތްވެފައިވާ ކަމަށެވެ.

ދެން ރައީސް ޔާމީންގެ ސުވާލަކަށްވީ އެސްއޯއެފްއާ ގުޅޭ ގޮތުންނެވެ. އެސްއޯއެފްގެ މީހުންނަކީ އަދީބުގެ ރައްޓެހިން ނޫންތޯ ސުވާލު ކުރެއްވިއެވެ. އަދީބު ވިދާޅުވީ އެސްއޯއެފްގެ މީހުންނަކީ އޭނާގެ ވެސް ރައްޓެހިން ކަމަށެވެ. ނަމަވެސް އެމީހުންނާ ރައީސް ޔާމީނާވެސް ގާތް ގުޅުމެއް އޮތް ކަމަށެވެ. އެގޮތަށް އަދީބު ނިންމަނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

"އެއީ ރައީސް ޔާމީން އެމީހުންނާ މުއާމަލާތްކޮށްފަ ހުރީމަ، އަޅުގަނޑު ފޯނުގަ ހުރި މަނިކުފާނުގެ މެެސެޖްތަކުން ވެސް އެކަން އެނގޭނެ، އެމީހުން މަނިކުފާނަށް ގުޅާ ހަދާ، މަނިކުފާނުގެ ގެކޮޅަށް ފައިސާ ހިފައިގެން ދޭ،" އަދީބު ވިދާޅުވިއެވެ.

"ފައިސާ ހިފައިގެން އަޅުގަނޑުގެ ގެއަކަށް ނާދޭ، ތިޔައީ ދޮގެއް،" ރައީސް ޔާމީން ރައްދު ދެއްވިއެވެ.

"އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތައް އެސްއޯއެފްއަށް ޖަމާކޮށް އެހެން ކުންފުނިތަކުން މާރުކޮށް މަނިކުފާނުގެ ގެއަށް ވެސް ގެންދިޔަ، މިއީ މަނިކުފާނަށް އެނގޭނެ ކަންކަން،" ރައީސް ޔާމީންގެ ރައްދަށް އަދީބު ރައްދު ދެއްވިއެވެ.

ރައީސް ޔާމީން ދެން ސުވާލު ކުރެއްވީ ކެމްޕެއިން ފައިސާ އާއި އެސްއޯއެފްގެ ފައިސާއާ ގުޅޭ ގޮތުންނެވެ. އެސްއޯއެފްއިން ޖަމާކުރީ ކެމްޕެއިން ފައިސާ ނޫން ކަމެއް އެނގެނީ ކިހިނެއްތޯ ރައީސް ޔާމީން އެއްސެވިއެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެސްއޯއެފްގައި ހުންނާނީ އެމްއެމްޕީއާރްސީގެ ފައިސާކަން މަނިިކުފާނަށް ވެސް އެނގޭނެ ކަމަށާއި އެއީ ކެމްޕެއިން ފައިސާ ނޫން ކަމަށެވެ.

"ނޫން ނޫން ތިހެން ނަހައްދަވާ، ހުރިހާ ކަމެއް ރައީސް ޔާމީންއަށް އެނގޭނެ ކަމަށް ނަހައްދަވާ،" ރައީސް ޔާމީން ވިދާޅުވިއެވެ. އަދީބުގެ ވާހަކަތައް ތަފްސީލްކޮށް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

"ކެމްޕެއިން ފައިސާއެއް އެސްއޯއެފްއަށް ނާދޭ، އެސްއޯއެފްގައި ހުންނާނީ އެމްއެމްޕީއަރްސީގެ ފައިސާ، ކެމްޕެއިން ފައިސާ ހުންނާނީ ޕީޕީއެމްގެ އެކައުންޓްގަ ނޫނީ ކެންޑިޑޭޓެއްގެ އަތުގައި، އެވެސް އިންތިހާބެއް ބޯމަތީގައި އޮތްނަމަ، ނޫންނަމަ ކެމްޕެއިން ފައިސާއެއް ނުހުންނާނެ، މިކަން ހިނގި 2015 ވަނަ އަހަރު އިންތިހާބެއް ނެތް، އެހެންވީއިރު މިލިއަނުން އެޑްވާންސްކޮށް ކެމްޕެއިން ފައިސާ ދީފައެއް ނުހުންނާނެ،" އަދީބު، އޭނާގެ ވާހަކަތައް ތަފްސީލް ކުރެއްވިއެވެ.

އަދީބު ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އޭނާ އަންގައިގެން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ އޯޑަރަށް އެސްއޯއެފްއިން ކުރި ކަމެއް ކަމަށެވެ. އެ ފައިސާ ޖަމާކުރިކަން ރައީސް ޔާމީނަށް ވެސް އެނގޭނެ ކަމަށާއި އިސްލާމިކް ބޭންކްގެ މެނޭޖަރު، އެ ފައިސާ ޖަމާވުމުން ރައީސް ޔާމީނަށް ގުޅުއްވި ކަމަށެވެ.

އެއާއެކު، އެކަމެއް އަދީބަށް އެނގެނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. އަދީބު ވިދާޅުވީ އެއީ އެސްއޯއެފްގެ މީހުން ދައްކާ ވާހަކައެއް ކަމަށެވެ. މީހުން ދައްކާ ވާހަކައެއް ގަބޫލު ކުރަނީ ކިހިނެއްތޯ ރައީސް ޔާމީން އެއްސެވިއެވެ. ރައީސް ޔާމީންގެ ސުވާލުތައް އަދީބަށް އަމާޒު ކުރައްވަމުން ގެންދެވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިން ރައްޔިތުންގެ ހަޒާނާއަށް ވަންނަން ޖެހޭ ގިނަ ފައިސާތަކަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެކަމަށް އޭނާ އާއި ރައީސް ޔާމީން ވެސް ޒިންމާވާން ޖެހޭނެ ކަމަށެވެ. އޭނާ އެކަމަށް ޒިންމާވާ ކަމަށެވެ.

"ނޫން... ޒިންމާވާނެ ކަމެއް ނޫން ކަމެއް ކަނޑައަޅާނީ ތަހުގީގުން ދެއްތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީއިން ދޫކުރާ ރަށްތަކުން ލިބޭ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމާއި އެކަން އެގޮތަށް ކުރެއްވީ ކީއްވެގެންތޯ އަދީބާ ސުވާލު ކުރައްވާފައެވެ. އަދީބު ވިދާޅުވީ އެއީ ރައީސް ޔާމީންގެ އޯޑަރަށް ކުރެއްވި ކަމެއް ކަމަށެވެ. އެހާ ހިސާބުން ދެ ބޭފުޅުންގެ ދެމެދު ދެކެވެމުންދިޔަ ވާހަކަތައް ހޫނު ވެސްވިއެވެ.

"ރައީސް ޔާމީން އަންގައިގެން ނުވަތަ އޯޑަރަށް ގާނޫނާ ހިލާފު ކަންކަން ކުރެއްވީމޭތޯ ތިޔަ ވިދާޅުވަނީ، އެހެންތޯ ތިޔަ ވިދާޅުވަނީ،" ރައީސް ޔާމީން އެއްސެވިއެވެ. އަދީބުގެ ޖަވާބަކަށްވީ "އާދެ" ކަމަށެވެ. ރައީސް ޔާމީން ސުވާލު ދެތިން ފަހަރަށް ތަކުރާރު ކުރެއްވިއެވެ. އިއުތިރާފުވަނީތޯ ވެސް އެއްސެވިއެވެ. އަދީބު ޖަވާބަކަށްވީ "އާދެ އާދެ" ކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ދައްކާ ވާހަކައަކުން ހުކުމެއް އަޔަސް މައްސަލައެއް ނެތް، ރައްޔިތުންނަށް ހަގީގަތް އެނގެން އެބަ ޖެހޭ، ރައްޔިތުންނަށް ރައްޔިތުންގެ ފައިސާ ލިބެން އެބަޖެހޭ،" އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީން މީގެކުރީ އަޑުއެހުމުގައި ވަނީ އެސްއޯއެފްއިން އެމަނިކުފާނު އެކައުންޓަށް ޖަމާކުރީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ކެމްޕެއިން ފައިސާ ކަމަށް ވިދާޅުވެފައެވެ. އަދީބު މިއަދު ވިދާޅުވީ ކެމްޕެއިން ފައިސާ އޭނާ ގެންގުޅުއްވާ ކަމަށާއި ފަންޑު ރައިސްކޮށްގެން ހޯދާ ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުން ކުރަނީ ކެމްޕެއިނެއް ކައިރިވުމުން ކަމަށާއި މީހެއްގެ އަތުން ލިބެނީ ވެސް އެއް ލައްކަ ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ. މިލިއަނުން ނުލިބޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ވިދާޅެއް ނުވެވޭ ކާކު ދިން ކެމްޕެއިން ފައިސާއެއް ކަމެއް، އިލެކްޝަނެއް ނެތް، ދެން ކެމްޕެއިން ފައިސާ ހުންނާނެ ގޮތެއް ނެތް،" އަދީބު ވިދާޅުވިއެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ކެމްޕެއިން ފައިސާ ބަލަހައްޓަނީ އަދީބު ކަމަށް އަމިއްލައަށް ވެސް ވިދާޅުވެފައިވާއިރު އެ ހުރިހާ ފައިސާއެއްގެ ތަފްސީލް އެމަނިކުފާނަށް ނޭނގޭނެ ކަމަށެވެ.

"ދެން ތިޔަ ވިދާޅުވަނީ މިލިއަނުން ބިލިއަނުން މަނިކުފާނުގެ ކެމްޕެއިންނަށް ފައިސާ ދެއްވަނީ ކޮން ބޭފުޅުންނެއް ކަމެއް މަނިކުފާނަށް ނޭނގޭއޭތޯއޭ،" އަދީބު އެއްސެވިއެވެ. "އާދެ އަޅުގަނޑަކަށް ނޭނގޭ،" ރައީސް ޔާމީން ރައްދުގައި ވިދާޅުވިއެވެ. އަދީބު ދެން ވިދާޅުވީ "އެހެންވިއްޔާ ތިޔައީ އިތުރުފުޅެއް" ކަމަށެވެ. އެހާ ހިސާބުން ދެ ބޭފުޅުންގެ މެދުގައި ހިނގަމުންދިޔަ ބަހުގެ ހަމަލާތައް މައިތިވިއެވެ.

އަދީބަށް ރައީސް ޔާމީންގެ ވަކީލް އަލީ ޝާހް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ފަހުން ވެސް ފަޅަކާއި ވޮޑުމުލާގެ ކުލީގެ ކަންކަން އަވަހަށް ނިންމުމަށް ވަރަށް ގިނައިން ގުޅުއްވި ކަމަށެވެ.

ވަކީލް ޝާހް ވަނީ އަދީބުގެ ހެކި ބަހަކީ އެއްވެސް ނުފޫޒެއް އޮވެގެންދޭ ހެކި ބަހެއްތޯ ސުވާލު ކުރައްވާފައެވެ.

"އެއްވެސް ނުފޫޒެއް ނެތް، އަމިއްލަ އިހްތިޔާރުގައި މި ހެކި ބަސް ދެނީ، އަޅުގަނޑު ވާނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ، އެއީ އަޅުގަނޑު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ތިބި މީހުންނާއި މަންފާ ލިބުނު މީހުން ހާމަ ކުރަން ބޭނުންވާތީ، އޭގެ ސަބަބުން އިންޒާރުތައް ވެސް ލިބޭ، މި ހެކި ބަސް ދޭތީ ވެސް އިންޒާރުތައް އައި، ވިހަދީ ޖަލުގައި މަރާލާނެ ކަމަށް ވެސް އިންޒާރު ލިބޭ،" އަދީބު ވިދާޅުވިއެވެ.

އަދީބު އިންޑިއާއަށް ފިލަން ދިޔުމާއެކު، އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމް ކަމަށް ބުނެ ނޫސް ބަޔާންތަކެއް ނެރުނެވެ. ބޭރުގެ ނޫސްތަކަށް އިންޓަވިއު ވެސް ދިނެވެ. އެ ބަޔާނުގައި މި ސަރުކާރުގެ ވެރިން އޭނާއަށް ކުރީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ބަޔާން ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެކަމާ ގުޅިގެން ވަކީލް ޝާހް ސުވާލު ކުރެއްވިއެވެ.

"އެއީ އަޅުގަނޑުގެ ހުއްދައާއެކު ނެރުނު ބަޔާނެއް ނޫން، އެއީ އަޅުގަނޑުގެ ވަކީލުންގެ ޓީމެއް ވެސް ނޫން، އެކަން ވާނީ ހުއްޓުވާފަ،" އަދީބު ވިދާޅުވިއެވެ.

އިންޑިއާއިން ގެނެސް އަދީބު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކުރުމުން ނަފްސާނީ ކަންކަމާ ދިމާވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ވަކީލް ޝާހް ވަނީ އަދީބުގެ ސިކުނޑީގެ މައްސަލައެއް އުޅޭތޯ ވެސް ސުވާލު ކުރައްވާފައެވެ.

"މިދިޔަ ހަތަރު އަހަރު އަޅުގަނޑު އޮތީ އެކަހެރިކޮށް ކުޑަ ގޮޅިއެއްގަ ބާއްވަފަ، އެހެންވެ ނަފްސާނީ ކަންކަމާ ދިމާވި، އެންޒައިޓީ ފަދަ ކަންކަން، އޭގެ މާނައަކީ އަޅުގަނޑު ސިކުނޑި ހަމަނުޖުހުމެއް ނޫން، ކޮންމެ ނަފްސާނީ ކަމަކީ މީހާ މޮޔަވުމެއް ނޫން، މިހާރު އަޅުގަނޑަށް އެ ހާލަތެއް ނެތް، ގޮޅީގައި ވެސް މި ހުންނަނީ އެހެން މީހަކާއެކު،" އަދީބު ވިދާޅުވިއެވެ.

އަދީބާ ކުރަން ބޭނުންވި ހުރިހާ ސުވާލެއް ހުސްވީއެވެ. އަދީބުގެ ހެކިބަސް ނެގުން ވެސް ނިމުނީއެވެ. ފުން ނޭވާއަކަށްފަހު އަދީބު ޝަރީއަތުގެ މާލަމުން ނުކުމެވަޑައިގެންނެވިއެވެ. ހިނިތުންވަމުން، ނޫސްވެރިންނާ ދިމާއަށް ބުމަ ވެސް ހިއްލާލެއްވިއެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން އިންނެވީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންނެވެ. ޝަރީއަތުގެ މާލަމުން ނުކުމެވަޑައިގެންނެވީ ވެސް އިސްދަށަށް ޖައްސަވައިގެން ވަރަށް ބާރު ހިންގެވުމެއްގައެވެ. ހަގީގަތުގައި ވެސް މިއީ ކުރިމިނަލް ކޯޓުގެ ތެރޭގައި ހިނގައިދިޔަ ވަރަށް ޝައުގުވެރި އަޑުއެހުމެކެވެ.