ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އެމަނިކުފާނުގެ އެއް އިރެއްގެ އެންމެ އަރިސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު މާދަމާ ހެކި ބަސް ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މާދަމާ ހެނދުނު 9:30 އަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ. އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ މާދަމާގެ އަޑުއެހުމުގައި އެންމެ ފުރަތަމަ އޮންނާނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުމެވެ. އޭނާގެ ހެކި ބަސް މީގެކުރީގެ އަޑުއެހުމުގައި ވެސް ނެގި އެވެ. މާދަމާ އޭނާއާ ސުވާލު ކުރާނީ ހަމައެކަނި ދައުލަތުގެ ރިޕޯޓަކާ ގުޅޭ ގޮތުންނެވެ.
މުއައްވިޒުގެ ހެކި ބަހަށްފަހު ދެން އޮންނާނީ އަދީބުގެ ހެކި ބަސް ނެގުމެވެ. މާދަމާ ކުރިމިނަލް ކޯޓަށް ހާޒިރުވާން ޖެހޭކަން އަދީބަށް މިހާރު އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިއީ އަދީބު ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދެއްވާނެ ފުރަތަމަ ފަހަރެވެ.
މީގެކުރިން ނެރުނު ނޫސް ބަޔާންތަކުގައި އަދީބު، ރައީސް ޔާމީންއަށް ބޮޑެތި ތުހުމަތުތައް ކުރައްވާފައިވެ އެވެ. ރައީސް ޔާމީންގެ އިތުބާރު ގެއްލި، ސަރުކާރުން އަދީބު ބޭރުކޮށް ޖަލަށްލައި ބޮޑެތި ހުކުމްތައް އައި ފަހުން މިއީ މި ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުމަށް ވެސް ވެގެންދާނެ އެވެ.
މާދަމާ އަދީބު ހެކި ބަސް ދެއްވާއިރު އޭނާގެ ހެކި ބަސް ނުނެގުމަށް މީގެކުރިން ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. އެއީ އަދީބުގެ ހިތުގައި ރައީސް ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮންނާނެތީ އާއި ބޮޑެތި ކުށްތަކެއް ތުހުމަތުވާ ބޭފުޅަކަށްވާތީ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ހައިލަމް ނިންމެވީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ހެކި ބަސް ނަގާނެ ކަމަށެވެ.
ގާޒީގެ އެ ނިންމެވުމަށްފަހު އަދީބު ވަނީ ފިލައިގެން އިންޑިއާއަށް ވަޑައިގަންނަން މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ ވަކީލުން ނެރުނު ބަޔާނުގައި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ބަޔާން ދިނުމަށް އަދީބަށް ބިރު ދައްކަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އަދީބު ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމަކަށް ގޮސްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތަކާއި ހެކިތައް އަދީބު ދަނީ ދައުލަތަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް ދައުލަތުގެ އެދުމުގެ މަތިން އަދީބު މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ ސުޕްރީމް ކޯޓުގައި އޮތް މާބިންހުރާ މައްސަލާގެ ޝަރީއަތުގަ އެވެ. ދައުލަތުން ބުނަނީ އަދީބު ފިލައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
މާދަމާގެ އަޑުއެހުމުގައި އަދީބަށްފަހު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހެކި ބަސް ދެއްވަން ވަނީ ހަމަޖެހިފަ އެވެ. މިހާރު ވެސް ހިޔާނާތުގެ މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތު ވެސް މީގެކުރިން ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ރައީސް ޔާމީންއާ ދެކޮޅަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. ނަމަވެސް އޭނާ މިއަދު ވަނީ ދޮގު ހެކި ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެ ހެކި ބަސް ނުދެއްވާނެކަން ހާމަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންއާ ދެކޮޅަށް ބަޔާން ދޭން އޭނާއަށް ދަނީ ބިރު ދައްކަމުންނެވެ. އެހެން އޭނާ ވިދާޅުވި ފޭސްބުކް ޕޯސްޓް މިހާރު ވަނީ ޑިލީޓްކޮށްލައްވާފަ އެވެ.
ދެން މި މައްސަލާގައި ހިމެނޭ ދައުލަތުގެ ހެކިންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.