ހަބަރު

ޔާމީންގެ އޯޑަރަށް ގާނޫނާ ހިލާފުވީން، އިއުތިރާފްވަން: އަދީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގާނޫނާ ހިލާފު އޯޑަރުތައް ދެއްވި ކަމަށާއި އެ އޯޑަރުތަކާާ އެއްގޮތަށް ގާނޫނާ ހިލާފުވެފައިވާނެ ކަމަށް އިއުތުރާފުވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. އަދީބު، ރައީސް ޔާމީނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ހާޒިރުކު ރުުމުން އޭނާއާ ގިނައިން ސުވާލު ކުރައްވާފައިވަނީ ވެސް ރައީސް ޔާމީނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީއާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާަރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެ އެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ އެވެ.

އަދީބު ސުވާލު އަމާޒުކުރީ އެކަމާ ގުޅޭ ގޮތުންނެވެ. ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ އެމަނިކުފާނާމެދު އަދީބުގެ އެއްވެސް ހިތްބަރު ކަމެއް އެބަ އޮތްތޯ އެވެ. އެއަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށްވީ މީހެއް ކަމަށާއި ނަމަވެސް ރައީސް ޔާމީން ހިމެނޭ ގޮތުން އެންމެންނަށް އޭނާގެ ހިތުގެ އަޑިން މާފު ކޮށްފައިވާ ކަމަށެވެ. އަދި ނުހައްގުން އޭނާއަށް ކުރި ހުކުމްތަކުން މިހާރު ސަލާމަތްވެފައިވާ ކަމަށެވެ.

ދެން ރައީސް ޔާމީންގެ ސުވާލަކަށްވީ އެސްއޯއެފްއާ ގުޅޭ ގޮތުންނެވެ. އެސްއޯއެފްގެ މީހުންނަކީ އަދީބުގެ ރައްޓެހިން ނޫންތޯ ސުވާލު ކުރެއްވި އެވެ. އަދީބު ވިދާޅުވީ އެސްއޯއެފްގެ މީހުންނަކީ އޭނާގެ ވެސް ރައްޓެހިން ކަމަށެވެ. ނަމަވެސް އެމީހުންނާ ރައީސް ޔާމީނާވެސް ގާތް ގުޅުމެއް އޮތް ކަމަށެވެ. އެގޮތަށް އަދީބު ނިންމަނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

"އެއީ ރައީސް ޔާމީން އެމީހުންނާ މުއާމަލާތްކޮށްފަ ހުރީމަ، އަޅުގަނޑު ފޯނުގަ ހުރި މަނިކުފާނުގެ މެެސެޖްތަކުން ވެސް އެކަން އެނގޭނެ، އެމީހުން މަނިކުފާނަށް ގުޅާ ހަދާ، މަނިކުފާނުގެ ގެކޮޅަށް ފައިސާ ހިފައިގެން ދޭ،" އަދީބު ވިދާޅުވި އެވެ.

"ފައިސާ ހިފައިގެން އަޅުގަނޑުގެ ގެއަކަށް ނާދޭ، ތިޔައީ ދޮގެއް،" ރައީސް ޔާމީން ރައްދު ދެއްވި އެވެ.

"އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތައް އެސްއޯއެފްއަށް ޖަމާކޮށް އެހެން ކުންފުނިތަކުން މާރުކޮށް މަނިކުފާނުގެ ގެއަށް ވެސް ގެންދިޔަ، މިއީ މަނިކުފާނަށް އެނގޭނެ ކަންކަން،" އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން ދެން ސުވާލު ކުރެއްވީ ކެމްޕެއިން ފައިސާ އާއި އެސްއޯއެފްގެ ފައިސާއާ ގުޅޭ ގޮތުންނެވެ. އެސްއޯއެފްއިން ޖަމާކުރީ ކެމްޕެއިން ފައިސާ ނޫން ކަމެއް އެނގެނީ ކިހިނެއްތޯ ރައީސް ޔާމީން އެއްސެވި އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ މަނިިކުފާނަށް ވެސް އެނގޭނެ އެސްއޯއެފްގައި ހުންނާނީ އެމްއެމްޕީއާރްސީގެ ފައިސާކަން ކަމަށާއި ކެމްޕެއިން ފައިސާ ނޫންކަން ކަމަށެވެ.

"ނޫން ނޫން ތިހެން ނަހައްދަވާ، ހުރިހާ ކަމެއް ރައީސް ޔާމީންއަށް އެނގޭނެ ކަމަށް ނަހައްދަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ. ތަފްސީލްކޮށް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

"ކެމްޕެއިން ފައިސާއެއް އެސްއޯއެފްއަށް ނާދޭ، އެސްއޯއެފްގައި ހުންނާނީ އެމްއެމްޕީއަރްސީގެ ފައިސާ، ކެމްޕެއިން ފައިސާ ހުންނާނީ ޕީޕީއެމްގެ އެކައުންޓްގަ ނޫނީ ކެންޑިޑޭޓެއްގެ އަތުގައި، އެވެސް އިންތިހާބެއް ބޯމަތީގައި އޮތްނަމަ، ނޫންނަމަ ކެމްޕެއިން ފައިސާއެއް ނުހުންނާނެ، މިކަން ހިނގި 2015 ވަނަ އަހަރު އިންތިހާބެއް ނެތް، އެހެންވީއިރު މިލިއަނުން އެޑްވާންސްކޮށް ކެމްޕެއިން ފައިސާ ދީފައެއް ނުހުންނާނެ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އޭނާ އަންގައިގެން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ އޯޑަރަށް އެސްއޯއެފްއިން ކުރި ކަމެއް ކަމަށެވެ. އެ ފައިސާ ޖަމާކުރިކަން ރައީސް ޔާމީނަށް ވެސް އެނގޭނެ ކަމަށާއި އެއީ އިސްލާމިކް ބޭންކްގެ މެނޭޖަރު ފައިސާ ޖަމާވުމުން ރައީސް ޔާމީނަށް ގުޅުއްވި ކަމަށެވެ.

އެއާއެކު، އެކަމެއް އަދީބަށް އެނގެނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އަދީބު ވިދާޅުވީ އެއީ އެސްއޯއެފްގެ މީހުން ދައްކާ ވާހަކައެއް ކަމަށެވެ. މީހުން ދައްކާ ވާހަކައެއް ގަބޫލު ކުރަނީ ކިހިނެއްތޯ ރައީސް ޔާމީން އެއްސެވި އެވެ. ރައީސް ޔާމީންގެ އިތުރު ސުވާލުތައް އަނެއްކާވެސް އަދީބަށް އަމާޒު ކުރެއްވި އެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިން ރައްޔިތުންގެ ހަޒާނާއަށް ވަންނަން ޖެހޭ ގިނަ ފައިސާތަކަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެކަމަށް އޭނާ އާއި ރައީސް ޔާމީން ވެސް ޒިންމާވާން ޖެހޭނެ ކަމަށެވެ. އޭނާ އެކަމަށް ޒިންމާވާ ކަމަށެވެ.

"ނޫން... ޒިންމާވާނެ ކަމެއް ނޫން ކަމެއް ކަނޑައަޅާނީ ތަހުގީގުން ދެއްތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީއިން ދޫކުރާ ރަށްތަކުން ލިބޭ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމާއި އެކަން އެގޮތަށް ކުރެއްވީ ކީއްވެގެންތޯ އަދީބާ ސުވާލު ކުރައްވާފަ އެވެ. އަދީބު ވިދާޅުވީ އެއީ ރައީސް ޔާމީންގެ އޯޑަރަށް ކުރެއްވި ކަމެއް ކަމަށެވެ. އެހާ ހިސާބުން ދެ ބޭފުޅުންގެ ދެމެދު ދެކެވެމުންދިޔަ ވާހަކަތައް ހޫނު ވެސްވި އެވެ.

"ރައީސް ޔާމީން އަންގައިގެން ނުވަތަ އޯޑަރަށް ގާނޫނާ ހިލާފު ކަންކަން ކުރެއްވީމޭތޯ ތިޔަ ވިދާޅުވަނީ، އެހެންތޯ ތިޔަ ވިދާޅުވަނީ،" ރައީސް ޔާމީން އެއްސެވި އެވެ. އަދީބުގެ ޖަވާބަކަށްވީ "އާދެ" ކަމަށެވެ. ރައީސް ޔާމީން ސުވާލު ދެތިން ފަހަރަށް ތަކުރާރު ކުރެއްވި އެވެ. އިއުތިރާފުވަނީތޯ ވެސް އެއްސެވި އެވެ. އަދީބު ޖަވާބަކަށްވީ "އާދެ އާދެ" ކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ދައްކާ ވާހަކައަކުން ހުކުމެއް އަޔަސް މައްސަލައެއް ނެތް، ރައްޔިތުންނަށް ހަގީގަތް އެނގެން އެބަ ޖެހޭ، ރައްޔިތުންނަށް ރައްޔިތުންގެ ފައިސާ ލިބެން އެބަޖެހޭ،" އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން މީގެކުރީ އަޑުއެހުމުގައި ވަނީ އެސްއޯއެފްއިން އެމަނިކުފާނު އެކައުންޓަށް ޖަމާކުރީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ކެމްޕެއިން ފައިސާ ކަމަށް ވިދާޅުވެފަ އެވެ. އަދީބު މިއަދު ވިދާޅުވީ ކެމްޕެއިން ފައިސާ އޭނާ ގެންގުޅުއްވާ ކަމަށާއި ފަންޑު ރައިސްކޮށްގެން ހޯދާ ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުން ކުރަނީ ކެމްޕެއިނެއް ކައިރިވުމުން ކަމަށާއި މީހެއްގެ އަތުން ލިބެނީ ވެސް އެއް ލައްކަ ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ. މިލިއަނުން ނުލިބޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ވިދާޅެއް ނުވެވޭ ކާކު ދިން ކެމްޕެއިން ފައިސާއެއް ކަމެއް، އިލެކްޝަނެއް ނެތް، ދެން ކެމްޕެއިން ފައިސާ ހުންނާނެ ގޮތެއް ނެތް،" އަދީބު ވިދާޅުވި އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ކެމްޕެއިން ފައިސާ ބަލަހައްޓަނީ އަދީބު ކަމަށް އަމިއްލައަށް ވެސް ބުނެފައިވާއިރު އެ ހުރިހާާ ފައިސާއެއްގެ ތަފްސީލް އެމަނިކުފާނަށް ނޭނގޭނެ ކަމަށެވެ.

"ދެން ތިޔަ ވިދާޅުވަނީ މިލިއަނުން ބިލިއަނުން މަނިކުފާނުގެ ކެމްޕެއިންނަށް ފައިސާ ދެއްވަނީ ކޮން ބޭފުޅުންނެއް ކަމެއް މަނިކުފާނަށް ނޭނގޭއޭތޯއޭ،" އަދީބު އެއްސެވި އެވެ. "އާދެ އަޅުގަނޑަކަށް ނޭނގޭ،" ރައީސް ޔާމީން ރައްދު ދެއްވި އެވެ. އަދީބު ދެން ވިދާޅުވީ "އެހެންވިއްޔާ ތިޔައީ އިތުރުފުޅެއް" ކަމަށެވެ.

އަދީބަށް ރައީސް ޔާމީންގެ ވަކީލް އަލީ ޝާހް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ފަހުން ވެސް ފަޅަކާއި ވޮޑުމުލާގެ ކުލީގެ ކަންކަން އަވަހަށް ނިންމުމަށް ވަރަށް ގިނައިން ގުޅުއްވި ކަމަށެވެ.

ވަކީލް ޝާހް ވަނީ އަދީބުގެ ހެކި ބަހަކީ އެއްވެސް ނުފޫޒެއް އޮވެގެންދޭ ހެކި ބަހެއްތޯ ސުވާލު ކުރައްވާފަ އެވެ.

"އެއްވެސް ނުފޫޒެއް ނެތް، އަމިއްލަ އިހްތިޔާރުގައި މި ހެކި ބަސް ދެނީ، އަޅުގަނޑު ވާނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ، އެއީ އަޅުގަނޑު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ތިބި މީހުންނާއި މަންފާ ލިބުނު މީހުން ހާމަ ކުރަން ބޭނުންވާތީ، އޭގެ ސަބަބުން އިންޒާރުތައް ވެސް ލިބޭ، މި ހެކި ބަސް ދޭތީ ވެސް އިންޒާރުތައް އައި، ވިހަދީ ޖަލުގައި މަރާލާނެ ކަމަށް ވެސް އިންޒާރު ލިބޭ،" އަދީބު ވިދާޅުވި އެވެ.

އަދީބު އިންޑިއާއަށް ފިލަން ދިޔުމާއެކު، އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމް ކަމަށް ބުނެ ނޫސް ބަޔާންތަކެއް ނެރުނެވެ. ބޭރުގެ ނޫސްތަކަށް އިންޓަވިއު ވެސް ދިނެވެ. އެ ބަޔާނުގައި މި ސަރުކާރުގެ ވެރިން އޭނާއަށް ކުރީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ބަޔާން ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ވަކީލް ޝާހް ސުވާލު ކުރެއްވި އެވެ.

"އެއީ އަޅުގަނޑުގެ ހުއްދައާއެކު ނެރުނު ބަޔާނެއް ނޫން، އެއީ އަޅުގަނޑުގެ ވަކީލުންގެ ޓީމެއް ވެސް ނޫން، އެކަން ވާނީ ހުއްޓުވާފަ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވަނީ އޭގެ ފަހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކުރުމުން ނަފްސާނީ ކަންކަމާ ދިމާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ވަކީލް ޝާހް ވަނީ އަދީބުގެ ސިކުނޑީގެ މައްސަލައެއް އުޅޭތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

"މިދިޔަ ހަތަރު އަހަރު އަޅުގަނޑު އޮތީ އެކަހެރިކޮށް ކުޑަ ގޮޅިއެއްގަ ބާއްވަފަ، އެހެންވެ ނަފްސާނީ ކަންކަމާ ދިމާވި، އެންޒައިޓީ ފަދަ ކަންކަން، އޭގެ މާނައަކީ އަޅުގަނޑު ސިކުނޑި ހަމަނުޖުހުމެއް ނޫން، ކޮންމެ ނަފްސާނީ ކަމަކީ މީހާ މޮޔަވުމެއް ނޫން، މިހާރު އަޅުގަނޑަށް އެ ހާލަތެއް ނެތް، ގޮޅީގައި ވެސް މި ހުންނަނީ އެހެން މީހަކާއެކު،" އަދީބު ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހަށް އަދީބު ވަޑައިގެންނެވީ ކޯޓު ފަޓުލޫނުގަ އެވެ. އޭނާ ހުންނެވީ ވަރަށް ހަމަޖެހިލައިގެންނެވެ. އެންމެ ފުރަތަމަ މަޖިލީހަށް ވަދެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީންއާ ދިމާލަށް ބައްލަވާލެއްވި އެވެ. ނަމަވެސް ރައީސް ޔާމީން އިންނެވީ އިސް ޖައްސަވައިގެންނެވެ. ދެ ބޭފުޅުންގެ ހަތަރު ކަޅި ފުރަތަމަ ފަހަރަށް ބައްދަލުވީ ރައީސް ޔާމީންގެ ފުރަތަމަ ސުވާލާއެކު އެވެ. މިއީ އަދީބު ހައްޔަރުކުރި ފަހުން ރައީސް ޔާމީންނާ އެއް ތަނަކުން ބައްދަލުވި ފުރަތަމަ މަޖިލީހެވެ.