މާޒިޔާ

ގައުމީ ޓީމުގެ ސްކޮޑް އަވަހަށް އެނގުން މުހިންމު: މާޒިޔާ

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންގެ ލިސްޓް ވީ އެންމެ އަވަހަކަށް ކުލަބުތަކަށް އެންގުން މުހިންމު ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

މިދިޔަ މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމީ ސްކޮޑު އިއުލާން ކޮށްފައި ވަނީ ޓީމު މުބާރާތަށް ފުރަން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. ސެކްލޮވްސްކީ ބުނީ، ދުރާލައި ސްކޮޑު އެނގޭނަމަ ބާކީ ތިބި ކުޅުންތެރިންނާއެކު ބްރޭކުގައި ޓްރޭނިން ޕްރޮގްރާމް އެކުލަވާލަން ޕްލޭން ކުރަން ކުލަބުތަކަށް ރަނގަޅަށް ތައްޔާރު ވެވޭނެ ކަމަށެވެ.

"ކުރިއަށް މިއޮތީ އީދު ބަންދު، އަހަރެން މީ ކުޅުންތެރިންނާމެދު ޒިންމާދާރު ވާނެ ކޯޗެއް، ނުވައެއް ނުވަތަ 10 ދުވަހުގެ ބުރޭކެއް އަހަންނަކަށް ކުޅުންތެރިންނަށް ނުދެވޭނެ، ސަބަބަކީ އޭގެ ސަބަބުން އެ ކުޅުންތެރިންނަށްވެސް ގެއްލުން ވާނެ، އަހަރެމެންނަށް ވެސް ގެއްލުންވާނެ،" ސެކްލޮވްސްކީ ބުންޏެވެ.

"މިވަގުތު އަންހަންނަށް އެނގޭ ކޮންމެވެސް ވަރަކަށް ގައުމީ ޓީމަށް ދާނެ ކުޅުންތެރިންތަކެއް، އެހެންނަމަވެސް އެއީ 100 ޕަސަންޓް ދިމާވާނެ ލިސްޓެއް ނޫން، ވަރަށް މުހިންމު ކަމެއް ދުރާލައި ސްކޮޑު އެނގުން."

މި ހަފުތާގެ މެޗުތަކަށް ފަހު ލީގް 38 ދުވަހަށް ބްރޭކް ވާނެ އެވެ. ސްކޮލްވްސްކީ ބުނީ ބްރޭކުގައި އެންމެ އުނދަގޫ ކުރިމަތި ވާނީ މާޒިޔާއަށް ކަމަށެވެ. އެހެންނަމަވެސް މާޒިޔާއަށް ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން ގައުމީ ޓީމަށް ދާތީ އުފާވާ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ލީގްގައި މިހާ ދިގު ބްރޭކެއް އައުމަކީ އޭނާއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ބްރޭކުގައި ޕްރީ ސީޒަނެއް ގޮތަށް ޕްރޮގްރާމް ގެންދަން ބޭނުންވި ނަމަވެސް 13 ކުޅުންތެރިން ނުލައި ރަނގަޅު ޕްރީ ސީޒަނެއް ނުގެންދެވޭނެ ކަމަށް މެސަޑޯނިއާ އަށް ނިސްބަތްވާ ކޯޗް ބުންޏެވެ.

މިއަދު މާޒިޔާ ނުކުންނާނީ ޔުނައިޓަޑް ވިކްޓަރީ އާ ދެކޮޅަށެވެ. ކޯޗް ބުނީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޔޫވީގައި ތިބުމަކީ މާޒިޔާއިން ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށެވެ.