ވިޔަފާރި

މޯލްޑިވިއަން ކުޅުދުއްފުއްޓަށް ޓިކެޓު ވިއްކަނީ ކޮޅަކަށް 1،113ރ. އަށް

Aug 8, 2019
7

ހުކުރު ދުވަހު ހުޅުވާ ކުޅުދުއްފުށީ އެއާޕޯޓް (ކޭޑީއެޗް) އަށް މޯލްޑިވިއަން އިން ޓިކެޓު ވިއްކަނީ ކޮޅަކަށް 1،113ރ. އަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހުކުރު ދުވަހު ހުޅުވާއިރު ހުކުރު ދުވަހާއި މި މަހުގެ 13 ވަނަ ދުވަހުގެ ފްލައިޓު ވަނީ ފުލްވެފަ އެވެ. މޯލްޑިވިއަން އިން ކުޅުދުއްފުޓަށް ފުރަތަމަ ބާއްވަނީ ހަފުތާއަކު އެންމެ ފްލައިޓެކެވެ. މި ދަތުރާ ބެހޭ ގޮތުން މޯލްޑިވިއަން އިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އީދަށް ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފްލައިޓުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށީ ޓިކެޓު ކޮޅަކަށް 1،113 އަށް ވިއްކާއިރު، މިއީ ހދ. ހަނިމާދޫ އަށް ވެސް ޓިކެޓު ވިއްކާ އަގެވެ. އެހެންކަމުން ކުޅުދުއްފުށްޓަށް ދަތުރު ކުރާ މީހުން ދެކޮޅަށް 2،226ރ. ދައްކަން ޖެހޭނެ އެވެ.

ކުޅިން ބައެއް ހިއްކައިގެން ކުޅުދުއްފުށީގައި އެއާޕޯޓް އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި ތަނުގައި އެއާޕޯޓު އަޅަން ނިންމުމުން ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ އެއާޕޯޓުގައި ހަމައެކަނި ނިންމުނީ ރަންވޭ އެކަންޏެވެ. މި އެއާޕޯޓަށް ޝެޑިއުލް ފްލައިޓުތައް ފެށުން ލަސްވެފައިވަނީ ޓާމިނަލްގެ މަސައްކަތް ނުނިމިގެންނެވެ.

ރާއްޖޭގައި މިހާރު ވެސް ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ޅ. މަޑިވަރާއި ނ. މާފަރު އަދި ށ. ފުނަދޫ އާއި މާވަރުލުގައި އެއާޕޯޓް އަޅަމުންދެ އެވެ.