ދުނިޔެ

އިގްތިސޯދު ރަނގަޅު ކުރަން ޗައިނާ ފަތުރުވެރިން ބޭނުންވޭ: އިރާނު

އިރާނަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ޗައިނާ ޓޫރިސްޓުން ބޭނުންވާ ކަމަށް އިރާނުން ބުނެފި އެވެ.

އިގްތިސޯދަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމުގެ ބޭނުމުގައި އިރާނުން މިހާރު ދަނީ ޗައިނާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހޮޓާ ތަކާއި އެހެނިހެން ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް ފަށާފަ އެވެ. މީގެ އިތުރުން ޗައިނާއިން އަންނަ ފަތުރު ވެރިންނަށް މިހާރު ވަނީ އޮންއެރިވަލް ވިސާ ވެސް ދޭ ގޮތަށް ނިންމާފަ އެވެ.

އިރާނާއި ޗައިނާ އަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމެވެ. ދެ ގައުމުގެ މެދުގައި މިހާރުވެސް ދަނީ ބޮޑެތި އަދަދުތަކުން ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. ޗައިނާއިން ވަނީ އިރާނުގައި ހަކަތަ ދާއިރާއިން ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްވެސް ކޮށްފަ އެވެ. އިރާންގެ ސަރުކާރުން ބުނީ ޗައިނާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރިނަމަވެސް ހުރިހާ ގައުމެއްގެ ފަތުރުވެރިންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އޭގެ ތެރެއިން އެމެރިކާ ފަތުރުވެރިންނަށް ވަކިން ހާއްސަ މަރުހަބާ އެއް ކިޔާނެ ކަމަށް އިރާނުން ވަނީ ބުނެފަ އެވެ.

2015 ވަނަ އަހަރު ދުނިޔޭގެ ބާރުހަދަ ގައުމުތަކާއި އެކު ހެދި ނިއުކުލިއާ އެއްބަސްވުމާއި އިރާނު ހިލާފުވި ކަމަށްބުނެ އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އިރާނުގެ ފައިސާ އަގު ދަށްވެ އިންފްލޭޝަން ވަނީ މަތިވެފަ އެވެ. އިރާނުގެ މިހާރުގެ ހާލަތަށް ބަލާއިރު އިރާނުން ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރު އެބޮއޮތް ކަމަށް ފޮރިން މިނިސްޓަރު ޒާރިފް ޖާވިދް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މި ހާލާތުގައި އިރާން އޮށްވާ ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން އިންފްރާސްޓަރަކްޗާ އާއި އެހެނިހެން ވަސީލަތް ގާއިމް ކުރުމަކީ އިރާނަށް އުދަގޫ ކަމަކަށްވާނެ އެވެ. އިރާނުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ފަަސް ތަރީގެ ހޮޓާތައް އަޅަން ނިންމާފަ އެވެ. މިކަން ކުރަނީ އިރާންގެ ބޭންކުތަކުން އިންޓްރެސްޓް ރޭޓު ދަށް ދިގު މުއްދަތެއްގެ ލޯނު ފަތުރުވެރިކަމުގެ ސިނާއަތަށް ޝައުގުވެރިވާ ފަރާތްތަކަށް ދޫކޮށްގެން 2020 ވަނަ އަހަރަށް އަމާޒުކޮށްގެންނެވެ.