ދިވެހިންގެ ޗުއްޓީ "ޓްރެންޑް" އަށް ބަދަލު އައީ ގެސްޓްހައުސް ވިޔަފާރި ފުޅާވި ހިސާބުންނެވެ. މިއާއެކު ހަފުތާ ބަންދުގައި އަވަށްޓެރި ގައުމުތަކަށް ދިޔުމުގެ ބަދަލުގައި ދިވެހިން ގެސްޓްހައުސްތައް ފުރާލި އެވެ. މި ބަދަލު ވޭތުވެދިޔަ ދެތިން އަހަރަކު ފެނުނެވެ. އަދި މި އަހަރު "އީސްޓާ" ޗުއްޓީގައި އަވަށްޓެރި ސްރީލަންކާގައި ގޮއްވާލި ބޮންތަކާ ގުޅިގެން އެ ގައުމަށް ކުޑަ އީދުގައި ދިޔަ ދިވެހިންގެ އަދަދު ބޮޑުތަން މަދުވި އެވެ. ނަމަވެސް މި އަހަރުގެ ބޮޑު އީދުގައި ގިނަ ބަޔަކު މި ވަނީ އަނެއްކާ ވެސް އެ ގައުމަށް ދަތުރުކޮށްފަ އެވެ. ޓިކެޓު ވިއްކާ ބައެއް ކުންފުނި ތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި އަހަރު ސްރީލަންކާއަށް ދިޔަ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވާނެ އެވެ. އަދި މިއާއެކު ބޭރުގައި އީދުގެ ޗުއްޓީ ހޭދަކުރި މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފަ އެވެ.
"ބޮމުގެ ގުޅިގެން މިދިޔަ އީދުގައި މަދުވި ލަންކާ އަށް ދާ މީހުންގެ އަދަދު. އެކަމަކު އަނެއްކާ ވެސް މިވަނީ އިތުރު ވެގެން ގޮސްފަ. މި ބަދަލު އައިސްފައި މިވަނީ ގިނަ މަސައްކަތްތަކެއް ކޮށްގެން. އެހެންވެ މި އަހަރު ސްރީލަންކާ އަށް ގިނަ ބަޔަކު ދިޔަ،" ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.
އެ ކުންފުނިން އަވަސް އަށް ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުގައި މިމަހުގެ 8-15 ވަނަ ދުވަހުގެ ނިޔަލަށް 1478 ދިވެހިން ވަނީ ސްރީލަންކާ އަށް ދަތުރުކުރަން ޓިކެޓު ނަގާފަ އެވެ. އަދި މެލޭޝިއާ އަށް 388 މީހަކު އަދި ބެންކޮކް އަށާއި ސިންގަޕޫރަށް ދަތުރުކުރި މީހުންގެ އަދަދު ވެސް ގިނަ އެވެ.
ސްރީލަންކާ އަށް މި އީދުގައި ގިނަ ބަޔަކު ދަތުރުކޮށްފައި މިވަނީ އެ ގައުމުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ހޮޓާތަކުގައި ދިވެހިންނަށް ހާއްސަ ޑިސްކައުންޓުންތަކެއް ދީފަ އެވެ. އަދި ސްރީލަންކަން އެއާލައިންސް އިން ވަނީ އީދު ބަންދާ ދިމާކޮށް 25 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ.
އޭސް އޭވިއޭޝަން އިން ވާހަކަ ދެއްކެވި ފިރާގު ވިދާޅުވީ މި އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގެ ސަބަބުން ވެސް ބޭރަށް ދަތުރު ކުރި މީހުންގެ އަދަދު އިތުރުވި ކަމަށެވެ.
"ވެކޭޝަންސް އެކްސްޕޯ އަށް ދިޔަ ގިނަ ބަޔަކު ހޮޓާތައް ހުރީ ބުކްކޮށްފަ. އެމީހުންނަށް ރަނގަޅު ޑިސްކައުންޓެއް ވެސް ދިން. އެހެންވެ، ގިނަ ބަޔަކު މި އަހަރު ލަންކާއަށް ދަތުރުކުރި،" ފިރާގު ވިދާޅުވި އެވެ.
ސްރީލަންކާ ނަގާފައި އެންމެ ގިނަ ދިވެހިން އުޅެނީ މެލޭޝިއާގަ އެވެ. އެހެންވެ ދިވެހި ގިނަ އާއިލާތަކެއް މެލޭއަށް ދަތުރު ކުރެ އެވެ. އަދި މެލޭޝިއާއަށް ދަތުރުކުރާ މިހުންގެ އަދަދު އިތުރުވުމުގެ އަނެއް ސަބަބަކީ އެ ގައުމުގައި ދިވެހިން ތިބެން ހަމަޖެހިފައިވާ ފަސޭހަ އިންތިޒާމު ތަކާއި ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ފަސޭހަ ކަނެކްޓިވިޓީ އެވެ. ރާއްޖެ އާއި މެލޭއާ ދެމެދު ދަތުރުކުރާ ބަޖެޓް އެއާލައިން އެއާ އޭޝިއާއަކީ ދިވެހިން ދަތުރު ކުރަން މަގުބޫލު އެއް އެއާލައިން އެވެ.
އެއާ އޭޝިއާގެ ރާއްޖޭގެ އެޖެންޓް، އޯލްއެޗް މޯލްޑިވްސްގެ އެއް ޑިރެކްޓަރު ކަމަށްވާ އަބްދުލް ހަމީދު އަބްދުލްޣަފޫރު (އައްޑޯ) ވިދާޅުވީ އެއާ އޭޝިއާއަށް އޮތް ޑިމާންޑު ވެސް ވަރަށް ބޮޑު ކަމަށެވެ.
"ވަރަށް ބޮޑަށް ބާރު ބޮޑުވެފައި މިވަނީ. ބޭރަށް އެއް ވަރަށް ޑޮމެސްޓިކްގެ ބާރު ވެސް އެހާ ބޮޑު،" އައްޑޯ ވިދާޅުވި އެވެ.
އިންޑިއާ އާއި ސްރީލަންކާ އަދި ގިނަ ގައުމުތަކަށް ޓިކެޓު ވިއްކާ ވިލާ ޓްރެވަލްސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ޝީޓް ހޯދަން ދަތިވެގެން ދިޔަ ކަމަށެވެ.
"އީދުގެ ކުރީ ދުވަހުގެ ރޭ އޮތް ސްރީލަންކަން އެއާލައިންސް ވެސް އޯވަ ބުކް ވެގެން ދިޔައީ. ސްރީލަންކާ އަށް އެންމެ ބާރު ބޮޑު ވަނީ. މި އަހަރު އިންޑިއާ އަށް ވެސް ގިނަ ބަޔަކު ދަތުރު ކުރި،" އޮފިޝަލް ވިދާޅުވި އެވެ.
ދިވެހިންގެ ގިނަ ބަޔަކު މި އީދުގައި ބޭރުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ބޭރުގައި ޗުއްޓީ ހޭދަކުރާ ދިވެހިންގެ ހޭދަވެސް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ސާވޭ އިން ދައްކަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ދިވެހިން ރާއްޖެ އިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ދައްކާ ގޮތުގައި 2015 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދިވެހިންގެ ބޭރުގެ ޗުއްޓީ ހޭދަ ދަނީ މަތިވަމުންނެވެ. މިގޮތުން 2015 ވަނަ އަހަރު އެވްރެޖު ގޮތުގައި ބޭރަށް ދާ ދިވެއްސަކު ބޮލަކަށް 780 ޑޮލަރު ހޭދަކުރި ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ 890 ޑޮލަރަށް އިތުރުވެފަ އެވެ.
ސްރީލަންކާގެ ބޮމުގެ ހާދިސާ އަށް ފަހު އެ ގައުމުގެ ޓޫރިޒަމް ދަނީ ރަނގަޅުވަމުންނެވެ. މި އާއެކު ކުރި އަށް އޮތްތަނުގައި އެ ގައުމަށްދާ ދިވެހިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. މި އީދުގައި މި ފެނުނީ އޭގެ ނިޝާނެެކެވެ.