ދުނިޔެ

ފެން ބޮޑުވެގެން އިންޑިއާގައި 33 މީހަކު މަރުވެއްޖެ

އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގެ ސަބަބުން ފެން ބޮޑުވެ 33 މީހަކު މަރުވެ 180،000 މީހުން ސަލާމަތީ ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެ އެވެ.

އިންޑިއާ މިހާރު ކުރަމުންދަނީ ކޮންމެ އަހަރަކުވެސް އެ ގައުމަށް ކުރާ ޖޫން މަހާއި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ މޫސުމީ ވިއްސާރަ އެވެ. މި ވިއްސާރާގައި އިންޑިއާގެ ދަނޑު ބިންތަކަށް ގެއްލުން ލިބުމުގެ ސަބަބުން ޖޫން މަހާއި ސެޕްޓެމްބަރު މަހު ދަނޑުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 70 ޕަސަންޓް ދަށްވެ އެވެ.

ރެސްކިޔު ޓީމުތަކުން މައުލޫމާތު ދޭ ގޮތުގައި ފެން ބޮނޑުވުމުގެ ސަބަބުން މީހުން މަރުވެފައިވަނީ މާހަރަޝްތާ އަދި ކަރްނާޓަކާގަ އެވެ. މީގެ އިތުރުން ބޮޑުވި ފެންގަނޑުގައި ދުއްވާފައި ދިޔަ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން ވެސް ބަޔަކު ވަނީ މަރުވެފަ އެވެ. މާހަރަޝްތާގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން ދިޔަ ނަމަވެސް، ބޯކަށް ވާރޭ ވެހޭތީ ފެންގަނޑު ހިންދާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ފެން ބޮނޑުވި ސަރަހައްދުތަކުގެ ބޮޑެތި މަގުތައް މިހާރު ބަންދު ކޮށްފައިވާއިރު، އާންމު ދިރިއުޅުމަށް އުނދަގޫވާވަރަށް އިންޑިއާގެ ދެކުނުގެ ގިނަ ސަރަހައްދުތަކުގައި ވަނީ ފެންބޮނޑު ވެފަ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ވެސް އިންޑިއާގެ ސަރަހައްދުތަކަށް ވިއްސާރަކުރާނެ އެވެ.