ޕާކިސްތާން

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު މަރިޔަމް ނަވާޒް ހައްޔަރުކޮށްފި އެވެ. މަރިޔަމް ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓެބަލިޓީ ބިއުރޯ (އެންއޭބީ) އިންނެވެ.

މިއަދުގެ ވަގުތެއްގައި އެންއޭބީން މަރިޔަމް ހައްޔަރުކޮށްފައިވަނީ، ލޯހޯރް ޖަލުގައި ބަންދު ކޮށްފައިވާ އޭނާގެ ބައްޕަ، ކުރީގެ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒަ ޝަރީފްއާ ބައްދަލުކުރަން ދަނިކޮށެވެ. މަރިޔަމް އަކީ ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ނައިބު ރައީސެވެ.

ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ސްޕޯކްސްޕާސަން ވިދާޅުވީ، އެންއޭބީން މަރިޔަމް ހައްޔަރުކުރީ ކީއްވެކަން އަދި އަންގާފައި ނުވާ ކަމަށެވެ. މަރިޔަމް ބައްޕަ ނަވާޒް ޝަރީފަކީ ކޮރަޕްޝަންގެ ކުށް ސާބިތުވާއި ގުޅިގެން ޖަލަށް ލާން ހުކުމްކޮށްފައިވާ ބޭފުޅެކެވެ. މަރިޔަމް ހައްޔަރުކުރި އެންއޭބީ އަކީވެސް ކޮރަޕްޝަނާއި ގުޅުން ހުންނަ މައްސަލަތަށް ބެލުމުގެ ބާރު ލިބިގެންވާ އިދާރާ އެކެވެ.

ނަވާޒަ ޝަރީފުގެ އާއިލާގެ ބައެއް ބޭފުޅުންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން، ކޯޓުން އެންގީ އަލުން މައްސަލަ ބެލުމަށެވެ.