ދިވެހި ޕްރެމިއާ ލީގް

ތަފާތު ބޮޑުކޮށް މޮޅުވެ އެއް ވަނައިގައި މާޒިޔާ ހަމަޖެހިލައިފި

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު މޮޅެއް ހޯދައި، ލީގް އަލުން ބުރޭކަށް ދާއިރު އެއް ވަނަ މަގާމުގައި މާޒިޔާ ހަމަޖެހިލައިފި އެވެ.

މެޗުގައި މާޒިޔާގެ ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ކޯނޭލިއަސް ސްޓްވާޓް ކޯނޭ އެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗަށް ނުކުތުމުގެ ކުރިން ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، އަނިޔާގެ ބައެއް މައްސަލަތަކާ ހެދި މިދިޔަ ބުރޭކުގައި ޓީމުގެ ބައެއް ކުޅުންތެރިންނަށް އެންމެ އެދެވޭ ގޮތުގައި ޕްރެކްޓިހުގައި ބައިވެރި ނުވެވޭ ކަމަށެވެ.

މާޒިޔާއިން ލަނޑެއް ޖެހިޔަ ނުދީ ޔުނައިޓަޑް ވިކްޓަރީ އަށް ހިފަހައްޓާ ލެވުނީ، ފުރަތަމަ ހާފުގެ އެންމެ ފަހު ދެތިން މިނެޓާ ހަމަޔަށެވެ. ޔުނައިޓަޑް ވިކްޓަރީ ކޮޅަށް މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ނާއިޒް ހަސަން (ދާދު) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 43 ވަނަ މިނެޓްގަ އެވެ.

އޭގެ ކުރިންވެސް މާޒިޔާ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. އެ ގޮތުން އެންމެ ފަހި ފުރުސަތެއް ލިބުނީ އަސަދުﷲ އަށެވެ. މެޗުގެ 12 ވަނަ މިނެޓްގައި މުޖުތާޒް މުހައްމަދު (މުޖޭ) ޔުނައިޓަޑް ވިކްޓަރީގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަށް އަސަދުﷲ އެރީ ހުސްކޮށެވެ. ވެއްޓިގެން ފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ލަނޑު ދާދު ކާމިޔާބު ކުރީ އޭނާ އާއި އަސަދުﷲ އާ ދެކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން ތަނަވަސް ކުރި ފުރުސަތުގަ އެވެ. ލަނޑު ޖެހުމުގެ ކުރިން ދާދު އާއި އަސަދުﷲ ދެ ފަހަރަށް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ދެ ފަހަރެއްގެ މަތިން ބޯޅަ ޕާސްކޮށް ހެދި އެވެ. އަސަދުﷲ ދިން ބޯޅަ ހިފައިގެން ގޯލްގެ އަރިމަތީގައި ހުރެ ދާދު މަސައްކަތް ކުރީ ޔުނައިޓަޑް ވިކްޓަރީގެ ޑިފެންޑަރުން ކައިރިން ބޯޅަ ނައްޓާލައި އެ ޖާގަ ހޯދައިގެން ގޯލަށް ބޯޅަ ފޮނުވާލާށެވެ. ގޯލް ކުރިމައްޗަށް އޭނާ ބޯޅަ ނަގައިދީފާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އަރިމަތީގައި ހުރެފައި ގޯލްގެ ދުރު ކަނަށް ބޯޅަ ވައްދާލަފަ އެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު އަސަދުﷲ ކާމިޔާބު ކުރީ ދާދު ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދާދު ތަނަވަސް ކޮށްދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އޭރިއާގެ ރޮނގާ ފޫޓެއްހައި އެތެރެއިން އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ކަނަށްވާ ގޮތަށެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ޔުނައިޓަޑް ވިކްޓަރީގެ ލަނޑު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑިމިޓްރީ ކާމިޔާބު ކުރީ 61 ވަނަ މިނެޓްގަ އެވެ. ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަ ކޮށްލައިގެން ޔުނައިޓަޑް ވިކްޓަރީ އަލުން ގޭމްގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އަސަދުﷲ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަނިޔާގެ ސަބަބުން އެއް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައީ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ނަގައިދިން ކޯނަރު ސަމުއްޓޭ ބޮލުން ފޮނުވާލީ ހުސްކޮށް ހުރެ އެވެ.

މާޒިޔާގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ކޯނޭލިއަސް ސްޓްވާޓް ކޯނޭ އެވެ. އޭނާ ލަނޑު ޖެހީ 73 ވަނަ މިނެޓާއި 80 ވަނަ މިނެޓްގަ އެވެ. މޮޅާއެކު މާޒިޔާ އެއް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. މިރެއާއި މާދަމާގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާގެ މަގާމަކަށް ބަދަލެއް ނާންނާނެ އެވެ.