ހަބަރު

"ޖާނީ ޓު ދަ ސަނީ ސައިޑް" ރޯޑްޝޯ ކޮރެޔާގައި ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ ރޯޑް ޝޯ ސައުތު ކޮރެއާގައި ފަށައިފި އެވެ.

އެ ރޯޑްޝޯއަކީ އެމްއެމްޕީއާރުސީ ގެ ފަރާތުން ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ސިލްސިލާގެ ހަތަރުވަނަ ރޯޑް ޝޯ އެވެ. މި ރޯޑް ޝޯ ކުރިއަށްދާނީ ސައުތު ކޮރެއާގެ ސޯލް އަދި ބުސާން ގައި އޮގަސްޓް 6 އިން 9 ގެ ނިޔަލަށެވެ. މިއީ ސިންގަޕޯ އެއާލައިންސް އާއިއެކު ޕޮއިންޓް ޕޮރޮމޯޝަންގެ ދަށުން ކުރިޔަށްދާ ރޯޑް ޝޯއެކެވެ.

އެމްއެމްޕީއާރުސީން ބުނީ އެރޯޑް ޝޯގެ މަގުސަދަކީ ސައުތު ކޮރެއާ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާދާއިރާ އެއްގައި ރާއްޖެ ތަމްސީލު ކުރުންކަމަށާއި، މި ރޯޑްޝޯ ގައި ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ދެކުނު ކޮރެއާ ގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިތުރަށް އިޝްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ އާއެކު އެރޯޑް ޝޯ ގައި ވައްކަރު މޯލްޑިވްސް، ސްޕްރެންޑިޑް އޭޝިއާ، ހުޅުލޭ އައިލެންޑް ހޮޓެލް، އިއޮން ރިސޯޓްސް، ވިލާހޮޓެލްސް އެންޑް ރިސޯޓްސް، ފުރަވެރި އައިލެންޑް ރިސޯޓް، ބަނޑޮސް މޯލްޑިވްސް އަދި އޯކާ މީޑިއާ ގްރޫޕުން ބައިވެރިވާކަމަށާއި، އެ ހަރަކާތް ކުރިޔަށްދާ ދެ ސިޓީގައި ވެސް، ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ވިލާހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ކަމަށާއި، "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ މި ރޯޑް ޝޯއަށް ދަނީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތް ތަކުގެ ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުން ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެކުނު ކޮރެއާއިން އައި ފަތުރުވެރިންގެ އަދަދަކީ 34,400 އެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެގައުމުން 17,358 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 9.2 ޕަސަންޓް ގެ ކުރިއެރުމެކެވެ.