ހަބަރު

ކޮރޮސްރޯޑާއެކު ގައުމީ ޔުނިވަސިޓީ އެއްބަސްވުމަކަށް

ތައުލީމީ ފެންވަރު ކުރި އެރުވުމަށް ކޮރޮސްރޯޑާއި ގައުމީ ޔުނިވަސީޓީއާ މެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ކޮރޮސްރޯޑުން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ފަރާތް މެދުވެރިވެގެން ތައުލީމީ ފެންވަރު ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށާއި އޭގެ ތެރޭގައި ދެ ފަރާތަށް ވެސް މަންފާ ކުރުވަނިވި އަދި ޝައުގުހުރި ކަންކަމާ ދޭތެރޭ ދިރާސާކުރުމާ އެއާ ގުޅޭ ލިޔުންތަކާއި ރިޕޯޓުތައް ހިއްސާ ކުރުމާއި އިތުރު ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދިނުމާއި ދަރިވަރުންނާއި، މުވައްޒަފުންނަށް ހާއްސަކުރެވިގެން އެކިއެކި ޕްރޮގްރާމްތަކާއި ކޯސްތަކާއި މަސައްކަތު ބައްދަލުވުންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ބޭނުމަކީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި އެކު، ތައުލީމީ، ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިކުރުން ކަަމަށެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އެވެ. ޔުނިވާސިޓީން ބުނީ އެތަނުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތައުލީމީ ދިރާސާތައް ހިންގާ ބެލުން ކަމަށާއި، އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އެފަދަ ދިރާސާތަކުގެ ފެންވަރު މަތިކޮށް ތައުލީމީ ރޮނގުން ކުރިއަރާދިޔުމަކީ އެ ޔުނިވާސިޓީގެ އެންމެ މުހިއްމު އަމާޒު ކަމަށެވެ.

ކްރޮސްރޯޑްސްގެ ވައިސް ޕްރެސިޑެންޓް އޮފް އޮޕަރޭޝަންސް މާޓިން ވިދާޅުވީ ކްރޮސްރޯޑްސްއާއި ސިންހާ އެސްޓޭޓް ފަރާތުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު އެފަދަ މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ތައުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން ދެ ފަރާތަށް އަދި މުޖުތަމައަށް ފައިދާ ކުރުވަނިވި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.