ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑުގައި ފުށިފަރު ރިސޯޓް ވިދާލައިފި

ޓޫރިޒަމް ދާއިރާގައި "އޮސްކާ އެވޯޑު" ގެ ގޮތުގައި ބަލާ، ވޯލްޑް ޓްރެވަލް އެވޯޑުގައި މި އަހަރު ފުށިފަރު އައިލެންޑް ރިސޯޓު ވިދާލައިފި އެވެ.

ދިވެހި ވަންތަ ސިފަތަކެއް ހިމެނޭ، ދިވެހި މެނޭޖުމަންޓަކުން ހިންގަމުން ގެންދާ ފުށިފަރު އައިލެންޑް ރިސޯޓަށް ވޯލްޑް ޓްރެވަލް އެވޯޑުގައި ލިބިފައިވަނީ ރާއްޖޭގެ އެންމެ ފުރިހަމަ ވެލިމަލައެއް ލިބިފައި އޮތް ރިސޯޓަކަށް ދޭ އެވޯޑު ނުވަތަ "މޯލްޑިވްސް ލީޑިން ބީޗް ރިސޯޓް" އެވޯޑު އެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ 26 ވަނަ އެޑިޝަންގައި މޯލްޑިވްސް ލީޑިން ބީޗް ރިސޯޓުގެ އެވޯޑު ފުށިފަރު ރިސޯޓަށް ލިބުން އެ ރިސޯޓުގައި ބުދަ ދުވަހު ވަނީ ފާހަގަ ކޮށްފަ އެވެ. މި ހާއްސަ ހަފުލާގައި ރިސޯޓުގައި ތިބި 100 އަށްވުރެ ގިނަ ޓޫރިސްޓުން ބައިވެރިވެފައިވެ އެވެ.

ފުށިފަރު ހާއްސަ ވަނީ ދިވެހި ވަންތަ ސިފަތައް ދިރުވަން މަސައްކަތް ކުރާ ރިސޯޓެއްގެ ގޮތުގަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑު ލިބުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ވެސް ބޮޑު ބެރު ޖެހުން އޮތެވެ. އަދި އެވޯޑު ހިފައިގެން މިކަން ފާހަގަ ކުރާ ސަރަހައްދަށް ޖެޓްސްކީއެއްގައި އެ ރިސޯޓުގެ ދެ މުވައްޒަފުން އައީ ދިވެހި ހެދުމުގަ އެވެ. އެވޯޑު ހިފައިގެން ހުރި މުވައްޒަފު ހުރީ ބޯވަޅު އެޅި ދިވެހި ލިބާހުގަ އެވެ. އަދި ދުއްވަން ހުރި މުވައްޒަފު ހުރީ ފޭލި އަނދެގެންނެވެ.

މި އެވޯޑާ ބެހޭ ގޮތުން ފުށިފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިއާރު ވިދާޅުވީ މި އެވޯޑު ލިބިގެން ގޮސްފައިވަނީ ރިސޯޓުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ޅ. އަތޮޅުގައި ހިންގަމުން ގެންދާ ފުށިފަރު އައިލެންޑް ރިސޯޓުގައި 49 މޫދު ކޮޓަރި ހުންނައިރު ރިސޯޓުގެ ވިލާ ތަކަށް ދީފައިވަނީ ހުންނަނީ ދިވެހިން ނަންތަކެވެ. މި ރިސޯޓުގައި "މާކަނޑު" ގެ ނަމުން ނަން ދީފައިވާ ވިލާއަކާއި "އެތެރެވަރި" އަދި "ކަނޑު އޮއެ" ގެ ނަން ދީފައިވާ ވިލާ އެއް ވެސް ހުރެ އެވެ. މީގެ އިތުރުން، ފުށިފަރުގައި 18 ބީޗު ވިލާ ޕްރައިވެޓް ޕޫލާއެކު ހުންނައިރު، 26 ބީޗު ވިލާ އާއި ފަސް ވޯޓާ ވިލާ ވެސް ހަދާފައިވެ އެވެ. އަދި މި ރިސޯޓުގެ ވަށައިގެންވާ ފަރަކީ ކަނޑުގެ މާހައުލު އެންމެ ރީތި އެއް ފަރެވެ. "ފުށިފަރު ކަނޑު" ގެ މާހައުލަކީ ބޮޑެތި މަންޓާ އާއި ވެލާ ފަދަ ދިރުންތައް ފެނެ އެވެ.