ވިޔަފާރި

ގާފަރާއި މަޑުއްވަރީގައި އައިސް ޕްލާންޓު ބަހައްޓާނެ ބަޔަކު ހޯދަނީ

Aug 9, 2019

ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސް ޕްލާންޓު ބަހައްޓައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސް ޕްލާންޓު ބަހައްޓަން މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) ގެ އުސޫލުގެ މަތިންނެވެ.

މި ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ. މި މަސައްކަތް ކުރަން ކުރިމަތިލާ ފަރާތްތަކުން 30،000 ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކޮށް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތައް ބަހައްޓާފަ އެވެ. އަދި މި ސަރުކާރުން ވަނީ އައިސް ޕްލާންޓުތައް ހިންގުން ކައުންސިލް ތަކާ ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.