ހަބަރު

މަސްތުވާތަކެއްޗާއެކު އިންޑިއާއިން އައި ދިވެއްސަކު އަތުލައިގެންފި

އިންޑިއާގެ ޗެންނާއީއިން މަސްތުވާތަކެއްޗާއެކު އައި ދިވެއްސެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ، އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އިންޑިޔާގެ ޗެންނާއިން ރާއްޖެ އައި 28 އަހަރުގެ ދިވެހި ފިރިހެނެއްްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 395 ގްރާމް ހުރި ކަމަށާއި، މަސްތުވާތަކެއްޗާއެކު އެމައްސަލަ ތަހުގީގު ކުރުމަށް އެމީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މިގެ އިތުރުން ކަސްޓަމްސް އިން ވަނީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ބްރޭޒިލްއިން އައި 35 އަހަރުގެ ކޮސްޓާރިކާގެ އަންހެނަކާއި މެދު ޝައްކުކުރެވިގެން އެމީހާ ބަލައި ފާސްކޮށް، 2.1 ކިލޯގެ ކޮކެއިންވެސް އަތުލައިގެންފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކަސްޓަމްސްއަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.5 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7،480،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.