"އަންވެއިލިން ވިޝަން 2019" ވެގެންދިޔައީ މިފަހަކަށް އައިސް އާޓިސްޓުންގެ މެދުގައި މަގުބޫލު އެކްޒިބިޝަނަކެވެ. ދިވެހި ޒުވާން އާޓިސްޓުންގެ ތަފާތު އެކި އެކި ހުނަރު ދައްކާލަން ލިބުނު ބޮޑު ފުރުސަތަކަށެވެ. އެކްޒިބިޝަނަށް މިފަހަރު އޮތް ތަރުހީބު ބަލާއިިރު ކުޑަ ބޮޑު އެއްމެންގެ މެދުގައި ބޮޑު ހިޓަކަށެވެ. ސޯޝަލް މީޑިއާގައި ޑްރީމް ހައުސްގައި ބަހައްޓަން ބޭނުން ކުރެހުމާއި އެންމެ ހިތްގަޔާވި ކުރެހުމޭ ކިޔާ އާޓިސްޓުންނަށް ބޮޑު ތަރުހީބެއް ދީ މެދުކެނޑުމެއް ނެތި ފޮޓޯތައް އެތައް ބަޔަކު ހިއްސާ ކުރަމުން ދިޔައެވެ.
މެލޭޝިއާގައި އޮމެން ސްޓޫޑިއޯ ނަމަކަށް ކިޔާ ކުންފުންޏެއްގައި ލީޑް 3ޑީ ޑެވެލޮޕާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު އަފާޒިލް، 33 ގެ އާޓްވޯކް ދައްކާލިވެސް ފުރަތަމަ އެކްސިބިޝަނަކީ މިއެވެ. އެގްޒިބިޝަންގައި އަފާޒިލް ދައްކާލީ އޭނާ 3ޑީ އިން ހަދާފައިވާ މޮޑެލްއެކެވެ. ފިރިހެނެއްގެ ސޫރަ ދައްކާލި އިރު ބަލާބެލުމަށް ހީވަނީ މިއީ މެދުއިރުމަތީ ހިސާބެއްގެ ކޮންމެވެސް މީހެއްގެ ފޮޓޯ އެއް ނުވަތަ ޕެއިންޓިން އެއް ހެނެވެ.
އެހެންނަމަވެސް މިއީ އަފާޒިލް ގެ އިމޭޖިނޭޝަންއިން އެނާ ގެނެސްފައިވާ މީހެކެވެ. އޭނާގެ ކާފަގެ ބައެއް ފީޗާސް ގެނެސް ހަދާފައިވާ 3ޑީ މޮޑެލެކެވެ. އަފާޒިލް ބުނިގޮތުގައި އެކްޒިބިޝަނަށް އައި މީހުންގެ އެންމެ ބޮޑު ސުވާލަކަށް ވީ މިއީ ކުރެހުމެއްތޯ ކަމުގައެވެ.
"މިއީ އަސްލު 3ޑީ މޮޑެލްއެއް. އަހަރެން ކުރާ މަސައްކަތަކީ މިއީ. ސިންގަޕޫރު ކުންފުންޏަކުން އެމީހުން ހަދާ ފިލުމުގައި 3ޑީ މޮޑެލް ހަދެމަކީ އަހަރެން ކުރާ މަސައްކަތް. އެގްޒިބިޝަނަށް އަންނަ މީހުން އެހި މިއީ "އޮމަރު" ސީރީސްގައި އުޅޭ މީހެއްތޯވެސް. ޕޯޓްރެއިޓް އަކީ އަަބަދުވެސް ވަރަށް އިންޓަރެސްޓް ވާ އޭރިއާއެއް. 3ޑީ ކޮށް ހަދާ އިިރު ކޮންވިންސިން ލެވެލްއަކަށް ހަދަން އެބަޖެހޭ. ވަރަށް ބޮޑަށް މީހުންގެ އެނަޓޮމީ ގެ ނޮލެޖާއި ސްކިން ހެއާ ހުންނަ ގޮތް އިނގެން އެބަޖެހޭ. ވަރަށް ޑެޑިކޭޝަން އަދި ޓައިމް ބޭނުންވޭ މިކަން ދަސްކުރުމަށް. މިގޮތަށް ކޮންވިންސިން ކެރެކްޓާ އެއް އުފެއްދުމަކީ ބުރަ މަސައްކަތެއް." އެގްޒިބިޝަންގައި މި މަސައްކަތް ދައްކާލި އިރު މިއީ އޭނަގެ އެއް މަސް ދުވަހުގެ މަސައްކަތް ކަމުގައި އޭނާ ބުންޏެވެ.
މި ފީލްޑްގައި މީގެ ކުރިން ދިވެއްސަކު މަސައްކަތް ހުއްޓަސް ހަމަގައިމުވެސް އަފާޒިލްވެގެން ދަނީ އެންމެ ޒުވާން ހުނަރުވެރި އާޓިސްޓް ކަމުގައި ދެބަސްވުމެއް ނެތެވެ. އަފާޒިލް ބުނިގޮތުގައި އޭނާއަކީ މި އިންޑަސްޓްރީ އަށް އާ މޫނެއް ކަމުގައިވިއަސް އޭނާގެ ޕްރޮގްރެސް އާއި މެދު ހިތް ހަމަޖެހޭ ކަމަށެވެ.
މިހާތަނަށް މިކަހަލަ 100 އެއްހާ ކެރެކްޓާސް އޭނާ އުފައްދާފައިވާނެކަމުގައި ބުންޏެވެ. "ގިއާރސް އޮފް ވޯ 4" ގެ ދައްކާފައިވާ އެންވާރަމަންޓް ޕްރޮޕްސް އާއި ރެސްލިންގ ގޭމެއްކަމުގައިވާ WWE 2K19 އަދި ޑިޒްނީ އެކްސްޑީ އިން ދެެއްކި "ފިއުޗަރ ވޯމް" ގައިވެސް އޭނާގެ އާދަޔާ ހިލާފް މި ހުނަރު ވަނީ ދައްކާލާފައެވެ.
ކުޑައިރު ބެލި ފިލްމާއި ކުޅުނު ގޭމްތަކަކީ މި ކަމަގެ ތެރެއަށް އޭނާގެ ހިތް ދަމައިގެން ކަމެެއް ގޮތުގައި އޭނާ ފާހަގަކުރެެއެވެ.
"އޭރު ރާއްޖޭގައި އެނިމޭޝަންސް ކަމުގޮސްގެން މިއީ ކިހިނެއް ހަދާ އެއްޗެއްތޯ އަހަލާނެ މީހެއްވެސް ނުހުރޭ. މާ ބަޮޑަކަށް ކޮމްޕިއުޓަރާއި ކުޅޭކަށްވެސް ނޭގެ. މާލޭގައި މަސައްކަތްކުރި އިރު އަފާޒިލް މަސައްކަތް ކުރީ ނެޝަނަލް ލައިބްރެރީގައި 4 އަހަރާއި އައިޓީ ޓެކްނީޝަނެއްގެ ގޮތުގައި. ރިސޯޓެއްގެވެސް އުޅުނުން ދެން އަސްރަފީ ބުކްޝޮޕްގެ ކައުންޓަރުގައި ވެސް މަސައްކަތްކުރުން." އަފާޒިލް ބުންޏެވެ.
މި ދާއިރާއަށް ވަނުމަށް އޭނާ އަށް ލިބުނު ފުރުސަތަކީ މެލޭޝިއާ ކިޔަވަން ދިޔަ ފުރުސަތަކުންނެވެ.
"މެލޭޝިއާ ކިޔަވަން ދިޔައީ މާކެޓިން ޑިޕްލޮމާއެއް ހަދަން. މާ ގިނައިން ހިސާބު ހަދަންޖެހޭތީ ދޫކޮށްލާ ވަންއެކަޑެމީއަށް ވަނީ. އެތަނަށް ގޮސް ކުޑައިރު ފެސިނޭޓްވި އެނިމޭޝަން ހަދަން އިށީނުމުން އެއްގޮތަކަށްވެސް އެ މަސައްކަތް ކުރާ ހިތްނުވީ. އަމިއްލަ އަށް ދުވާލަކު 4-5 އިށީނދެ އިދެ ދެން ދަސްކުރީ މޮޑެލިންގ މަސައްކަތް،" އަފާޒިލް ބުންޏެވެ.
3ޑީ މޮޑެލިންގ އަށް ހިތްކިޔައި މި މަސައްކަތަށް އޭނާ އިތުރަށް ދަސްކުރުމަށް ގިނަ ވަގުތުު ހޭދަކުރާ ކަމުގައި ބުންޏެވެ.
"އަމިިއްލަ އަށް ދަސްކުރަނީ ސްކިލް އިމްޕްރޫވް ކުރުަން. ކުރާ ހިތްނުވާ ދުވަސްދުވަސް ޑިސިޕިލިން އިން ހިފަހައްޓަނީ. ވަޒީފާއިގައި ލީޑް ޑެވެލޮޕަރ އެއްގެ ގޮތުން ހަމައެކަނި މޮޑެލިންގ ގެ އިތުރުން ކްލައިންޓުން ގެންގުޅެން އަދި މެނޭޖީރިއަލް ވޯކް ދަސްވިއަސް އަމިއްލަ ސްކިލް އިތުރުކުރަން 80% އަކީ އަމިއްލައަށް ވަގުތު ހޯދައިގެން މިކަން ކުރުމުން ދަސްވާނެ ކަންކަން. އެހެންވެ ކޮންމެ ދުވަހަކު ސެލްފް ސްޓަޑީއަށް ވަރަށް ވަގުުތު ހޯދަން. ވޯކަށް ދިއުމުގެ ކުރިން ފަތިހު ހޭލައިގެން ދަސްކުރަނީ. ނޭގެ އެއްޗެއް އޮވެއްޖެއްޔާ ސޯޝަލް މީޑީއާގައި މި މަސައްކަތް ކުރާ މީހުންނާއިވެސް ގުޅުން ބާއްވާން. އެމީހުން ގެ ޕްރޮސެސްއާއި ބެހޭގޮތުން ސުވާލުކޮށް މައުލޫމާތު ހޯދަން."
ޕްރޮފެޝަނަލީ އަފާޒިލްގެ އަޒުމަކީ ނިއުޒިލޭންގެ މަޝްހޫރު ވެޓާ ޑިޖިޓަލް ނުވަތަ "ލޯޑް އޮފް ރިންގްސް" މި ފިލްމް އުފެއްދި މީހުންނާއި އެއްވަރަށް މަސައްކަތް ދަސްކުރާށެވެ. މި އުއްމީދު ހާސިލްކުރުމަށް އޭނާ ގަސްދުކުރަނީ މިދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލް ކުރުމަށް ކަމުގައި އޭނާ ބުންޏެވެ. ކެނެޑާ، ޔޫކޭ ފަދަ ގައުމުތަކުގައި މި ދާއިރާއިން ވަޒީފާ އަދާކުރުމަށް ޕޮޓޯފޯލިއާ ފޮނުވުމުން ފުރުސަތު އެބައޮތް އެކަމު މިނިމަމް ޑިގްރީއެއް ބޭނުންވާތީ މިއީ އޮތް ބްލޮކެކެވެ.
ރާއްޖެއަށް މުޅިން އާ ފީލްޑެއް ކަމުގައިވިއަސް ރާއްޖޭގައި މި ދާއިރާއިންވެސް ހުނަރު ބޭނުން ނުވާންވީ ސަބަބެއް ނެތެވެ. ދިވެހި ތާރީޙީ ބަތަލުންގެ ވާހަކަތަށް ކިޔާދޭ ޑޮކިއުމެންޓްރީގައި އެމީހުން ތަމްސީލް ކުރާ ކެރެކްޓާރސް ނުހެދާންވީ ސަބަބެއް ނެތެވެ. އާޓިސްޓުންނަށް އޭމީހުންގެ ހުނަރު ދައްކާލާން މިފަދަ ފުރުސަތު އެކްޒިބިޝަނުން ދޭގޮތަށް ސްކޮލަރޝިޕް ފުރުސަތު ލިބޭނެ ކަމީ އޭނާގެ އުއްމީދެވެ.
ޒުވާނުން އަށް ދޭން ބޭނުންވާ މެސެޖަކީ"ގޭމިން އިންޑަސްޓްރީ އަކީ ވަރަަށް ގްރޯތް އޮތް އިންޑަސްޓްރީއެއް. ކެރިއަރ ބިލްޑް ކުރަން ހަމަ ރަނގަޅު ފީލްޑެއް މިއީވެސް. ކޮންމެ މީހެއްގެވެސް ޖާނީ ތަފާތުވާނެއޭ ހުރިހާ އޮޕްޝަނެއް ރަނގަޅަށް އެކްސްޕްލޯރ ކުރާށޭ އަދި ޕެޝަން ހުންނަ ކަމެއް ހޯދާ އެކަމުން އާމްދަނީ ހޯދާށޭ."