ކުޅިވަރު

ގޭމްސްގައި ކީޕަރު ޓްރޭނަރު ނެތުމުން ލަބާންގެ ފޯމު ދަށްވި

ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރި ގައުމީ ޓީމުގައި ގޯލްކީޕަރު ޓްރޭނަރެއް ނެތުމުން، ގައުމީ ޓީމުގެ ކީޕަރު އަދި ގުރީން ސްޓްރީޓްގެ އެއް ވަނަ ކީޕަރު އިބްރާހިމް ލަބާން ޝަރީފަށް އޭގެ އަސަރު ކުރިކަމަށް ގުރީންގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ގޭމްސްއަށް ތައްޔާރުވާން މާލޭގައި ބޭއްވި ހަތަރު ދުވަހުގެ ފަރިތަކުރުން ތަކުގައި، ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމް ޓްރޭނިންތަކުގައި ބައިވެރިވި ނަމަވެސް ގޭމްސް އަށް ޓީމާއެކު އޭނާ މޮރިޝަސްއަށް ގޮސްފަ އެއް ނުވެ އެވެ. .

ސުޒޭން ބުނީ، އަސްލަމް ނޫނަސް ގޯލްކީޕަރު ޓްރެއިނަރުން ރާއްޖޭގައި އެބަތިބި ކަމަށާއި އެއިން ކީޕަރު ޓްރޭނަރަކަށްވެސް އައިއޯއައިޖީގައި ފުރުސަތު ދެވުނީސް ކަމަށެވެ. އޭނާ ބުނީ ގޭމްސް އަށް ގައުމީ ފުޓްބޯޅަ ޓީމު ދިޔައިރު ގޯލް ކީޕަރުން ތަމްރީން ކުރާނެ މީހަކު ނުލާ ދިޔުމުން އެއްވެސް މީޑިއަކުންވެސް އަދި އެއްވެސް މީހަކުވެސް އެކަމާ ކަންބޮޑުނުވުމުން ހައިރާންވާ ކަމަށެވެ.

"ކީޕަރު ޓްރެއިނަރެއް ނުލައި ދިއުމުން އެތަނަށް ދިޔަ ގޯލްކީޕަރު ޓްރޭނަރުން ތިބޭނެ ހާލު ބައްލަވާ، އެހެންވީމަ އެ ރިސްކު ނަގަން ގުރީން އެއް ބޭނުމެއް ނެތް،" ސުޒޭން ވާހަކަ ދެއްކި އެވެ.

"އެހެންވީމަ އެ މައްސަލަ ދިމާވުމުން ލަބާން ފޯމުގައި ހުރި ކީޕަރަކު ބެންޗުގައި މަޑު ކުރުވަން މަޖުބޫރުވީ، އެހެން ގޮތެއް ނެތް، އެއީ ބައިވަރު ތަމްރީންތަކުގައި ރަނގަޅަށް މަސައްކަތް ކޮށްފައި ހުރި މިހަކާ އެކޮޅަށް [މޮރިޝަސް އަށް] ގޮއްސަ (އެއްވެސް ޓްރެއިނިންއެއް ނެތި) ހަމަ ގާތްގަނޑަކަށް 14 ދުވަހުގެ ހޮލިޑޭއެއް ހަދާލާފައި ހުރި ކުއްޖަކާ ހުންނާނެ ތަފާތުތަކެއް، ތިން މެޗުގައި ތިން ކީޕަރުންނަށް ފުރުސަތު ދިނީ އެހެންވީމަ ލަބާން އަށްވެސް ކުޅެލަން ލިބޭނީ އެއް މެޗު އެހެންވީމަ ކުރިން ފޯމުގައި ހުރި ކީޕަރެއް، އެ ހާލުގައި އައީމަ ބެންޗުގައި ބައިދަން މަޖުބޫރު ވީ."

ދިވެހި ޕްރިމިއާ ލީގްގައި މިރޭ ގުރިން ސްޓްރީޓް ނުކުންނާނީ ށ. ފޯކައިދުއާ ދެކޮޅަށެވެ. ސުޒޭން ބުނީ އެ މެޗުގައިވެސް ފުރުސަތު ދޭނީ ޓީމުގެ ޔޫކްރޭންގެ ކީޕަރު އެލެގްޒެންޑާ ޕޮސްލަވްސްކީ އަށެވެ. ސުޒޭން ބުނީ ފޯކައިދޫ ކުރިން ކުޅެފައި ހުރި މެޗުތަކަށް ބަލާއިރު އެ ޓީމަކީ ޑިފެންސިވް މައިންޑެއްގައި ކުޅޭ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ގުރީން ސަމާލުވާން ޖެހޭ ކަމަށެވެ.