ދިވެހި ޕްރެމިއާ ލީގް

ފޯކައިދުއިން ގުރީން ހިފަހައްޓައިފި

ވަރުގަދަ ފޯވަޑުލައިނެއް އޮތް ކުލަބު ގުރީން ސްޓްރީޓަށް ލަނޑެއް ޖެހިޔަ ނުދީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން ގުރީން ހިފަހައްޓާލައިފި އެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗަށް ނުކުތުމުގެ ކުރިންވެސް، ގުރީންގެ ކޯޗް އަލީ ސުޒޭން ބުނީ ފޯކައިދޫ އަކީ ޑިފެންސިވް ވިސްނުމެއްގައި ކުޅޭ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށެވެ. މެޗުގައި ގުރީން އިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެހެންނަމަވެސް އެ ހަމަލާތައް ދިފާއު ކުރުމުގައި ތަރި އަކަށްވީ ފޯކައިދޫގެ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

މެޗުގައި އެންމެ ފުރަތަމަ ފުރުސަތު ލިބުނީ، ގުރީންގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ. ގާސިމް ޝަންމާމް ވިންގުން އަރައި، އޭރިއާ ތެރެއަށް ނަގައިދން ބޯޅަ ހުހަށް ހުރެ އަޝްފާގް ފޮނުވާލުމުން ދިޔައީ ގޯލާ ފޫޓެއް ހައި ދުރުން ބޭރަށެވެ. މެޗުގެ 36 ވަނަ މިނެޓްގައި ފޯކައިދޫގެ އޭރިއާގެ ބޭރުން އޭރިއާގެ ކަނާ ދިމާލުން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން، ތިރިތިރިން މުހައްމަދު އުމޭރު ފޮނުވާލީ ގޯލްގެ ކަނަށްވާ ގޮތަށެވެ. އެހެންނަމަވެސް އެ ބޯޅަ ކީޕަރު ސާގިބް ހަނީފު ވަނީ ދިފާއު ކޮށްފަ އެވެ.

އޭގެ ހަތް މިނެޓް ފަހުން ފޯކައިދޫގެ މުސްތޮފާ މުހައްމަދު ސެޑިކް އުފައްދަން އުޅު ހަމަލާއަށް ހުރަސް އެޅީ ގުރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. ސާއިފް ވަނީ ޓެކްލުކޮށް އެ ބޯޅަ ބޭރު ކޮށްލާފަ އެވެ.

މެޗުގެ 44 ވަނަ މިނެޓްގައި އަނެއްކާވެސް އަޝްފާގް އަށް ވަނީ ފުރުސަތެއް ލިބިފަ އެވެ. އިބްރާހިމް ރިޒްހާން (ރިޒްކޯ) ދިން ބޯޅަ އަޝްފްގް އަށް ފޮނުވާލެވުނީ އާދައިގެ ގޮތަކަށެވެ. އެ ބޯޅަ ވެއްޓިގެންފައި ސާގިބް ދިފާއު ކުރި އެވެ. އޭގެ މިނެޓްފަހުން އަޝްފާގް ވަނީ ގުރީންގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމިން (ޔާން) އަށް ފުރުސަތެއް ތަނަވަސް ކޮށްދިފަ އެވެ. ޔާން ފޮނުވާލި ބޯޅަ ފޯކައިދޫގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި ނުރައްކާވާ ގޮތަށް ދިޔަނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 49 ވަނަ މިނެޓްގައި، ގުރީންގެ އަބްދުﷲ މިސްބާހް (މިސްބެ) އަށް ހުސްކޮށް ފުރުސަތެއް ލިބުނު ނަމަވެސް މަތިމަތިން ގުރިންގެ ކުޅުންތެރިން ނަގައިދިން ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. ދެ ވަނަ ފަހަރު އެ ބޯޅަ ހޯދައި އޭނާގެ ކޮންޓްރޯލް ދަށަށް ބޯޅަ ރަނގަޅަށް ނުގެނެވެނީސް ފޯކައިދޫގެ ޑިފެންޑަރު ހަސީބު ވަނީ އެ ބޯޅަ ހޯދައި ކްލިއާ ކޮށްފަ އެވެ.

ފޯކައިދޫގެ ފަހަތުން ކަރަމް އާއި ހަސީބު ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.