ދިވެހި ޕްރެމިއާ ލީގް

ނިލަންދޫ އަތުން ޓީސީއަށް އުނދަގޫ މޮޅެއް

ފ. ނިލަންދޫ ސްޕޯޓްސް ކުލަބު އަތުން 2-0 ން އުނދަގޫ މޮޅެއް ހޯދައި ޓީސީން ލީގްގެ ބުރޭކަށް ހިނގައްޖެ އެވެ.

މިރޭ ޓީސީ އާ ދެކޮޅަށް ނިލަންދޫ ކުޅުނު މެޗަކީ، މި ސީޒަންގައިވެސް ނިލަންދުއިން ކުޅުނު އެންމެ ރަނގަޅު މެޗެވެ. އެހެން މެޗުތަކުގައި އެ ޓީމު ކޮޅަށް ވަންނަ ގިނަ އަދަދެއްގެ ލަނޑުތައް މެޗުގައި ކުޑަ ކުރުން އެއީ ނިލަންދުއަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ އެވެ.

ނިލަންދޫ ކޮޅަށް އައި ގިނަ ހަމަލާތައް ދިފާއު ކުރެވި ބައިކޮޅަށް ލަނޑު ވަނުން މަދު ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރީ، އެ ޓީމާ ގުޅުނު ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ އެވެ. ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބު ހޯދައި ދިނުމުގައި ނިއުގެ ޑިފެންސްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރުވެސް އޭނާ ވަނީ ނިއުގެ ޓީމަށް އައިސްފަ އެވެ. އެހެންނަމަވެސް އެ އަހަރު އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ކިންގްސްލީ އާއެކުވެސް، ނިލަންދޫގެ ޑިފެންސަށް އެންމެ އެކިއުރޭޓް ހައްލެއް އަދިވެސް ނުގެނެވެ އެވެ. އެއީ މެޗުގައި އެ ޓީމު ކޮޅަށް ޖެހި ދެ ލަނޑަކީވެސް އެންމެ ރަނގަޅަށް މާކު ނުކުރެވިގެންނާއި ޑިފެންސިވް މިސްޓކުތަކުން ތަނަވަސްވި ބޯޅަ ތަކުން ޓީސީން ކާމިޔާބު ކުރި ލަނޑުތަކެވެ.

ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ނޭޕާލްގެ ގައުމީ ޓީމުގެ ފޯވަޑް ބިމާލް މަގަރު ކާމިޔާބު ކުރީ އިސްމާއީލް އީސާ (މެސީ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އިސްމާއީލް ބޯޅަ ދިން އިރު ބިމާލް ބޯޅައަށް އަރާ ހުރީ ވަރަށް ހުސްކޮށެވެ. އޭނާ ވަނީ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއަށް ވަދެ އޭނާ ހަމަޖެހިލާފައި ނިލަންދޫގެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މެސީ ތިރިތިރިން ކޯނަރު ނަގައިދިން އިރު ސައްޓު އޭރިއ ާތެރޭގައި ހުރީ ހުސްކޮށެވެ. ބޯޅަ ހޯދައި އޭނާ ވަނީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާޅާފަ އެވެ.