ދުނިޔެ

މިއަހަރު ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން

ދެ މިލިއަނަށް ވުރެ ގިނަ މީހުނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން މިއަދު ފަށައިފި އެވެ.

އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މައްކާއަށް ޖަމާވާން ފަށާފައި ވަނީ، މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން އެވެ. ސައުދީގެ އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ވައިގެމަގުންނާއި ކަނޑުމަގުން އަދި އެއްގަމުން 2.5 މިލއަން މުސްލިމުން ވަނީ ހައްޖުގެ އަޅުނަ އަދާކުރުމަށް ވަނީ އައިސްފަ އެވެ.

މި އެންމަނަށް ހިދުމަތް ދިނުމަށް ސައުދީގެ ސަރުކާރުން ވަނީ ދުރާލާ ތައްޔާރުވެފަ އެވެ. އެގޮތުން ސައުދީގެ އެކިއެކި ވުޒާރާތަކުން ހައްޖާޖީންނަށް އެހީވުމުގެ ގޮތުން 40،000 މީހުން ހަރަކާތްތެރިވާނެ އެވެ. މީގެ ތެރެއިން 17،000 މީހުންނަކީ ސައުދީގެ ސިވިލް ޑިފެންސް ފޯސް މީހުންނެވެ. ބާކީތިބި 23،000 މީހުންނަކީ މައްކާގެ މުނިސިޕަލްޓީން ހައްޖާޖީންނަށް އެހީވުމަށް ހާއްސަ ތަމްރީނުތަކެއް ދީފައިވާ މީހުންނެވެ. މިމީހުން ހަރަކާތްތެރިވާނީ މައްކާގަ އެވެ. މީގެ އިތުރުން ދިމާވެދާނެ އެމަޖަންސީ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ސިވިލް ޑިފެންސުގެ 3،000 އުޅަނދު އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނައިރު، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރަމުންދާއިރު ސައުދީގެ ހޫނުމިން ހުންނާނީ 40 ޑިގްރީގައި ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. ހައްޖުގެ އެންމެ މުހިންމު އަޅުކަން ކަމަށްވާ، އަރަފާތު ބިމަށް ދިޔުމަށް، މިރޭ ފަތިހު ހައްޖާޖީއިން ދަތުރު ފަށާނެ އެވެ. ފޭލިގޭގެ ސަހަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މިނާގެ ހުދު ފޭލިގެ ތަކުގައި ހައްޖުވެރިން މިއަދާއި މިރޭ އަޅުކަމުގައި ވަގުތުތައް ހޭދަކުރާނެ އެވެ. ހުދު އިހުރާމްގައި ތިބި، އެތައް މިލިއަން ހައްޖުވެރިންނެއް މިހާރު ވަނީ މިނާއަށް ޖަމާވެ ފޭލިގެތައް ފުރާލައިފަ އެވެ.

ހުރިހާ ހައްޖާޖީން ވެސް މާދަމާ އަރަފާތު ބިމުގައި މެންދުރު ނަމާދާއި އަސްރު ނަމާދު އެކުގައި ޖަމާއަތުގައި ކުރާނެ އެވެ. އޭގެ ކުރިން، ހުތުބާއެއް އިއްވާނެ އެވެ. އަދި އެއަށް ފަހު އެނބުރި މިނާއަށް ގޮސް، ޖަމްރާތަކަށް ހިލަ އުކާނެ އެވެ. މިއަހަރުގެ ހައްޖުގައި ހުތުބާ ދެއްވާނީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އައްޝައިހު މުހައްމަދު ބިން ހަސަން އަލް-ޝައިހު އެވެ.

މުސްލިމުންގެ އެންމެ މާތް އެއް އަޅުކަން އަދާ ކުރުމުގެ ގޮތުން ރާއްޖެއިން ވެސް ވަނީ 2،000 ހައްޖާޖީން ސައުދީ އަށް ގޮސްފަ އެވެ. ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހައްޖުގެ އަޅުކަމާއި އަދި ހައްޖާޖީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ އިންތިޒާމުތަކަށް ހުރިހާ ހައްޖާޖީން ދަނީ ތައުރީފު ކުރަމުންނެވެ.