އަލީ އަޝްފާގު (ދަގަނޑޭ)

ގައުމީ ސްކޮޑު ކުލަބުތަކަށް އަންގައިފި، ދަގަނޑޭ ނުހިމެނޭ

ކޮންމެ ކުލަބަކުންވެސް ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ކޮންބައިކަން އެފްއޭއެމުން ކުލަބުތަކަށް އަންގިއިރު، މިފަހަރުގެ ސްކޮޑުންވެސް ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުހިމެނޭކަން ކަށަވަރު ވެއްޖެ އެވެ.

އެފްއޭއެމުން ކުލަބުތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށާއި އެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ޓީމުގެ ޓްރޭނިންގް ކޭމްޕްގައި ބައިވެރި ކުރުމުގެ ގޮތުން، މި އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެފްއޭއެމުން ކުލަބުތަކަށް ފޮނުވި ސިޓީތަކުގެ ތެރެއިން ގްރީން ސްޓްރީޓަށް ފޮނުވި ސިޓީ އާ ބެހޭގޮތުން އެ ކުލަބުގެ އޮފިޝަލަކު ވަނީ، އެ ޓީމުގެ މިހާރުގެ ކެޕްޓަން އަޝްފާގް ޓީމުގައި ނުހިމެނޭ ކަން ކަށަވަރު ކޮށް ދީފަ އެވެ.

ގުރީން ސްޓްރީޓުން ސްކޮޑުގައި ހިމެނީ، އެ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް، ދެ ޑިފެންޑަރުން ކަމަށްވާ، މުހައްމަދު ސާއިފް އަދި ސަމްދޫހް މުހައްމަދު (އައްޔަ) އަދި ޓީމުގެ ޒުވާން ފޯވަޑް އަބްދުﷲ ޔާމީން (ޔާން) އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި، ގައުމީ ޓީމު އެންމެ ފުރަތަމަ ނުކުންނާނީ މި އަންނަ މަހު ފަސް ވަނަ ދުވަހު ގުއާމް އާ ދެކޮޅަށް އެ ގައުމުގަ އެވެ. ދެ ވަނަ މެޗުގައި އޭގެ ފަސް ދުވަސް ފަހުން ޗައިނާ އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު މިމަހު 10 ވަނަ ދުވަހު އޮންނާނެ އެވެ.

އެފްއޭއެމުގެ ސިޓީގައި ވާގޮތުން މާލޭގައި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ގައުމީ ސްކޮޑުގައި އަޝްފާގް ނުހިމެނޭނެ އެވެ.

އަޝްފާގް އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި 2017 ވަނަ އަހަރު މާޗް މަހު ފަލަސްތީން އާ ދެކޮޅަށް ފަލަސްތީންގައި ކުޅުނު މެޗުގަ އެވެ. ކޮލިފައިންގެ އެންމެ ފަހު މެޗުގައި މާލޭގައި ބޫޓާން އާ ދެކޮޅަށް ކުޅެން ޓީމު ތައްޔާރުވިއިރު، ޓީމުގެ ޕްރީ މެޗު ޕްރެސްއަށް ހާޒިރު ނުވުމުން ކަމަށް ބުނެ އަޝްފާގް ޓީމުން ވަކި ކުރަން ގައުމީ ޓީމު ކޯޗް ޕިޓާ ޝެގަޓް ނިންމި އެވެ.

އޭގެ ފަހުން، އަވަސް އަށް ދިން އިންޓަވިއުގައި ޝެގަޓް ބުނެފައި ވަނީ، ކުޅުންތެރިޔަކު ޓީމުން ވަކި ކުރަނީ އެ ކުޅުންތެރިޔަކަށް އަދަބު ދިނުމުގެ ބޭނުގައި ނޫން ކަމަށާއި އެ ކުޅުންތެރިޔަކު ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމަށެވެ.

އޭގެ ފަހުން 15 މަސް ވަނީ ފާއިތުވެފަ އެވެ. އެހެންނަމަވެސް އަޝްފާގަށް އަދިވެސް ޓީމުން ފުރުސަތެއް ނުދެ އެވެ. ދާދި ފަހުން އަޝްފާގް ބުނެފައި ވަނީ ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއް އުފަލާއެކު އޭނާ ބޭނުން ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

"އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް (މި ފެންވަރުގައި) ދެމި ހުރުން،" 'މިހާރު ސްޕޯޓްސް އެވޯޑް'ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށް ފަހު އަޝްފާގް ބުނެފައި ވެއެވެ. "އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައިވެސް އުފަލާއެކު ހިފާނަން."