ރިޕޯޓް

އާސިލްސްގެ ޖަޒީރާ ގޭމްތައް، އެއްވަނައިގެ މަސައްކަތެއް!

އަވަސް އަށް އާސިލްސް އިން ދިން އިންޓަވިއު

މިއީ އެކުގައި މަޖާކޮށް އުޅުނު ތިން ރަހުމަތްތެރިންގެ ވާހަކައެކެވެ. މާ ބޮޑަށް ވެސް ގޭމުތަކަށް ޝައުގުވެރިކަން އޮތް ތިން ރަހުމަތްތެރިންނެވެ. އެ ތިން މީހުން ދިމާ ވަނީ ވެސް އޮންލައިން ގޭމްތައް ކުޅުމުގެ ވާދަވެރިކަމުގައި ބޭރުގައި އުޅެމުން މަޖާ ކުރަނިކޮށެވެ. މީގެ ކުރިން ޝައުގުވެރިކަމެއްގެ ގޮތުގައި ގޭމު ކުޅެ އުޅުނު ނަމަވެސް މިއަދު އެއީ އެ މީހުންގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ހިއްސާ އެވެ.

ކިޔައިދޭން މި އުޅެނީ ހުސައިން ޝާފިއު އާއި، މުހައްމަދު މައިސާން މުހުސިން، އަދި ސުލްހާން ސާމީ އަގީލްގެ ވާހަކަ އެވެ. މި ތިން ރަހުމަތްތެރިން ގުޅިގެން އުފެއްދި "އާސިލްސް" ކުންފުނީގެ ވާހަކަ އެވެ. ގޭމް ކުޅުމުގެ ޝައުގުވެރިކަން އޮންނަ މި ތިން އެކުވެރިން ގުޅިގެން މިއަދު ދަނީ އެ މީހުންގެ އަމިއްލަ އުފެއްދުންތެރި ގޭމްތަކެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާސިލްސްގެ ތިން ފައުންޑަރުންގެ ތެރެއިން ޝާފިއުއަކީ ޓެކް އާޓިސްޓް އަދި ގްރެފިކް ޑިޒައިނަރެކެވެ. މައިސާންއާއި ސުލްހާންއަކީ ފުލް ސްޓެކް (ވެބް) ޑިވެލޮޕަރުންނެވެ. ސުލްހާން މި ވަގުތު ހުރީ ވެސް ފުރަތަަމަ ޑިގްރީއަށް ކިޔެވުމަށް ނިއުޒިލެންޑްގަ އެވެ.

އާސިލްސްގެ މި ޒުވާން ތިން ފައުންޑަރުންނާއެކު އިތުރު ބައެއް ދިވެހި ހުނަރުވެރިން ވެސް ދަނީ އެ ޓީމުގައި މަސައްކަތް ކުރަމުންނެވެ.

އާސިލްސްގެ އެއް ކޯ ފައުންޑަރެއް ކަމަށްވާ މައިސާން ބުނި ގޮތުގައި ސުލްހާނާއި ޝާފިއުއާ އޭނާ ދިމާ ވަނީ ވެސް ގޭމް ކުޅެން އުޅުމުގެ ތެރެއިންނެވެ. އެ ގޮތުން ސުލްހާނަކީ ހައި ސްކޫލްގެ ދުވަސްވަރުން ފެށިގެން މައިސާންގެ ރަހުމަތްތެރިއެކެވެ. އަދި ޝާފިއުއާ ދިމާވަނީ އެ ދެ މީހުން "ޕޮކިމޯން ގޯ" ގޭމް ކުޅުނު ދުވަސްވަރު، "ޕޮކިމޯން" ހޯދަން ބޭރަށް ނުކުމެ އުޅުމުގެ ތެރެއިންނެވެ.

"އަޅުގަނޑާއި ސުލްހާނަކީ ހައި ސްކޫލްގެ ދުވަސްވަރުން ފެށިގެން ރައްޓެހިން، ޝާފިއުއާ ދިމާވަނީ ޕޮކިމޯން ގޯ ގޭމް ކުޅެން އަހަރެމެން ދެ މީހުން އުޅުމުގެ ތެރޭގައި، އެ ގޭމް ރިލީޒްވިއިރު ބޭރަށް ނުކުމެގެން އުޅުމުގެ ތެރެއިން، އެއީ މީގެ ތިން އަހަރު ކުރިން، މި އެންމެން ދިމާވެގެން ގޭމްސް ކުޅެމުން ސަކަރާތް ޖަހަމުން އެހެން އުޅުމުގެ ތެރޭގައި މި އައިޑިއާ އަސްލު ޑިވެލޮޕްވެގެން އައީ،"

ފުރަތަމަ އެ ހިޔާލު އުފެދިގެން އައިއިރުގައި އެހާ ސީރިއަސްކޮށް އެކަން ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް މައިސާން ބުންޏެވެ.

"އެހެން އުޅެމުން ދަނިކޮށް އެއް ދުވަހު ކުއްލިއަކަށް ޝާފިއު ގުޅާފައި ބުނަނީ އޮފީހެއް ލިބިއްޖެއޭ، ލެޓްސް ސްޓާޓް ދިސް އޮފިޝަލީއޭ، އެ ހިސާބުން އަސްލު މި ސީރިއަސްކޮށް ނަގައިގެން ކުރިއަށް ދާން މަސައްކަތް ކުރީ، އޭގެ ކުރިން ހަމަ މިހެން އެކެއްގެ ގޭގައި ތިބޭއިރު ނޫނީ ކޮފީއަށް ގޮސް ތިބޭއިރު ހަމަ އޭގެ ވާހަކަ ދައްކާ އުޅުނީ، އޮފީސް ލިބުމާއެކު ދެން މި މަސައްކަތް ރަސްމީކޮށް ފަށައިގަތީ، އަދި ބޭނުންވާ އިތުރު މީހުން ވެސް ރެކްރޫޓް ކުރަން ފެށީ."

އާސިލްސްގެ ގޭމްސްތައް

އާސިލްސްގެ ތިން ކޯ ފައުންޑަރުންނާއި އިތުރު ދިވެހި ހުނަރުވެރިންތަކާއެކު ޑިވެލޮޕް ކުރަމުންދާ ގޭމްތަކުން ފެނިގެން ދަނީ ދިވެހިވަންތަކަމެވެ. ދިވެހި އާދަކާދަތަކާއި ތާރީހެވެ. ޖަޒީރާ ދިރިއުޅުމެއްގެ ސިފަތަކެވެ. ގޭމްތަކުގެ މަންޒަރުތަކުން ދިވެހިންގެ ދިރިއުޅުމާއި ދިވެހިރާއްޖޭގެ މާހައުލު ވަރަށް ރީތިކޮށް ވަނީ ސިފަކޮށްދީފަ އެވެ. އެ ގޭމްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ބަސް ދަސްކޮށްދޭ ގޭމް އެޕްލިކޭޝަންތަކެއް ވެސް ހިމެނެ އެވެ.

މައިސާން ބުނި ގޮތުގައި އާސިލްސްގެ ފަރާތުން އެންމެ ފުރަތަމަ ޑިވެލޮޕް ކުރާ ގޮތަށް ނިންމީ "ފިލާފޮތް" ސީރީޒްގެ ނަމުގައި ނެރޭ، ކުޑަކުދިންނަށް ހާއްސަ ދިވެހި ބަހުގެ އެޕްތަކެކެވެ.

"ކުޑަކުދިންނަށް ހާއްސަކޮށް ތިން ގޭމެއް އެބަ ޑިވެލޮޕް ކުރަން، ފުރަތަމަ ގޭމަކީ ހށ، އެ ގޭމް ވާނީ ރިލީޒްކޮށްފަ، ދެވަނަ ގޭމަކީ ތާނަ، އެ ގޭމްގެ ގާތްގަނޑަކަށް 90 ޕަސެންޓް ނިމިފަ ވަނީ، ތިންވަނަ ގޭމަކަށް ޑިވެލޮޕް މި ކުރަނީ ލިޔެލަމާ،"

ކުޑަކުދިންނަށް ހާއްސަ ގޭމްތަކުގެ އިތުރަށް އާސިލްސް އިން ތައްޔާރު ކުރަމުންދާ އެއް ގޭމަކީ "ތަކުރު ވާސް" އެވެ. މަލްޓި ޕްލޭޔާސްއަށް ކުޅެވޭ ގޮތަށް އުފައްދާފައިވާ އެ ގޭމްއިން ފެނިގެން ދާނީ ކުދިކުދި ކެރެކްޓާސްތަކެކެވެ. އެ ގޭމް ވެސް ދިވެހިންގެ ދިރިއުޅުމާ ވަނީ ވަރަށް ބޮޑަށް ގުޅުވާލާފަ އެވެ.

އެ ގޮތުން ކޮންމެ ޕްލޭޔާކަށް ގޭމްގެ ވެޕަންސްއަށް ހުނިގޮނޑި، ކަތިވަޅި، އިލޮށިފަތި ފަދަ ތަކެތި ލިބެ އެވެ. އަދި ގޭމްގެ ކޮންމެ ރައުންޑެއް މޮޅުވާ ޕްލޭޔާއަކަށް އިނާމެއްގެ ގޮތުގައި ކާށި، ބޮލި، ރުށްގަސް ފަދަ ތަކެތި ގޭމްގެ ތެރެއިން ލިބެ އެވެ. ރާއްޖޭގެ ރަށެއްގެ މާހައުލު ފެނިގެންދާ އެ ގޭމްއިން ދިވެހިންގެ ގެތައް ބިނާކޮށްފައި ހުންނަ ގޮތަށް ގެތަކުގައި ހުންނަ ގަސްގަހާއި ޖޯލިފަދަ ތަކެތި ހުންނަ މަންޒަރު ފެނެ އެވެ. ނަމަވެސް މި ގޭމް އަދި އޮތީ ޑިވެލޮޕިން މަރުހަލާގަ އެވެ.

"ތަކުރު ވާސް ގޭމްގަ ހުންނާނީ ވަރަށް ކުދި ކުދި ކެރެކްޓާސްތަކެއް، އަދި މަލްޓި ޕްލޭޔާ ކޮށް ކުޅެވޭ ގޮތަށް، އެހެންވެ މަލްޓި ޕްލޭޔާ ސާވާސްތައް ޓެސްޓް ކުރަމުން މިދަނީ މި ވަގުތުކޮޅަށް، މިހާރު މުޅި ގޭމް ވެސް އިނީ ޑިވެލޮޕްކޮށް ނިމިފައި، އެކަމަކު މަލްޓި ޕްލޭޔާ ސާވާސް ޓެސްޓް ކުރުމުގައި ބައެއް ދަތިތައް ހުރުމުން ރިލީޒް ނުކުރެވިގެން މި އުޅެވެނީ، ވީ އެންމެ އަވަހަކަށް އެ ގޭމް ރިލީޒް ކުރަން ބޭނުން،" މައިސާން ބުންޏެވެ.

އައިލެންޑާ ގޭމް

އާސިލްސްއިން މިހާތަނަށް ޓީޒާ ރިލީޒްކޮށްފައިވާ ގޭމްތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭނެ ގޭމަކީ މިއީ އެވެ. މައިސާން ބުނި ގޮތުގައި އާސިލްސް މިހާރު ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓަކީ "އައިލެންޑާ" ގޭމްއެވެ. އެއީ ރާއްޖޭގެ ތާރީހުގައި ހިމެނޭ އެންމެ މަޝްހޫރު ފުލޯކު ވާހަކަތަކަށް ބިނާކޮށް އުފައްދާ "ސްޓޯރީ ބޭސްޑް" ގޭމްއެކެވެ. އެ ގޭމް ކުރިއަށް ދާނީ އާސިލްސް އިން ތައްޔާރު ކުރާ މައިގަނޑު ވާހަކައެއްގެ ތެރެއިން "ސައިޑް ކުއެސްޓް" ތަކެއްގެ ގޮތުގައި ދިވެހި ފުލޯކު ވާހަކަތައް ގެނެސްދޭ ގޮތަށެވެ.

"ރާއްޖޭގެ ފޯކްލޯތަކަކީ އަސްލު ވަރަށް މުއްސަނދި ތާރީހެއް އޮތް ފޯކްލޯތަކެއް، އެކަމު ގިނަ މީހުންނަށް ނޭނގޭ އެ ފޯކްލޯތަކެއް، އަމިއްލަ ނަފުސަށް ވިސްނާލީމަ ވެސް އެނގޭ ދޯ އެއިން ގިނަ ވާހަކަ ނޭނގޭ ކަން، ރާއްޖޭގެ ފޯކްލޯތަކުގައި އެ ޕޮޓެންޝަލް ހުރިކަމަށް ފާހަގަކުރެވުނީމަ ބޭނުންވީ އެ ފޯކްލޯ ވާހަކަތަކުގެ މައްޗަށް ގޭމެއް ބިނާކޮށް އެ ގޭމު ކުރިއަރުވަން،" މައިސާން ބުންޏެވެ.

މައިސާން ބުނި ގޮތުގައި އެ ގޭމްއިން ގެނެސްދޭނީ ވަކި ސީދާ ކޮން ފުލޯކު ވާހަކަތަކެއް ކަމެއް އަދި ނުނިންމަ އެވެ. ނަމަވެސް މީހުންގެ ތެރޭގައި އެންމެ މަގްބޫލު ވާހަކަތައް ކަމަށްވާ، ފޫޅުދިގުހަންޑި، ސަފަރުކައްދަ، ވިގަނި ފަދަ ވާހަކަތައް ގެނައުމަށް އާސިލްސްއިން މަސައްކަތް ކުރެ އެވެ. ބައެއް ފުލޯކު ވާހަކަތަކުގައި ހިމެނޭ ޝަހްސިއްޔަތުތައް ކުރެހުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

އާސިލްސް ޓީމު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ފުލޯކު ވާހަކަތަކަކީ ދުނިޔޭގެ ގޭމް ބާޒާރަށް ވެސް ޕޮޓެންޝަލް ހުރި ރީތި ވާހަކަތަކެކެވެ. އަދި އެއީ ދިވެހިންނަށް ހާއްސަ ވާހަކަތަކަކަށްވާތީ ބޭރުގެ ގިނަ މީހުންނަށް އެ ވާހަކަތަކެއް ނޭނގޭނެ އެވެ. އެހެންވެ، ރާއްޖޭން ބޭރަށް އެ ފުލޯކު ވާހަކަތައް ގެނެސްދިނުމަށް އާސިލްސްގެ އައިލެންޑާ ގޭމަކީ ވަސީލަތަކަށް ވެދާނެ ކަމަށް އެ ޓީމު ދެކެ އެވެ.

"ރާއްޖޭން ބޭރު މީހަކަށް ނާންނާނެ ދޯ މި އައިޑިއާތަކެއް، އެއީ އެ މީހުން އަތުގައި ނޯންނާނެ ދޯ މި ސްޓޯރީ ލައިންތަކެއް، ގޭމް ބޮޑަށް ހިނގާނީ ވެސް ސްޓޯރީތައް ރީތި ވީމަ، އަދި އަހަރެމެން އަތުގައި މާ ކުރިން ވެސް ރަނގަޅު ސްޓޯރީއެއް އޮތިއްޔާ އިތުރު އެއްޗެއް ހޯދާކަށް ނުޖެހޭނު ދޯ، އަދި ރާއްޖޭން ބޭރަށް ވެސް އެ ފޯކްލޯތައް އިންޓްރޮޑިއުސް ކުރަން އެންޓްރީ ޕޮއިންޓެއް ގޮތަށް މި ގޭމް ވާނެ ކަމަށް މި ދެކެނީ،" ދިވެހި ފުލޯކު ވާހަތަކަށް ބިނާކޮށް ގޭމެއް ނެރައުމަށް އާސިލްސް އިން ނިންމި ސަބަބު މައިސާން ހާމަކޮށްދިނެވެ.

އައިލެންޑާ ގޭމްގެ ޓީޒާތަކަށް އެކަނި ބަލާލުމުން ވެސް ޕްރޮޖެކްޓްގެ ބޮޑުކަން އިހުސާސް ކޮށްލެވެ އެވެ. ޓީޒާތަކުން ފެންނަ ގޮތުގައި، މީގެ ކުރީގައި ރާއްޖޭގެ ރަށްތަކާއި ފަޅުރަށްތައް އޮންނަ ގޮތް ވަރަށް ބޮޑަށް އޭ ގޭމްއިން ފެނިގެން ދާނެ އެވެ. ކަނޑޫފާ، ޗަސްބިންތަކުގައި ދޫނިތައް އުޅޭ މަންޒަރުތަކާއި ރާއްޖޭގެ ރީތި ގުދުރަތީ ވެށީގެ މަންޒަރުތައް ވެސް ގޭމްގެ ޓީޒާތަކުން ފެނެ އެވެ. އަދި މުޅި ގޭމްގެ މައިގަނޑު ޝަހްސިއްޔަތު ހުންނާނެ ގޮތް ވެސް ކޮންމެ ވެސް ވަރަކަށް ވަނީ ދައްކާލާފަ އެވެ. މުޅި ގޭމް ބިނާކޮށްފައިވާ އެ ޝަހްސިއްޔަތުގެ ވާހަކައިގެ ތެރެއިން ރާއްޖޭގެ މަޝްހޫރު ފުލޯކު ވާހަކަތަކުގެ ޝަހްސިއްޔަތުންނާ އޭނާ ކުރިމަތިލާނެ ކަމަށް ބެލެވެ އެވެ.

އާސިލްސް ދާން ބޭނުންވާ މިސްރާބު

އާސިލްސް އުފެދިގެން އައިއިރު ކުރިއަށް ދާން ގޮންޖެހުންތަކެއް ހުރި ކަމަށް މައިސާން ފާހަގަކުރި އެވެ. އެ ގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް އޭނާ ފާހަގަކުރީ ގޭމް ޑިވެލޮޕްމަންޓް މަސައްކަތަށް ބޭނުންވާ ފަންޑިން ހޯދުމުގެ މަސައްކަތެވެ. އާސިލްސްގެ ގޭމް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަށް މިހާރު ވެސް ފަންޑިންގެ ކަންކަން ހަމަޖައްސަނީ ކުންފުނީގެ ތެރެއިން އިތުރު މަސައްކަތް ކޮށްގެންނެވެ.

"މިހާރު ވެސް ބޮޑަށް ސެލްފް ފަންޑިންގަ މުޅި ތަން މި ރަން ކުރަނީ، އެ ގޮތުން ސައިޑް ޖޮބްސްތައް ކޮށްގެން، އެނިމޭޝަންސް، އެޑްވަޓައިޒްމަންޓް ވީޑިއޯސް، ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދިނުމުގެ ސާވިސަސްތައް ދީގެން ލިބޭ އިންކަމްއިން، ކުރިއަށް އޮތް ތަނުގައި ވެސް ބޮޑަށް މި ބަލަނީ ހަމަ ސެލްފް ފަންޑިންގަ ހިންގަން، އެހެންވިޔަސް އިންވެސްޓާސް ހޯދަން މަސައްކަތް ކުރަން، ލިބޭނެކަމަށް ބޮޑަށް މި އުއްމީދު ކުރަނީ ވެސް،" މައިސާން ބުންޏެވެ.

މައިސާން ފާހަގަކުރި ގޮތުގައި، ދެން އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ގޭމް ޑިވެލޮޕިއަންއަށް ބޭނުންވާ މީހުން ހޯދުމެވެ. މީހުން ހޯދަން ދަތިވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ރާއްޖޭގައި ގޭމް ޑިޒައިނިން އަދި ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއެރުންތައް ލިބިފައި ނެތް ކަމެވެ. އަދި ގޭމް ޑިޒައިނިން އަދި ޑިވެލޮޕިން ފަދަ މަސައްކަތަކަށް ގިނަ މީހުން ވެސް ބޭނުންވެ އެވެ.

"ދެވަނަ ކަމަކަށް އެންމެ ބޮޑު ގޮންޖެހުމަކީ ގޭމް ޑިވެލޮޕިންއަށް ބޭނުންވާ މީހުން ހޯދުން، ގޭމް ޑިވެލޮޕިންއަށް ރަނގަޅު ޓީމެއް އެބަ ބިލްޑް ކުރަން ޖެހޭ، ގިނަ މީހުން ބޭނުން ވާނެ، އެހެންވިޔަސް މިހާތަނަށް ހޯދިފައި ތިބި މީހުންނަކީ ހަމަ ހުނަރުވެރި މޮޅެތި ބައެއް، އެހެން މީހުންނާ އެކީ މަސައްކަތް ކުރުން ހަމަ ވަރަށް ސަޅި،"

ގޮންޖެހުންތައް ހުރި ނަމަވެސް އާސިލްސް ވުޖޫދުވީ ރާއްޖޭގައި ގޭމް ޑިވެލޮޕްމަންޓް ސިނާއަތެއްގެ ގޮތުގައި ތައާފަރު ކުރުމަށް ކަމަށް އާސިލްސްގެ ޓީމުން ބުނެ އެވެ. އަދި ދިވެހިންގެ ތެރޭގައި ހުރި އެފަދަ ހުނަރުވެރިންނަށް ކެރިއާއެއް ގެނެސް، އަސްދަނޑިން ބޭރަށް އެ ހުނަރުވެރިންގެ ހުނަރުތައް ގެންދެވޭނެ ގޮތް ވުމުގެ އިތުރަށް ގޭމްސްތަކުގެ ޒަރީއާއިން ބޭރު މީހުންނަށް ދިވެހި ސަގާފަތް އެކްސްޕްލޯ ކުރެވޭނެ ގޮތެއް ހެދުމަކީ އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.