ރިޕޯޓް

މާނަ ފުން ކުރެހުމަކުން މުސްތަފާ ދިން މުހިންމު މެސެޖު!

ފަންނާނުންގެ ފަންނުތައް ބެލުމަކީ އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެހެންވެ މޯލްޑިވްސް އާޓިސްޓް އެސޯސިއޭޝަން (މެކް) އިން އިންތިޒާމުކޮށްގެން މާލޭގައި ހުންނަ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި މި އަހަރުގެ ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލާ މައުރަޒަށް ގޮސްލީމެވެ.

"އަންވެއިލިން ވިޝަންސް 2019" ގެ ނަމުގައި ބޭއްވި އެ މައުރަށް ވަނުމާއެކު ވަށައިގެން ފެނުނީ ހުނަރުން ފުރިފައިވާ އާޓިސްޓުންގެ ތަފާތު ކުރެހުންތަކެވެ. ފަހަރަކު ކުރެހުމެއް ކައިރިއަށް ގޮސް މަޑުކޮށްލީމެވެ. ކޮންމެ ކުރެހުމެއް ވެސް އެހާމެ ރީއްޗެވެ. ކޮންމެ ކުރެހުމެއް ކައިރީގައި އެ އާޓިސްޓެއްގެ ނޯޓެއް ފާރުގައި ތަތްކޮށްފައިވެ އެވެ. އެ ނޯޓު ވެސް ކިޔާލަމުން ގެންދިޔައީމެވެ. އެ ގޮތަށް ފަހަރަކު ކުރެހުމެއް ބަލަމުން ދަނިކޮށް ވަރަށް ތަފާތު ކުރެހުމެއް ލޮލުގައި އަޅައިގަތެވެ.

މައިގަނޑު ގޮތެއްގައި ރީނދޫ ކުލައިގެ އޮއިލް ޕެއިންޓް ބޭނުންކޮށްފައިވާ އެ ކުރެހުމުގައި ފެންނަނީ ފާހާނާތަށްޓެކެވެ. އެ ފާހާނާތަށީގެ ތެރެއަށް ދެ ފޮތެއް އެއްލާލާ މަންޒަރު ފެންނައިރު، ފާހާނާއާ ގުޅިފައިވާ ހޮޅިއަކުން 1000 ރުފިޔާގެ ދެ ނޫޓު ނުކުންނަ މަންޒަރު ފެނެ އެވެ. ފާހާނާތަށީގައިވާ ފެން ހޮޅި އޮތީ ބަންދުކޮށްފަ އެވެ. ކުރެހުން ކުލަ ޖައްސާފައިވާ ކެންވަސްގެ ވަށައިގެން އޮތީ ޕެލެޓް ފިލައިން ހަދާފައިވާ ފްރޭމެކެވެ.

ކުރެހުން ފެނުމާއެކު އެންމެ ފުރަތަމަ ވެސް ހިތަށް އެރީ މި ކުރެހުމުން އާޓިސްޓް އަންގައިދޭން އުޅެނީ ކޮން ވާހަކައެއް ބާވައެވެ. ކޮންމެއަކަސް އެ ކުރެހުމުން ދޭހަވަނީ ކޮން ކަމަކާ މެދު ވިސްނާލަން ޖެހިއްޖެ އެވެ. ބަޔަކު ފާހާނާ ތައްޓަށް ފޮތްތަކެއް އުކާލަންވީ ކީއްވެ ހެއްޔެވެ؟ އަދި ފާހާނާ ގުޅިފައިވާ ހޮޅިން ރުފިޔާ ނުކުންނަވީ ކީއްވެބާވައޭ؟ އެ ތަށި އެ މަސައްކަތް ކުރަނީ މެޝިނެއްގެ ގޮތުގައި ބާވައޭ، އަޅާ ކޮންމެ ފޮތަކަށް ފައިސާގެ ނޫޓެއް ޗާޕުކޮށްގެން ނެރެނީއޭ ވެސް ހިތަށް އެރި އެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން މުސްތަފާ މުހައްމަދުގެ އެ ކުރެހުމުގައި ދައްކުވައިދޭ ކަންތައް އޭނާ ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. ކުރެހުމުގައި އެ ފެންނަ ފޮތްތައް ރަމްޒު ކޮށްދެނީ އިލްމު ނުވަތަ ނޮލެޖެވެ. ކުރެހުމުން ފެންނަ ނޫޓުތަކަކީ ގޯސް ގޮތުގައި ހޯދާ ކަޅު ފައިސާ އެވެ. ޖުމުލަކޮށް މުޅި ކުރެހުމުން ދައްކުވައިދެނީ ލިބިފައިވާ އިލްމު ބޭނުންނުކޮށް، ކަޅު ފައިސާއަށް އެ އިލްމެއް ބަޔަކު ވިއްކާލުމެވެ. ކުރު ގޮތަކަށް ބުނާނަމަ ކޮރަޕްޝަންގެ ފުންމިން އޮތީ އެހާ ވެސް ހަޑި ގޮތަކަށެވެ.

"އެ ފޮތްތައް ފާހަނަ ތެރެއަށް މި އަޅަނީ އެ ކަންކޮށްގެން ރުފިޔާ ނުކުންނާތީވެ، އެ ރުފިޔާގެ ދަހިވެތިކަމުގައޭ އެ ފޮތްތައް މި އަޅަނީ، ދެން ފާހަނާ އެ ތަނަށް ގެނައީ އެ ވަރަށް ހަޑިކޮށްލުމަށް، އެއިރުން އެބަ އަންގައިދޭ ފޮތް އެއްލާލައިގެން ފައިސާ ހޯދެން މި އޮންނަނީ ވެސް ހަޑިގޮތަކަށް ކަން، އެ ލިބޭ ފައިސާ ހަޑިވާނެކަން، ފެން ހޮޅިވެސް އެއިނީ ބަންދުކޮށްފަ، އެހެންވެ ފޮތް ވެސް އެ އެޅެނީ ފެނެއް ވެސް ނާޅާ،" ޑިޖިޓަލް ކުރެހުމަށް ވެސް ޝައުގުވެރިކަން ހުންނަ މުސްތަފާ ބުންޏެވެ.

ކޮރަޕްޝަންގެ ފުންމިން އޮތް ގޮތް ކުރެހުމަކުން ސިފަކޮށްދޭން ތަފާތު ވިސްނުމެއް އައި ގޮތަކާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން މުސްތަފާ ބުނީ، އެފަދަ ކުރެހުމެއް ވިސްނަން އެންމެ ފުރަތަމަ ހިތަށް އެރީ ސްކޫލްތަކުގައާއި ކޮލެޖްތަކުގައި ކިޔަވައިދޭ މާއްދާތަކުގައިވާ އުސޫލުތަކާ ހިލާފަށް، ޕޮލިސީ ލެވެލްގައި ނިންމުންތައް ނިންމާ ފަރާތްތަކުން އަމަލު ކުރާތަން ފެންނާން ފެށީމަ އެވެ.

"ނޮލެޖް މިއީ އަހަރެމެންނަށް ހެވާއި ނުބައި، ރަނގަޅާއި ގޯސް ކިޔައިދޭ މަސްދަރު ދޯ، އެ ނޮލެޖް ހޯދައިގެން ދޯ މަތީ ވަޒީފާތަކަށް ވެސް މި ދެވެނީ، ޑިޒިޝަން މޭކިން ޕޮޒިޝަންސްތަކަށް ވެސް މި ދެވެނީ، އެ މަގާމުތަކުގައި ތިބި މީހުން ސްކޫލް އިރުގައި މި ކިޔެވީ ހަމަ އަހަރެމެން ކިޔެވި މާއްދާތައް، ނޫނީ މިހާރު ކޮލެޖްގައި ކިޔަވަމުން މިދާ މާއްދާތައް، އެކަމަކު އެ މީހުންގެ ޑިޒިޝަންތައް މި ހުރީ އިދިކޮޅަށް، އެހެންވާ ސަބަބަކީ ފައިސާގެ ބޭނުމަށް އޭނާގެ ނޮލެޖް އެއްލާ ލަނީ ކަމަށް އެބަ ބެލެވޭ،" މޯލްޑިވްސް ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ރޮނގުން ތައުލީމު ހާސިލު ކުރަމުންދާ މުސްތަފާ ބުންޏެވެ.

ކުރެހުން ސްކެޗް ކުރަން ފަށައި މުޅި ކުރެހުން ތިން ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ނިމުނު ނަމަވެސް އެ ހިޔާލު ބިނާ ކުރުމަށް މަސްތަކެއް ނެގި ކަމަށް މުސްތަފާ ބުންޏެވެ.

"ވިސްނަމުން ދިޔައީ ފައިސާގެ ދަހިވެތިކަމުގައި ކޮރަޕްޝަނާ ދިމާއަށް ބަޔަކު މި ދަނީ އަސްލު ވަރަށް މުހިއްމު އެއްޗެއް ދޫކޮށްލާފައިކަން ދައްކުވާއިދެން، މިހާރު އެ ފެންނަ ހިޔާލާ ހަމައަށް ދާން މަސްތަކެއް ނެގި އަސްލު، އެންމެ ފުރަތަމަ ހިތަށް އެރި ފޮތްތަކެއްގެ މައްޗަށް ވެލި އަޅާފައި، އޭގެ މަތީގައި ނޫޓުތައް ދައްކަން ވެސް، ދެން ފަހުން ހިތަށް އެރީ ދައްކާނީ މެޝިނެކޭ، ބޮޑު މެޝިނެއް، މިހާރު އެ ފެންނަ ގޮތަށް މެޝިނަކަށް ފޮތް ލާފައި، ފައިސާގެ ނޫޓުތަކަށް ކޮންވާޓު ވެގެން ދާ ގޮތަށް،"

ނަމަވެސް، ފަހުން ފާހާނާ ތަށްޓެއް ކުރެހުމަށް ވިސްނީ ވީހާ ވެސް ބޮޑަކަށް އެއީ ހަޑި ކަމެއް ކަން އަންގައިދިނުމުގެ ގޮތުންނެވެ. އަދި ފާހާނާތަށީ ތެރޭގައި ވާ ކަންކަމަކީ އެނގޭނެ ކަންކަމަށް ނުވާތީއާއި ކޮރަޕްޝަންގެ ކަންކަމުގެ އަޑި ވެސް ނޭނގޭތީ ކޮންވާޓާ ބޮޑު މެޝިނަކަށްވުރެ ފާހަނާ ތަށީގެ ވިސްނުން މާ ކަމުދިޔައީ ކަމަށް އޭނާ ބުންޏެވެ.

ސްކޫލްގެ ކީ ގްރޭޑްތަކުގައި ކިޔެވި ދުވަސްވަރުން ފެށިގެން ކުރެހުމުގެ ޝައުގުވެރިކަން ހުންނަ މުސްތަފާ ބުނި ގޮތުގައި އޭނާ ކުރެހުމުގެ ތެރެއިން އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަނީ "ސައްރެލިޒަމް" ކުރެހުންތަކަށެވެ. އެއީ ހަގީގީ ދިރިއުޅުމުގައި ފެންނަ ކަންތައްތައް ނުވަަތަ މުޖުތަމައުުގައި ހުންނަ މައްސަލަތަކެއް، ހިޔާލީ ގޮތަކަށް ސިފަކޮށްދޭ ކުރެހުންތަކުގެ ބާވަތެވެ. އަދި އެފަދަ ކުރެހުމެއް ކުރަހާއިރު ވެސް ބޮޑަށް ސަމާލު ކަން ދެނީ، އެ ކުރެހުމެއް ފެނުމުން، މީހުން އެއާ މެދު ވިސްނާލަން ޖެހޭ ގޮތަކަށް ކުރެހުމެއް ހުށަހަޅައިދިނުމަށް ކަމަށް އޭނާ ބުންޏެވެ.

"ކުރެހުމެއް ފެންނައިރު، އެ ކުރެހުމަކުން އެއްވެސް ކަމެއް އަޅައިނުގަނެ ދާ ކުރެހުން ހުންނާނެ، ނޫނީ އެ ކުރެހުމެއް ފެނުނީމަ އޭގަ އެ އޮންނަ ހުރިހާ ކަމެއް އެނގިގެންދާނެ ކުރެހުން ވެސް ހުރެދާނެ، އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުރެހުމެއް ފެންނަ މީހަކަށް އެއާ މެދު ވިސްނާލަން ޖެހޭ ގޮތަކަށް އަހަރެންގެ ކުރެހުން ހުށަހަޅައިދެވޭތޯ،" މީގެ ކުރިން ވެސް އާޓިސްޓުންގެ އެ މައުރަޒުގައި ބައިވެރިވެ ކުރެހުންތައް ހުށަހަޅާފައިވާ މުސްތަފާ ބުންޏެވެ.

މުސްތަފާ ބޭނުންވާ ގޮތަށް، މި އަހަރުގެ މައުރަޒަށް އޭނާ ހުށަހެޅީ އެފަދަ ތަފާތު ކުރެހުމެކެވެ. އޭނާގެ ކުރެހުމުން މާނަ ފުން މެސެޖެއް އަންގައިދިނުމަށް ބޭނުން ކުރީ ތަފާތު އުކުޅެކެވެ. މައުރަޒަށް ގޮސް އެ ކުރެހުން ކައިރީ މަޑުކުރި ގިނަ މީހުން އެއިން އަންގައިދޭ މެސެޖަކާ މެދު މުސްތަފާއާ ސުވާލުކުރާ ކަން ވެސް އެ ކުރެހުން ކައިރި މަޑުކޮށްލެވުނު ކުޑަ ވަގުތުކޮޅުގައި ވެސް ފާހަގަކުރެވުނެވެ. ކޮރަޕްޝަންގެ ފުންމިން ސިފަކޮށްދިނީ ހަމަ "ފުން މިން ނޭނގޭ ފާހާނާތަށްޓަކުން" އެވެ.