ސަރުކާރުގެ ސިޔާސަތުތަކަށް ތުންދަމައިގެން ތިބި މީހުން ބުނާނީ އެމީހުންނަށް ވަރިހަމައޭ އެވެ. ސަރުކާރުން ކިތަންމެ ބޮތްކެއް ދިއްލިޔަސް، ކިތަންމެ ބިނާއެއް ކޮޅަށް ނެގިޔަސް އަދި ކޮންމެ ވައްތަރެއް ޖެއްސިޔަސް އެމީހުންނަށް ވަރިހަމަ ވާހަކަ އެވެ. މާލެ އިން ބޭރުގައި، އެހެން ރަށްތަކުގައި ތިބި އާންމުންގެ ތެރެއިން ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި މީހުން ބުނާނީ ރީތިކުރަނީ ހަމައެކަނި މާލެ ކަމަށެވެ.
ކޮންމެއަކަސް، މި ވާހަކަތަކުގައި ހަގީގަތެއް ވިޔަސް އަދި ހަގީގަތެއް ނެތަސް، ވެރިކަން ކުރާ ރަށުގެ ރަސްމީ ފާލަން ހުޅުވަން ތައްޔާރުވެ މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލުމުގެ ބޮޑު މަޝްރޫއެއްގެ އަމަލީ މަސައްކަތްކުރިއަށްދާއިރު ހަނދާނަށް އަންނަ ވަރަށް މުސާނަބު ލަވައެއް އެބައޮތެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ ހަމަ އެ ވަރަށް މަޝްހޫރު ލަވަ "މަގޭ މާލެ" އެވެ.
އެ ލަވައިގައި ހައްސާނު ބުނަނީ މިހެންނެވެ.
"ސިޑްނީ ބަނދަރަށް, ދިރުނބާ އެނބުރުމުން"
"ފެނިފާ ރިވެތިކަން, ބަނދަރުގެ މަންޒަރުން"
ހައްސާނު އެ ދައްކަނީ ސިޑްނީ ހާބަރުގެ ހިތްގައިމުކަމާ ގުޅިފައިވާ ބްރިޖާއި އެތަނާ އިންވެގެން ކަހަލަ ގޮތަކަށް ގާއިމުކޮށްފައިވާ މަޝްހޫރު ބިނާ، ސިޑްނީގެ އޮޕެރާ ހައުސްގެ ވާހަކަ އެވެ.
ބްރިޖާއި ސިޑްނީގެ އޮޕެރާ ހައުސްގައި ފުރާލާފައިވާ "ހުދު ކުލައިގެ ރިޔާތައް" ރާއްޖެއާ މި ދުވަސްކޮޅު ގުޅޭވަރު ބޮޑުކަމުން ހައްސާނުގެ މި ލަވައެއްގެ މި ތަންކޮޅު ހިމަނާނުލައި ކުރިއަށް ހަމަ ނުދެވުނީ އެވެ.
ހަމަ މި ލަވައިގައި ދެން ހައްސާނު ބުނާ ވާހަކަ އަކީ ވެސް ދިވެހިން އެ ވާހަކަ އަށް ފަހުރުވެރިވާނެ ވާހަކަ އެކެވެ. އަދި ފަހަރެއްގައި ހައްސާނުގެ މި ލަވައިގައި ބުނާ ވާހަކައާ އެއްބަސްނުވެ ތިބި މީހުން ވެސް އެންމެފަހުން ހައްސާނުގެ ވާހަކަ ގަބޫލުކުރަން ޖެހޭ ފަދަ ތަރައްގީއެއް ސަރުކާރުން އެއޮތް ގެންނަނީ އެވެ.
ނުވަތަ އެންމެފަހުން "މަގޭ މާލެ މާ ފަރިވެފަ ރީއްޗޭ" ބުނެލެވޭ ވަރުގެ ބިނާތަކެއް އަންނަނީ އެވެ.
ޔަގީނަށް ވެސް މިރޭ ހުޅުވާ ރަސްމީ ފާލަމަކީ މާލޭގެ ހިތްގައިމުކަން އިތުރުކޮށް މޭނާ ހައްސާނުގެ މި ލަވަ ދިވެހިންގެ ބޮލު ތެރެއަށް ވައްދާލާނެ ބިނާއެކެވެ.
"ހަނދާން ވަނީ، ނަލައޭ ޗާލޭ"
"މަގޭ މާލެ މާ، ފަރިވެފަ ރީއްޗޭ"
ލަވައިގައި ހައްސާނު ބުނަނީ މިހެންނެވެ. މި ލަވައެއްގެ ވީޑިއޯގައި ދައްކުވައި ދެނީ ދުނިޔޭގެ ހިތްގައިމު ބަނދަރުތަކުން ހިތްގައިމު ބިނާތައް ބަލަމުން އެ ބިނާތަކާއި އެ ތަންތަނުގެ ރީތިކަމާ ދިވެހި ރާއްޖޭގެ ރީތިކަން އަޅުވައި ކިޔަމުން ގެންދާ މަންޒަރެވެ.
އަދި މަޝްހޫރު ކޮންމެ ބަނދަރަކަށް ނުވަތަ ބިނާއެއް ފެންނަ ހިސާބަށް ގޮސް އެ ބުނަނީ "މަގޭ މާލެ ވަރެއް ނެތޭ" އެވެ.
ރަސްމީ ފާލަން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ހަފުލާ އަށް ގިނަ ބަޔަކު ދާނެ ކަމަށް ބެލެވެނީ ވެސް މި ފާލަމަކަށް ގެނެސްފައި އެހެރަ ބަދަލުތަކަކުން މާލޭގެ މޫނުމަތި އިތުރަށް ޗާލޫވެގެންދާނެ ކަމަށް ބެލެވޭތީ އެވެ. ހުދު ކުލައިގެ ތިން ރިޔާ ބަނޑުއޮޑިއެއްގައި ނަގައިފައި ހުންނައިރު ހުންނަގޮތާ އެއް ޒާތަކަށް ޑިޒައިންކޮށްފައިވާ ރަސްމީ ފާލަން ވެސް މިހާރު ހީވަނީ "ކުޑަ ވަރެއްގެ އޮޕެރާ ހައުސްއެއް" ހެންނެވެ.
ހައްސާނުގެ ލަވައިގެ ދެން އޮތް ބައި ވެސް މި ދުވަސްކޮޅާ އަދި ވަކިން ހާއްސަކޮށް ފާހަގަކުރަމުން މިދާ ކުލަގަދަ މުނާސަބަތާ ވެސް ނިކަން ގުޅެ އެވެ. ލަވައިގައި އޭނާ ވަނީ ކުލަބޮކީގެ ހިތްގައިމުކަމުގެ ވާހަކަ ވެސް ގެނެސްދީފަ އެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން މި ދުވަސްކޮޅަކީ ކާނިވަލެއްހެން މާލެ ދިއްލާލާފައިވާ ދުވަސްކޮޅެކެވެ. އެހެންވީމަ ލަވައިގައި ހައްސާނު ބުނާހެން ނިއު ޔޯކްގެ ކުލަތަކަށް ވުރެން ވެސް މާލޭގެ ކުލަތަކުގެ ހިތްގައިމުކަން މި ދުވަސްކޮޅު ބޮޑެވެ.
"ނިއު ޔޯކް ކުލަކުލައިން ފޮނުވާ އަލިތަކުން"
"ހިނިތުންވެފާ އެ ފަރި މަންޒަރު ބަލާލަމުން"
ހައްސާނު ބުނަނީ މިހެންނެވެ. ދެން އޭނާގެ ހަނދާނަށް އަންނަނީ މާލޭގެ ރީތި ކަމާއި ހިތްގައިމުކަމުގެ ވާހަކަ އެވެ.
ޔަގީނަށް ވެސް ނިއު ޔޯކުން އެ ފޮނުވާ ކުލަކުލައިގެ އަލިތަކަށް ވުރެ މި ދުވަސްކޮޅު މާލެ ތެރެއިން އަރުވާ ކުލަ އާއި ހަވާގެ އަލި ގަދަވެފައި ނަލަ ކަމެވެ.