ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.
މިކަމާ ގުޅޭގޮތުން ގިބްލަ އުމްރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވީ ޑރ ޝަހީމް އެކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމްއަކީ ހައްޖާއި އުމްރާގެ ކަންކަމުގެ އިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި ގިބްލަގެ އަމާޒަކީ ޑރ ޝަހީމްގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ހިދުމަތްތައް ތަރައްގީ ކުރުން ކަމުގައި ޔާމިން ފާހަގަކުރެއްވި އެވެ.
ޑރ. ޝަހީމަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަގާމަށް ވެސް އައްޔަން ކުރައްވާފަ އެވެ. ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގެ އިތުރުން އިސްލާމީ ޔުނިވާސިޓީ އުފައްދަވާ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމާއި ޗާންސެލާކަން ވެސް ކުރައްވާފަ އެވެ.
ގިބްލަ ހައްޖު އެންޑް އުމްރާއަކީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ފަރާތުން މިއަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.