ހަބަރު

ނޫސްވެރިންނަށް ފުލުހުން ހުރަސްއެޅި މައްސަލައެއް ބަލަނީ

މިދިއަ ބުރާސްފަތި ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރިކުރި ވަގުތު އެ ސަރަަަހައްދުގައި ތިބި ނޫސްވެރިންގެ މަސައްކަތަކަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ.

އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ދިރާސާކުރަން އެ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް، ކޮމެޓީއެއް އެކުލަވާލާފަވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ނޫސްވެރިންގެ ވާޖިބު އަދާކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލާ، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަކީ ގާނޫނީ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދީބު ކޯޓަށް ހާޒިރުކުރި އިރު ފުލުހުން ހުރަސްއެޅި ކަމަށް ބުނާ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން ވަނީ އެ ސަރަަހައްދުގައި ތިބި ނޫސްވެރިން ދުރަށް ދާން އަންގާފަ އެވެ.