ރިޕޯޓް

އީދު: ޓޫރިޒަމް ކަލަންޑަރަށް ނުލަނީ ކީއްވެ؟

ދުނިޔޭގައި ފާހަގަ ކުރާ ބޮޑެތި ބަންދުތައް ރާއްޖޭގެ ޓޫރިޒަމް "ކަލަންޑަރުން" ޖާގަ ދީފައިވެ އެވެ. މި ދުވަސްތަކާ ދިމާކޮށް ޓޫރިޒަމް ސިނާއަތުގައި ޕްރޮމޯޝަން އަޅުވައި ޓޫރިސްޓުން ތިބޭ ތަންތަން މަރާމާތުކޮށް ތައްޔާރުވެ އެވެ. ނަމަވެސް އަލްހާ އީދު ނުވަތަ ބޮޑު އީދާ ގުޅިގެން މި އަންނަ މަޖާ ދުވަސްތައް ރާއްޖޭގެ ޓޫރިޒަމަށް ހާއްސައެއް ނުވެ އެވެ. މި ދުވަސް ރާއްޖޭގައި ހާއްސަ ވަނީ ހަމައެކަނި ދިވެހިންނަށެވެ. އީދުގެ ބޮޑު ޗުއްޓީ އަންނަކަން ގިނަ ރިސޯޓުތަކުގައި ތިބޭ ޓޫރިސްޓުންނަށްނު ވެސް އެނގެ އެވެ. ނަމަވެސް ބޮޑު އީދަކީ ގިނަ އަދަދެއްގެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފެސްޓިވަލް އެކެވެ. އެހެންވީއިރު، އީދު ޓޫރިޒަމް ކަލަންޑަރަށް ނުލަނީ ކީއްވެގެން ހެއްޔެވެ؟

"އީސްޓާ އަށް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް މީހުން ގެނޭ. އެގޮތަށް އީދު ވެސް ޕްރޮމޯޓް ކުރަން އެބަޖެހޭ. ރާއްޖޭގެ ޓޫރިޒަމްގައި މާކަބޮޑު ސަމާލު ކަމެއް ދޭ ކަމެއް ނޫން އީދުގެ ދުވަސް ތަކަކީ. އެކަމަކު މިއީ ހަގީގީ ބޮޑު ފެސްޓިވަލްއެއް،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ބޮޑެތި މުސްލިމް ގައުމު ތަކަށް އަލްހާ އީދުގައި ގިނަ ބަޔަކު ދަތުރުކުރެ އެވެ. މިއީ އުފާފާޅު ކުރުމުގެ ބޮޑު އީދެކެވެ. އީދާ ދިމާކޮށް މި ގައުމުތަކަށް ދަތުރު ކުރަނީ ހަމައެކަނި މުސްލިމުން އެކަންޏެއް ވެސް ނޫނެވެ. މުސްލިމް ނޫން މީހުން ވެސް އެ ގައުމު ތަކަށް ދަތުރުކުރެ އެވެ. ސަަބަބަކީ މި ދުވަސްވަރު އެ ގައުމުތަކުގައި އޮންނަ ހާއްސަ ހަރަކާތްތައް ބަލައިލައި ސަގާފަތް ތަޖުރިބާކޮށްލުމެވެ. އަދި މި ދުވަސް ވަރާ ދިމާކޮށް އެ ގައުމުތަކުގައި ހާއްސަ ޕްރޮމޯޝަންތައް ބާއްވައި އެކްޓިވިޓީތައް ވެސް ހިންގަ އެވެ. ބޮޑެތި ޝޮޕިން ފެސްޓިވަލްތައް އޮވެ އެވެ. މި ފޯރި އެންމެ ބޮޑަށް ނަގަނީ މެދުއިރުމަތީގެ ގައުމުތަކުގަ އެވެ. ނަމަވެސް ތައިލެންޑުގެ ބޮޑެތި ހޮޓާތަކަކީ ވެސް މުސްލިމް ޓްރެވަލާސް އަށް އީދާ ދިމާކޮށް އޮފާސް ދޭ ހޮޓާ ތަކެވެ.

ގިނަ ގައުމު ތަކަށް އީދުގައި ބޮޑު ފައިދާއެއް

އީދުގައި އެންމެ ފޯރި ނަގާ އެއް ގައުމަކީ ތުރުހީކެވެ. އެ ގައުމުން އީދު އައުމުގެ ދެ ހަފުތާ ކުރިން ފެސްޓިވަލް ފަށަ އެވެ. އެހެންވެ އެ ގައުމުގެ ޓޫރިޒަމަށް މީގެ ފައިދާ ބޮޑެވެ. ތުރުކީގެ ޓޫރިޒަމް ތަފާސް ހިސާބު ތަކަށް ބަލާއިރު، އެ ގައުމަށް އަލްހާ އީދުގެ ބަންދުގައި ފަސް މިލިއަން މީހުން މި އަހަރުވެސް ދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި މި މީހުން އެ ގައުމުގައިކުރާ 1.6 މިލިއަން ޑޮލަރު (10 ބިލިއަން ޓާކިޝް ލީރާ) އަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.

ތުރުކީގެ ހޮޓެލިއާ ފެޑަރޭޝަންގެ ހެޑް، އުސްމާން އެއިކް ވިދާޅުވި ގޮތުގައި އީދާ ގުޅުވައިގެން ކުރިއާލާ ބަންދުކޮށް ހިންގާ ޕްރޮމޯޝަން ހަރަކާތްތަކުގެ ސަބަބުން އެ ގައުމުގެ އިކޮނޮމީ އަށް ބޮޑު ފައިދާ ތަކެއް ކުރެ އެވެ.

"ހަމައެކަނި ހޮޓާ ތަކަށް ލިބޭ އާމްދަނީ ވެސް އެއް ބިލިއަން ލީރާ އަށް ވުރެ މަތި،" އުސްމާން ވިދާޅުވި އެވެ.

ބޮޑު އީދުގައި ރާއްޖޭގައި ސަގާފީ ގިނަ ކުޅިވަރު ތަކެއް ކުޅެ އެވެ. އެހެންވެ، މި ކުޅިވަރުތައް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދައްކާލުމަކީ ކުރެވިދާނެ ކަމެކެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ ދުވަސްވީ ބޭފުޅަކު ވިދާޅުވި ގޮތުގައި އީދަކީ ފެސްޓިވަލްއެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވިދާނެ ކަމަށެވެ.

"ރިސޯޓު ތަކުން ވެސް ދުރާލާ ޑިސްކައުންޓްތަކާއި އޮފާސްތައް ދޭން ޖެހޭނީ. އޭރުން މި ޕްރޮމޯޓް ކުރެވޭނެ،"

ރަށު ޓޫރިޒަމް ފެސްޓިވަލަށް ހެދިދާނެ

ބޮޑު އީދަކީ ގެސްޓްހައުސް ސިނާއަތު ދުނިޔޭގައި ޕްރޮމޯޓް ކުރަން ބޭނުން ކުރެވިދާނެ "ޓޫލް" އެކެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ރަށު ޓޫރިޒަމް ނުވަތަ ބަޖެޓް ޓްރެވަލާސްގެ ގޮތުގައި ދުނިޔޭގައި ގިނަ ބަޔަކު ދުނިޔޭގައި ތިބިއިރު، އީދު ފެސްޓިވަލްއެއްގެ ގޮތުގައި އިޝްތިހާރު ކޮށްފިނަމަ މީގެ ފައިދާ ކުރާނެ ކަމެވެ. މި ގޮތަށް އިޝްތިހާރު ކުރެވިއްޖެނަމަ މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ގެސްޓްހައުސް ތަކަށް އަންނަ ދުވަސް ވަރަކަށް ހެދިދާނެ އެވެ.

ބޮޑު އީދު މި އަންނަނީ ޓޫރިޒަމްގެ އޮފް ސީޒަންގަ އެވެ. އެހެންވެ އޮފް ސީޒަންގެ ސަބަބުން ޓޫރިޒަމް ޕްރޮޕަޓީތައް ޑައުންގްރޭޑް ކުރަން ނުޖެހޭވަރު ކުޑަ ކުރެވޭނެ އެވެ. ސަބަބަކީ އީދުގެ މަޖާ އެންމެ ބޮޑަށް ނަގަނީ ރަށް ރަށުގައި ކަމަށްވުމެވެ. އެހެންވެ، ރަށް ރަށަށް ޓޫރިސްޓުން ގެންގޮސް ކުޅިވަރުތަކުގައި ބައިވެރި ކުރުމުގެ ފުުރުސަތު އޮތުމެވެ. މިކަންވާނީ ރާއްޖޭގެ ޓޫރިޒަމަށް މިހާރު އޮތް ޝައުގުވެރިކަން އިތުރު ކުރެވިދާނެ ކަމަކަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މިހާރު މި އޮތީ "ސަން" އާއި "ސޭންޑް" އަދި "ސީ" އެވެ. ރާއްޖެ އަށް އެންމެ ގިނައިން މީހުން އަންނަ ސަބަބުތަކުގެ ތެރޭގައި ސުލްހަވެރިކަމާއި ހަނީމޫން މަންޒިލަކަށްވުމުގެ އިތުރުން މި ގައުމުގައި "އީދު ފެސްޓިވަލް" އޮތުން ވެސް މިއީ ކަލަންޑަރަށް ލެވިދާނެ ކަމެކެވެ.

އީދުގައި ސަގާފީ ކުޅިވަރުތައް ކުޅެ އެވެ. އަދި މި ކަންކަމަކީ ރާއްޖެ އަންނަ ގިނަ މީހުން ދުވަހަކު ވެސް ތަޖުރިބާ ނުކުރާނެ ކަންކަމެމެވެ. މިހާތަނަށް އަންނަ ގިނަ މީހުން ސަން ޓޭންކޮށްގެން ގައުމަށް ދަނީ އެވެ. ނަމަވެސް ދިވެހި ސަގާފީ ކުޅިވަރު ފެސްޓިވަލްއެއްގައި ބައިވެރިވެލަން ފުރުސަތު ފަހިކޮށް ދެވިއްޖެނަމަ އެ ވާނީ ތަފާތު ތަޖުރިބާ އަށެވެ. ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރުވާނެ ކަމަކަށެވެ.