އެމްއެންޑީއެފް

ރިސޯޓެއްގެ ފަޅުގައި އޮތް ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަނީ

ގއ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގައި ފަޅު ތެރޭ އަޅާފައި އޮތް "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

ސިފައިން ބުނީ، މިއަދު ހެނދުނު 7:10 އެހާކަންހާއިރު ދޯނި ގެއްލުނު ކަމުގެ ރިޕޯޓް ލިބުމުން، މިހާރު ކޯސްޓް ގާޑުން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެ ދޯނި ގެއްލުނީ ވިއްސާރަ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް ސިފައިން ބުންޏެވެ. ދޯނި ގެއްލުނު އިރު މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށްވެސް ސިފައިން ވަނީ ބުނެފަ އެވެ.

ގެއްލިގެން ހޯދަމުންދާ ސަޕްލައި ދޯނީގެ 75 ފޫޓު ހުރެ އެވެ. ދޯނީގެ ބޭރުގައި ހުދުކުލަ ލާފައިވާއިރު ވަށައިގެން ނޫކުލައިގެ ފަށެއް ދާމަފައި ހުންނާނެ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. ސަޕްލައި ދޯނި އެންމެ ފަހުން ފެނިފައިވަނީ ރިސޯޓުގެ ފަޅު ތެރެއިން ރޭ 2:00 ޖެހި އިރު އެވެ.

ދޯނި ގެއްލިފައިވާ ކަމަށް ބެލެވެނީ ފަތިހު 5:30 އެހާކަންހާއިރު ކަމަށް ވެސް ސިފައިން ބުންޏެވެ.