ކަނޑުމަތީގެ ހާދިސާ

މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއް ދިޔަވަނިކޮށް ފުލުހުން ފުންކޮށްފި

އިއްޔެގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ދޯނި ފުންކޮށްފި އެވެ.

ފުލުހުން ބުނީ، ދޯނި ދިޔަވާތީ އެ ދޯނީގެ މައުލޫމާތު ހޯދައި، ވެރިފަރާތަށް ހޯދައި ދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އެ ލޯންޗު ފުންކޮށްފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ގަލޮޅު ވިލީ ފުލުހުންނެވެ.

މިއަދު ގދ. ހޯޑެއްދޫ އަށް ކުރި ވިއްސާރައިގެ ސަބަބުން އެރަށު ބަދަރުމަތީގައި ހުރި ބޮޑު ދެ ކަޅު ހަން މޫދަށް ވެއްޓުމުގެ ސަބަބުން ފުލުހުން ދަނީ އެ ދެހަން ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ހޯޑެއްދޫ ކައިރިން ދަތުރު ކުރާއިރު ސަމާލުވެ ތިބުމަށް ވެސް ފުލުހުން ވަނީ އަންގާފަ އެވެ.

އިއްޔެ އާއި މިއަދު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުން ދާއިރު، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ވެސް ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ގއ. ވިލިގިލީގައި ވިއްސާރުވެ ވައިގަދަ ވުމުގެ ސަބަބުން، ވަނީ ބޮޑެތި ގަސްތަށް މަގުމައްޗަށް ވެއްޓިފައިވާއިރު ގެއެއްގެ ޑިޝް އެންޓާނެއެއް ވެސް ވަނީ ވަޔާ އެއްލައިގެން ގޮސްފަ އެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ. އަދި ހުޅަނގާއި ދެކުނުގެ ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަނޑިއަކު ފާސް މޭލާއި 35 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. މީގެ އިތުރުން މިއަދު ދެކުނުގެ ކަނޑުތަށް ގަދާވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.