ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ގެއްލުވި ރަށްތަކުގެ ހާލަތު އެބަ މޮނީޓާ ކުރަން: ޑިޒާސްޓާ

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރަތަކުގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކުގެ ހާލަތު މޮނީޓާ ކުރަމުން ދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ، ވިއްސާރައިގެ ސަބަބުން ފުރާޅު އެއްލައިގެން ދިޔަ ގެތަކުގެ ފުރާޅު އަލުން އެޅުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ދެކުނުގެ 28 ގެއެއްގެ ފުރާލު ވަނީ ވަޔާ އެއްލާލާފަ އެވެ.

އެންމެ ގިނައިން ފުރާޅު ވަޔާ އެއްލައިގެން ދިޔައީ، އައްޑޫ ސިޓީގަ އެވެ. އެރަށުން އެކަނި ވެސް 24 ގެއެއްގެ ފުރާޅު ވަނީ އެއްލާލި އެވެ. ދެން އެންމެ ގިނައިން ފުރާޅު އެއްލައިގެން ދިޔައީ ފުވައްމުލަކުންނެވެ. އެއީ ދެގެއްގެ ފުރާޅެވެ. ގއ. ވިލިގިލީގެ ގެއެއްގެ ފުރާޅުވެސް ވަނީ އެއްލައިގެން ގޮސްފަ އެވެ.

ފުރާޅު އެއްލައިގެން ދިޔުމުގެ އިތުރުންވެސް ދެކުނުގެ ރަށްތަކުގެ މަގުމައްޗަށް ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުން ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ. ވިއްސާރައިގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގެ މަގުތަކުގައި ވަނީ ފެން ވެސް ބޮޑުވެފަ އެވެ.

މޫސުން ލަފާކުރާގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ހުޅަނގާއި ދެކުނުގެ ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަނޑިއަކު ފާސް މޭލާއި 35 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. މީގެ އިތުރުން މިއަދު ދެކުނުގެ ކަނޑުތަށް ގަދާވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.